އެމެރިކާގެ މާލީ އިދާރާތަކުން، މަޝްހޫރު ކްރެޑިޓް ކާޑު ކުންފުނި އެމެރިކަން އެކްސްޕްރެސް (އެމެކްސް) 350 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ މަނީ ލޯންޑަރިން ހުއްޓުވުމަށް އެ ކުންފުނިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީއާއި، ޝައްކުކުރެވޭ އެތައް ބިލިއަން ޑޮލަރެއްގެ މުއާމަލާތްތައް ދެނެގަނެވިފައި ނުވާތީ ކަމަށް ރޮއިޓާޒްއިން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާގެ އޮފީސް އޮފް ދަ ކޮމްޕްޓްރޯލާ އޮފް ދަ ކަރަންސީ (އޯސީސީ) އާއި ފެޑެރަލް ރިޒާވް އިން ބުރާސްފަތި ދުވަހު އިއުލާނުކުރި ގޮތުގައި، އެމެރިކަން އެކްސްޕްރެސްގެ ނޭޝަނަލް ބޭންކުގައި މަނީ ލޯންޑަރިން ހުއްޓުވުމަށް އެކަށީގެންވާ ވަސީލަތްތަކެއް ނެތުމާއި، ތަޖުރިބާ ނެތް މުވައްޒަފުން ތިބުމާއި، ތަމްރީނު ދިނުމުގައި ހުރި ދޯހަޅިކަން އަދި އެތެރޭގެ ކޮންޓްރޯލް ނިޒާމުގައި ބަލިކަށިކަން ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
އޯސީސީން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ މޮނިޓަރިން އަދި ރިޕޯޓިން ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޝައްކުކުރެވޭ ގާތްގަނޑަކަށް 13 ބިލިއަން ޑޮލަރުގެ މުއާމަލާތްތައް ދެނެގަނެ، އެކަން ރިޕޯޓުކުރުމުގައި އެމެރިކަން އެކްސްޕްރެސް ވަނީ ފެއިލްވެފައެވެ. ޚާއްސަކޮށް އެ ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމަށްވާ ކްރެޑިޓް ކާޑު މުއާމަލާތްތަކަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާ ކަމަށާއި، ކަސްޓަމަރުން ދެނެގަތުމުގެ ޑިއު ޑިލިޖެންސް ނިޒާމުގައި ވެސް ބޮޑެތި އުނިކަންތައްތަކެއް ހުރި ކަމަށް ރެގިއުލޭޓަރުން ބުނެފައިވެއެވެ.
ކޮމްޕްޓްރޯލަ އޮފް ދަ ކަރަންސީ ޖޮނަތަން ގޯލްޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކަން އެކްސްޕްރެސް ފަދަ ބޮޑެތި ބޭންކުތަކުން މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް އެކަށީގެންވާ ވަސީލަތްތައް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި މިއީ އިގްތިސާދީ އަދި ގައުމީ ސަލާމަތަށް ވެސް ނުހަނު މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރެގިއުލޭޓަރުންގެ މި ނިންމުމާ ގުޅިގެން އެމެރިކަން އެކްސްޕްރެސް އިން އެކަމަށް އިއުތިރާފުވެފައެއް ނުވަތަ އިންކާރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ކުންފުނީގެ ސީއީއޯ ސްޓީވަން ސްކުއެރީ ވިދާޅުވީ، މި މައްސަލަތައް ހައްލުކޮށް، ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ކުންފުނިން ފުރިހަމައަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ޖޫރިމަނާގެ ސަބަބުން 2026 އަދި 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ މާލީ އަމާޒުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.