ރިޔާޒްގެ އެއާޕޯޓަށް އަނެއްކާ ވެސް މިސައިލް ހަމަލާތަކެއް ދީފި، ގިނަ ބަޔަކު ޒަޚަމްވެ އެއާޕޯޓް ހުސްކޮށްފި

މިއަދު ދިން ހަމަލާ --

ސައޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު އަނެއްކާވެސް ވަރުގަދަ މިސައިލް ހަމަލާއެއް އަމާޒުވެ، އެއާޕޯޓުން މީހުން ހުސްކުރަން ޖެހިއްޖެއެވެ.

މި ހަމަލާއަކީ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން، ރިޔާޒަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ. މީގެ ދެ ދުވަސް ކުރިން އެއާޕޯޓަށް ދިން ހަމަލާއެއްގައި ޕައިލެޓަކާއެކު ސައޫދީގެ ތިން ރައްޔިތުން މަރުވެފައިވާއިރު، ހޮނިހިރު ދުވަހު ފޮނުވާލި މިސައިލެއް އެއާޕޯޓުގެ ޕަސެންޖަރު ޓާމިނަލަށް އަރައި ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ނަން ހާމަކުރަން ނޭދޭ އޮފިޝަލުންނާ ހަވާލާދީ ޚަބަރުތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ އެމްބިއުލާންސްތައް އެއާޕޯޓަށް ދަތުރުކުރަމުންދިޔަ މަންޒަރު ވަނީ ފެނިފައެވެ.

މި ހަމަލާއާ ގުޅިގެން ފްލައިޓްރާޑާ24 އިން ހާމަކުރި ގޮތުގައި، ރިޔާޒަށް ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ވަނީ އެހެން ސަރަޙައްދުތަކަށް ޑައިވާޓްކޮށްފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ އެއާޕޯޓުން 225 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. ކުވެއިތު އެއާވޭސް، އެއާ އިންޑިއާ، ފްލައިދުބާއީ، ލުފްތަންސާ އަދި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް ފަދަ އެއާލައިންތަކުން ވަނީ ރިޔާޒަށާއި ސައޫދީގެ އެހެން އެއާޕޯޓުތަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ރިޔާޒުގެ ބައެއް ރައްޔިތުން ބުނެފައިވާ ގޮތުގައި ވެރިރަށުގެ އެކި ހިސާބުތަކަށް ވަރުގަދަ ދެ ގޮވުމެއްގެ އަޑު ވަނީ އިވިފައެވެ.

ހޫޘީން ވަނީ ދުނިޔޭގެ އެއާލައިންތަކަށް ސައޫދީގެ ވައިގެ ސަރަޙައްދު ބޭނުންކުރުމާ ދެކޮޅަށް އެންމެ ފަހުގެ އިންޒާރު ދީފައެވެ. އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީން ވެސް ވަނީ ސައޫދީގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައި މަދަނީ މަތިންދާބޯޓުތަކަށް ނުރައްކާ އޮތް ކަމަށް ބުނެ އިރުޝާދުތައް ހަރުދަނާކޮށްފައެވެ.

މި ހަމަލާތަކާ ގުޅިގެން ސައޫދީ ސަރުކާރުން ވަނީ މިސައިލް އަދި ޑްރޯން ހަމަލާތަކާއި އެ ތަންތަނުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ގާނޫނީ ކުށެއް ކަމަށް އަންގާފައެވެ. ހަމައެއާއެކު، ސައޫދީ އަދި އޮމާންގެ ޚާރިޖީ ވަޒީރުން ވަނީ ފޯނުން ގުޅުއްވައި، ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ޑިޕްލޮމެޓިކް ހައްލުތަކަކަށް ވާސިލުވުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

comment ކޮމެންޓް