ސައުދީގެ މައި އެއާޕޯޓަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެ، 300 މީހުންނަށް އަނިޔާވެއްޖެ

ސައުދީ އެއާޕޯޓުން ދުން އަރަނީ: ސައުދީގެ މައި އެއާޕޯޓަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެ، 300 މީހުންނަށް އަނިޔާވެފައިވޭ --

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ދިން ވަރުގަދަ ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުންނަށް އަނިޔާވެއްޖެއެވެ.

ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްތީނު، ސީރިއާ، ސޫދާން އަދި މިސްރުގެ މީހުންނެވެ. މި ހަމަލާއާ ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މިއީ 2015 ވަނަ އަހަރުގެ މެއި މަހަށްފަހު ސައުދީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. ނަމަވެސް މިއީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއާޕޯޓަށް ހޫޘީން އަމާޒުކުރި މިފަދަ ތިން ވަނަ ހަމަލާއެވެ.

ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނިޔާވި 309 މީހުންނަށް އެކި ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ. އަދި އެއާޕޯޓަށް ލިބުނު ގެއްލުންތައް މިހާރު ވަޒަންކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ބުނި ގޮތުގައި، ސައުދީގެ އިރުމަތީގައި އޮންނަ ދައްމާމްގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް ވެސް އިއްޔެ ވަނީ ޕްރޮޖެކްޓައިލްއެއް ވެއްޓިފައެވެ.

ސައުދީ ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލްމާލިކީ ފަހުން ވިދާޅުވި ގޮތުގައި، ފަސިންޖަރުންގެ ޓާމިނަލަކަށް އަމާޒުކޮށް ދިން މި ހަމަލާގައި އާންމުންނާއި އެއާޕޯޓުގެ މުވައްޒަފުންނަށް ވަނީ އަނިޔާވެފައެވެ. އޭނާ ވަނީ މި ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި، މި ހަމަލާގެ ފަހަތުގައި ވަނީ ޔަމަންގެ ހޫޘީން ތިބި ކަމަށް ތުހުމަތުކުރައްވައިފައެވެ. އޭނާ ވަނީ މި ހަމަލާއަށް ރައްދުދޭނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

މި ހަމަލާއާ ގުޅިގެން ގަލްފުގެ ގިނަ އެއާލައިންތަކަކުން ވަނީ ރިޔާޟަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައެވެ. ކުވައިތު އެއާވޭސްއިން ބުނި ގޮތުގައި ދަތުރުތައް ކެންސަލްކުރީ އެއާޕޯޓުގެ ސަލާމަތީ ހާލަތަށް ރިއާޔަތްކުރުމަށްފަހުއެވެ. އޭވިއޭޝަން ޓްރެކިން ވެބްސައިޓް ފްލައިޓްރާޑާއިން ދައްކާ ގޮތުގައި، ރިޔާޟަށް ދަތުރުކުރަމުންދިޔަ ހުރިހާ ފްލައިޓެއް ވަނީ އެހެން މަންޒިލްތަކަށް ޑައިވާޓްކޮށް ނުވަތަ ކެންސަލްކޮށްފައެވެ.

ސައުދީގައި ހުރި ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން އެއާޕޯޓު ސަރަހައްދަށް ނުދިއުމަށް އަންގާފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ސައުދީއަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި މި ހަމަލާގައި އެމެރިކާގެ ރައްޔިތަކު މަރުވެފައިވާކަން އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ހޫޘީންނާ ދެކޮޅަށް ސައުދީން ދޭ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވެދާނެތޯ ނޫސްވެރިން ސުވާލުކުރުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެކަން އެގޮތަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެކަމާ މެދު ވިސްނާނަން. އެންމެ ފަހުގެ ހަމަލާގެ މައުލޫމާތު އަދި ކިރިޔާ މި ލިބުނީ، އެހެންވީމާ އަޅުގަނޑުމެން ގޮތެއް ނިންމާނަން. އަޅުގަނޑުމެން ފިޔަވަޅު އަޅާނީ ވަރަށް އަވަހަށް،" ޓްރަމްޕް ވިދާޅުވިއެވެ.

އިއްޔެގެ ހަމަލާގެ ކުރިން، އީރާނުގެ މަދަދު ލިބޭ ހޫޘީން ރިޔާޟު އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ސައުދީގެ ތިން ރައްޔިތަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޕައިލެޓަކުވެސް ހިމެނެއެވެ. އަދި މިދިޔަ ހަފުތާގައި ސައުދީގެ ދެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކެއްގައި އިތުރު ތިން މީހަކު މަރުވެފައިވެއެވެ.

ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫޘީންނާއި ސައުދީގެ ތާއީދު އޮންނަ ޔަމަން ސަރުކާރުގެ ސިފައިންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.

ސައުދީ އިސްވެ އޮންނަ ކޯލިޝަން އުފެއްދީ 2015 ވަނަ އަހަރު، ޔަމަންގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރު ވައްޓާލައި ހޫޘީން ވެރިކަމަށް އައުން ހުއްޓުވުމަށް އަރަބި ގައުމުތައް ގުޅިގެންނެވެ. އެ ކޯލިޝަނުން އަހަރުތަކެއް ވަންދެން ކުރަމުން އައި ހަނގުރާމައިގައި އެތައް ލައްކަ ބަޔަކު މަރުވެ، ދުނިޔޭގެ އެންމެ ބޮޑު އެއް އިންސާނީ ކާރިސާ ވަނީ އުފެދިފައެވެ. ނަމަވެސް، 2022 ވަނަ އަހަރު ވަނީ ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް ޖުލައި މަހު މި އެއްބަސްވުން ވަނީ ރޫޅެން ފަށާފައެވެ.

comment ކޮމެންޓް