ލަންކާގެ ފަގީރުކަމުގެ މިންގަނޑު 17،719 ރުޕީސްއަށް މައްޗަށް ހިނގައްޖެ

ލަންކާގެ ފަގީރުކަމުގެ މިންގަނޑު 17،719 ރުޕީސްއަށް މައްޗަށް ވަނީ ގޮސްފައި --

ސްރީލަންކާގެ ރައްޔިތަކަށް މަހެއްގެ މައްޗަށް އެންމެ މަދުވެގެން ބޭނުންވާނެ ކަމަށް ކަނޑައަޅާފައިވާ ފަގީރުކަމުގެ މިންގަނޑު، މި އަހަރުގެ އޮގަސްޓް މަހު 17،719 ލަންކާ ރުޕީސްއަށް މައްޗަށް ގޮސްފިއެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް (ޑީސީއެސް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ އޭގެ ކުރީ މަހާ އަޅައިބަލާއިރުވެސް އިތުރުވެފައިވާ އަދަދެކެވެ.

ފަގީރުކަމުގެ މިންގަނޑު ނުވަތަ 'ޕަވަޓީ ލައިން' އަކީ މީހަކަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް މަހެއްގެ މައްޗަށް ހޭދަވާނެ ކަމަށް ލަފާކުރާ އެންމެ މަދު މިންވަރެވެ. ޑީސީއެސްއިން ބުނި ގޮތުގައި، މި މިންގަނޑު ކަނޑައަޅަނީ މުޅި ގައުމުގެ އަގުތަކަށް އަންނަ ބަދަލުތައް ވަޒަންކުރާ ނޭޝަނަލް ކޮންސިއުމާ ޕްރައިސް އިންޑެކްސް (އެންސީޕީއައި) އަށް ބިނާކޮށެވެ.

އެގޮތުން، އޮގަސްޓް މަހު އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ދައްކަނީ ވެރިރަށް ކޮލަމްބޯގައެވެ. އެ ސަރަހައްދުގައި މީހަކަށް މަހެއްގެ މައްޗަށް 19،110 ރުޕީސް ބޭނުންވާއިރު، އެންމެ ހަރަދު ކުޑަ މޮނަރަގަލަ ޑިސްޓްރިކްޓުގައި ބޭނުންވަނީ 16،942 ރުޕީސް ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ލަންކާގެ ފަގީރުކަމުގެ މިންގަނޑު 17،719 ރުޕީސްއަށް މައްޗަށް ވަނީ ގޮސްފައި --

މިއީ ހަމައެކަނި އަސާސީ ބޭނުންތައް ފުއްދުމަށް ކަނޑައަޅާފައިވާ މިންވަރެއް ކަމަށާއި، މީގެ ތެރޭގައި ފައިސާ ރައްކާކުރުމާއި، ދަރަނި އަދާކުރުން ފަދަ ކަންކަމަށް ހިނގާނެ ހަރަދު ނުހިމެނޭ ކަމަށް އިގުތިސާދީ ދިރާސާތަކުން ފާހަގަކުރެއެވެ. އެހެންކަމުން، ހަތަރު މީހުންގެ އާއިލާއަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 70،000 އެއްހާ ރުޕީސް އަސާސީ ހަރަދުތަކަށް ބޭނުންވާނެއެވެ.

މި އަދަދުތަކަށް ބަލާއިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ލަންކާގެ ދިރިއުޅުމުގެ ހަރަދުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ޑީސީއެސްގެ ރިޕޯޓުގައިވާ ގޮތުން، 2012 އަދި 2013 ވަނަ އަހަރު ގައުމީ ފަގީރުކަމުގެ މިންގަނޑު ހުރީ 5،223 ރުޕީސްގައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު 6،117 ރުޕީސްއަށް، އަދި 2019 ވަނަ އަހަރު 6،966 ރުޕީސްއަށް މި އަދަދު ވަނީ މައްޗަށް ގޮސްފައެވެ. އެހެންކަމުން، 2012 ވަނަ އަހަރާ އަޅައިބަލާއިރު މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް އައިއިރު، އަސާސީ ބޭނުންތައް ފުއްދުމަށް ހިނގާ ހަރަދު ވަނީ 239 އިންސައްތަ އިތުރުވެފައެވެ.

ލަންކާއަށް ދިމާވި އިގުތިސާދީ ކާރިސާއާ ގުޅިގެން ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށްވެސް އާންމު ގޭބިސީތަކުގެ އަސާސީ ހަރަދުތައް ދަށްވެފައިނުވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް