ރާޖަޕަކްސަ އަންހެނުންގެ ޖަލު ބަންދަށް 7 ދުވަސް ޖަހައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސަ ހައްޔަރުކޮށްގެން ގެންދަނީ --

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސަ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ހައްޔަރުކޮށް، އަންނަ އަންގާރަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޮލަމްބޯ އެޑިޝަނަލް މެޖިސްޓްރޭޓް ދަރްޝިމާ ޕްރޭމަރަތުނަ މިއަދު އަމުރުކުރައްވައިފިއެވެ.

ޝިރަންތީ މިއަދު ހައްޔަރުކޮށްފައިވަނީ ކިރުލަޕަނޭގައި ހުންނަ އޭނާގެ ގޭގައި ހުއްޓައި، ސްރީލަންކާގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޝަންގެ އޮފިޝަލުންނެވެ.

https://www.sun.mv/228721

މި މައްސަލައިގައި ހިމެނޭ ނޭޝަނަލް ސޭވިންގްސް ބޭންކް (އެންއެސްބީ) ގެ ކުރީގެ ޗެއާމަން ޕްރަދީޕް ކަރިޔަވަސަމް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކޯޓުން ވަނީ ނިންމާފައެވެ. ސްރީލަންކާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޝިރާނީ ބަންޑާރަނާޔަކަގެ ފިރިމީހާ ކަމަށްވާ ޕްރަދީޕް ދޫކޮށްލީ އެއް މިލިއަން ރުޕީސްގެ ދެ ޖާމިނުވުމާއެކުގައެވެ. އަދި ކޯޓުގެ ހުއްދައަކާ ނުލައި ގައުމުން ބޭރަށް ފުރައިގެން ދިއުން މަނާކުރުމުގެ އަމުރެއް ވެސް އޭނާގެ މައްޗަށް ވަނީ ނެރެފައެވެ.

ޝިރަންތީގެ މައްޗަށް ތުހުމަތުކުރެވެނީ، އޭނާ އިސްކޮށް ހުރެގެން ހިންގާ 'ސިރިޔާ ސަވިޔާ' ޖަމިއްޔާ މެދުވެރިކޮށް ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަށް ސީޓީ ސްކޭނަރެއް ހޯދައިދިނުމުގެ ނަމުގައި އެންއެސްބީން 10 މިލިއަން ރުޕީސް ހޯދުމަށްފަހު، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. ކޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، އެ ފައިސާ ނެގުމަށްފަހު ހޮސްޕިޓަލަށް ސީޓީ ސްކޭނަރު ފޯރުކޮށްދީފައެއް ނުވެއެވެ. އަދި އޭގެ ބަދަލުގައި އެ ފައިސާ ބޭނުންކޮށްފައިވަނީ އޭނާގެ އަމިއްލަ މަންފާއަށެވެ.

މި މައްސަލައިގައި ޕްރަދީޕް ކަރިޔަވަސަމްގެ މައްޗަށް ތުހުމަތުކުރެވެނީ، ދައުލަތުގެ ބޭންކެއްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، އުސޫލުތަކާ ޚިލާފަށް އެ ފައިސާ 'ސިރިޔާ ސަވިޔާ' ގެ އެކައުންޓަށް ޖަމާކުރުމަށް މަގުފަހިކޮށްދިން ކަމަށެވެ. ދައުވާކުރާ ފަރާތުން ބުނާ ގޮތުގައި، ޕްރަދީޕް ވަނީ ސްރީލަންކާގެ ބްރައިބަރީ އެކްޓްގެ 70 ވަނަ މާއްދާގެ ދަށުން ކުށެއް ކޮށްފައެވެ. އެއީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް ޝިރަންތީއަށް އެހީތެރިވެދިނުމުގެ ސަބަބުންނެވެ.

ހަމައެހެންމެ، ޝިރަންތީގެ މައްޗަށް ވެސް ވަނީ ބްރައިބަރީ އެކްޓްގެ 70 ވަނަ މާއްދާގެ ދަށުން ދައުވާ އުފުލާފައެވެ. މީގެ އިތުރުން، 1982 ވަނަ އަހަރުގެ ޕަބްލިކް ޕްރޮޕަޓީ އެކްޓް ނަންބަރު 12 ގެ ދަށުން، ދައުލަތުގެ ބޭންކުގެ ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރުމުގެ ދައުވާ ވެސް ޝިރަންތީގެ މައްޗަށް ވަނީ އުފުލާފައެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކޯޓުގައި ކުރިއަށްދާނެއެވެ.

comment ކޮމެންޓް