ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޖާސޫސީ ތުރިލާ ފިލްމު "ދުރަންދަރު: ދަ ރިވެންޖް"، ދުނިޔޭގެ މިއުޒިކީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ގްރެމީ އެވޯޑުގެ ނުވަ ކެޓަގަރީއަކަށް ވާދަކުރުމަށް ހުށަހަޅައިފިއެވެ.
މި ފިލްމުގެ ހިތްގައިމު ސައުންޑްޓްރެކްތައް އެކުލަވާލާފައިވަނީ މިއުޒިކް ކޮމްޕޯޒަރު ޝަޝްވަތު ސަޗްދޭވްއެވެ.
މި ފިލްމު ޕްރޮޑިއުސްކުރި "ބީ 62" ސްޓޫޑިއޯސްއިން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއް މެދުވެރިކޮށް މިކަން ހާމަކޮށްފައިވާއިރު، އެވޯޑަށް ކެމްޕޭން ކުރުމަށްޓަކައި ޚާއްޞަ ވެބްސައިޓެއް ވެސް މިހާރު ވަނީ ލޯންޗުކޮށްފައެވެ.
ރަންވީރު ސިންގް، ޑައިރެކްޓަރު އަދިތިޔަ ދާރްއާ އެކު ފިލްމު "ދުރަންދަރު"ގެ ސެޓުގައި--ފޮޓޯ/އިންސްޓަގްރާމް އެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، 2027 ވަނަ އަހަރު ބާއްވާ ގްރެމީ އެވޯޑްސްގެ "ބެސްޓް ކޮމްޕިލޭޝަން ސައުންޑްޓްރެކް ފޯ ވިޝުއަލް މީޑިއާ" ކެޓަގަރީއަށް ޝަޝްވަތު ސަޗްދޭވްގެ ނަން ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ފިލްމުގެ ލަވަތަކުގެ ތެރެއިން "ކަންހައްޔާ" މި ލަވަ "ބެސްޓް ގްލޯބަލް މިއުޒިކް ޕާފޯމަންސް" އަށް، އަދި "އާރީ އާރީ" މި ލަވަ "ބެސްޓް އޭޝިއަން ޕޮޕް މިއުޒިކް ޕާފޯމަންސް" ކެޓަގަރީއަށް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން ފިލްމުގެ އިތުރު ހަ ލަވައެއް ވެސް އެކި ކެޓަގަރީތަކަށް ވަނީ ހުށަހަޅާފައެވެ.
ޖިއޯ ސްޓޫޑިއޯސް އަދި "ބީ 62" ސްޓޫޑިއޯސް ގުޅިގެން ގެނެސްދީފައިވާ މި ފިލްމުގެ މިއުޒިކް ނެރެފައިވަނީ ޓީ-ސީރީޒް މެދުވެރިކޮށެވެ. ރަންވީރު ސިންގް މުހިންމު ރޯލެއް ކުޅިނު މި ފިލްމަކީ އިންޑިއާގެ ސިނަމާގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. މި ފިލްމުގައި އަރުޖުން ރާމްޕާލް، އާރް މާދަވަން، ސަންޖޭ ދަތު، ރާކޭޝް ބޭދީ، ސާރާ އަރުޖުން އަދި ޑެނިޝް ޕަންޑޯ ފަދަ ކުޅަދާނަ ތަރިން ހިމެނެއެވެ.