އަޅުގަނޑުގެ މައްސަލަތައް ޝަރީއަތަށް ފޮނުވިޔަސް ޖަލަށް ލާންޖެހޭ އެއްވެސް ސަބަބެއް ނެތް: ޔާމީން

އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ.. ފޮޓޯ/ ތޭރައޮންލައިން

އެމަނިކުފާނުގެ މައްޗަށް މައްސަލަތަކެއް ހަދައި، ޝަރީއަތަށް ފޮނުވި ނަމަވެސް، ޖަލަށް ލާންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެންމެ ގިނަ ބަޔަކު ކުރި އެއް ސުވާލަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެތޯ އާއި، އިންތިޚާބުގެ ކުރިން އަލުން ޖަލަށް ލާނެތޯ ކަމަށެވެ.

ޖަވާބުގައި، ހުރިހާ ކަމެއްވެސް ތަވައްކުލް ކުރައްވަނީ މާތް ﷲ އަށް ކަމަށާއި، ކަންކަން އޮޅުވާލައިގެން މައްސަލަތައް އުފެއްދި ނަމަވެސް އެމަނިކުފާނު ޖަލަށް ލެވޭނެ އެއްވެސް އަސާސެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑު ޖަލައްލެވޭނެ ސަބަބެއް ނެތް. އަޅުގަނޑުގެ މައްސަލަތައް ފޮނުވިދާނެ. ޝަރީއަތަށް ފޮނުވައިގެން ތަޙުގީގުވެސް ކޮށްފާނެ." ޔާމީން ވިދާޅުވިއެވެ.

ޔާ،މީން ވަނީ އެމަނިކުފާނާއި އެއްކޮށް ތިއްބެވި އެންމެހާ ބޭފުޅުން ވާދަވެރި އިންތިޚާބަކަށް ރައްޔިތޔުންގެ ގާތަށް އައިސް ވާދަކޮށްލަން އައުމަށް ގޮވާލައްވާފައެވެ.

ޔާމީން ވިދާޅުވީ މިފަދަ ރައްޔިތުންނާއި އެކު ބާއްވާ ބައްދަލުވުންތަކަށް ވަޑައިގެން ރައްޔިތުންގެ ޚިލާޔާއި މަޝްރާތަކަމަށް ވަޑައިގަތުމަށް ވާދަވެރިންނަށް ގޮވާލާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމެއްގެ ވެރިއަކު ރައްޔިތުންނާ ސަމާސާކޮށް، ހާލަތު އޮޅުވާލައިގެން ކަންކަން ސިއްރުކުރުމަކީ ލިބިގެންވާ ލައިސަންސެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް ޔާމީން މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމުގެތެރެއިން -- ފޮޓޯ: ޕީއެންއެފް

މިއަދު ފެންނަނީ ރައްޔިތުން ނިކަމެތިވެ ބިކަވަމުންދާއިރު، ސަރުކާރާއި ސަރުކާރާ ގާތް މީހުންގެ ދިރިއުޅުން އިންތިހާއަށް މުއްސަނދިވެ އުފުލިގެންދާ މަންޒަރު ކަމަށާއި، މިހާރު ރާއްޖެ ތަހައްމަލުކުރަމުންދާ ފަދަ އިގްތިސާދީ ތަދުމަޑުކަމެއް ދިވެހި ތާރީޚުގައި ވެސް ދެކެފައިނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް މުޢިއްޒު ކުރައްވާ ކަމަކަށް ނުސީދާ ގޮތުން ވެސް ބަހެއް ބުނެލެވޭވަރުގެ ވަޒީރަކު ނެތް ކަމަށާއި، ކޮފީ މޭޒުތަކުގައި ސަމާސާއަކަށް ވާހަކައެއް ދެއްކި ވަޒީރުން ވެސް ވަނީ މަގާމުން ވަކިކޮށް ގެއަށް ފޮނުވާލާފައި ކަމަށެވެ. އަދި ސަރުކާރުން ބާކީ އޮތް މުއްދަތުގައި ރައްޔިތުންނަށް ކަމެއް ކޮށްދޭނެ ކަމަށް އުންމީދު ކުރުމަކީ އަވާމެންދުރަކަށް އިންތިޒާރުކުރުން ފަދަ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި މިހާރު ހޭދަކުރަމުންގެންދާ މި ދުވަސްވަރު އެކި ފަންތީގެ ރައްޔިތުންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އައްޑޫގެ އެއްވެސް ރައްޔިތެއްގެ ފަރާތުން މި ސަރުކާރުން ކޮށްދިން ރަނގަޅު ކަމެއްގެ ވާހަކަ އަޑުއިވިވަޑައިގެންފައި ނުވާ ކަމަށެވެ.

މީގެއިތުރުން އައްޑޫގެ ޒުވާނުން މިއަދު އެދެނީ ހަމައެކަނި ބޯހިޔާވަހިކަމަކާއި އާމްދަނީ ލިބޭނެ ވަޒީފާގެ ފުރުސަތުތަކަށް ކަމަށާއި، ސަރުކާރުން މަޝްރޫއުތައް ހުއްޓުވާލައި ވަކިވަކި ފަރުދުންނަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ބަދަލުގައި މުޅި މުޖުތަމައުގެ ތަރައްގީއަށް އިސްކަންދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ތަކެތީގެ އަގު އުފުލުމާއި، ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ފުލުހުންނާއި ސަރުކާރުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދެވަނަ ދައުރެއް ހޯދުމުގެ ވިސްނުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް