ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސަ ކޮރަޕްޝަނުގެ މައްސަލައެއްގައި މިއަދު ހައްޔަރުކޮށްފިއެވެ.
އުމުރުން 73 އަހަރުގެ ޝިރަންތީ ހައްޔަރުކުރީ ކޮލަމްބޯގެ ކިރުލަޕޯނޭގައި ހުންނަ ރާޖަޕަކްސަ އާއިލާގެ ގެއިން، ސްރީލަންކާގެ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސިއަބޮކް) އިންނެވެ. ސިއަބޮކްއިން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން އެއް ކްރޯޑު ސްރީލަންކާ ރުޕީސް (30,289.81 ޑޮލަރު) ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ޕަބްލިކް ޕްރޮޕަޓީ އެކްޓާއި ކޮރަޕްޝަނާ ދެކޮޅު ގާނޫނުތަކުގެ ދަށުންނެވެ.
މި މައްސަލަ ގުޅެނީ 2011 އާއި 2012 އާ ދެމެދު ދައުލަތުގެ ބޭންކަކުން ދޫކުރި އެއް ކްރޯޑު ރުޕީސް، ޝިރަންތީ އިސްކޮށް ހުންނަވައިގެން ހިންގި 'ސިރިލިޔާ ސަވިޔާ' ޖަމިއްޔާގެ އެކައުންޓަށް ޖަމާކުރި މައްސަލައާއެވެ. ތަހުގީގުކުރާ ފަރާތްތަކުން ބުނި ގޮތުގައި، އެ ފައިސާ ދޫކުރީ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަށް ސީޓީ ސްކޭން މެޝިނެއް ގަތުމަށެވެ. ނަމަވެސް، އެ ފައިސާއިން ސީޓީ ސްކޭން މެޝިނެއް ގަތްކަން ތަހުގީގަށް ކަށަވަރުވެފައި ނުވާ ކަމަށް އޮފިޝަލުން ބުންޏެވެ.
އޭގެ ބަދަލުގައި، އެ ހޮސްޕިޓަލަށް ލިބިފައިވަނީ ޗައިނާއިން އެހީގެ ގޮތުގައި ހިލޭ ދިން ޕެޓް ސްކޭން މެޝިނެއްކަން ވަނީ ހާމަވެފައެވެ. މި މައްސަލައިގައި އޭރު އެ ބޭންކުގެ ޗެއާމަނަކަށް ހުންނެވި ބޭފުޅާގެ ބަޔާން ވެސް ވަނީ ނަގާފައެވެ. ސިރިލިޔާ ސަވިޔާއާ ގުޅޭ މާލީ މުއާމަލާތްތަކުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
ޝިރަންތީ ހައްޔަރުކޮށްފައިވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތްތާ އެއް ދުވަސް ފަހުންނެވެ. ފަރުވާއަށް މިދިޔަ މަހު 16 ގައި އޭނާ ސިންގަޕޫރަށް ފުރާވަޑައިގަތްއިރު، މިދިޔަ މަހުގެ 24 ގައި ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އަށް ހާޒިރުވުމަށް އޮތީ އަންގާފައެވެ. ނަމަވެސް، ސިއްހީ ހާލަތު ހުރި ގޮތުން ހާޒިރުވެވެން ނެތް ކަމަށް އޭނާގެ ވަކީލު އޭރު އެންގިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ޝިރަންތީ އެނބުރި ލަންކާއަށް ވަޑައިގަތުމުގެ ކުރިން، އޭނާ ހައްޔަރުކުރުން ހުއްޓުވުމަށް އެދި ވަކީލުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށް، އެފްސީއައިޑީން ދެކޭ ގޮތް ހުށަހެޅުމަށް ކޯޓުން އޮތީ އަންގާފައެވެ.
ޝިރަންތީގެ މައްޗަށް ހިންގާ ތަހުގީގަކީ، 2005 އިން 2015 އަށް މަހިންދަ ރާޖަޕަކްސަގެ ރިޔާސީ ދައުރުގައި، ހިންގި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ ތަހުގީގުތަކުގެ ބައެކެވެ.
ރާޖަޕަކްސަގެ ދޮށީ ދަރިކަލުން އަދި އިދިކޮޅު ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ މެންބަރު ނަމާލް ރާޖަޕަކްސަ ވެސް ރިޝްވަތުގެ ވަކި މައްސަލަތަކެއްގައި މިދިޔަ މަހު ހަތަރު ވަނަ ދުވަހުން ފެށިގެން ހުންނެވީ ކޮލަމްބޯ ރިމާންޑް ޖަލުގައެވެ. އޭނާ ދޫކޮށްލީ މިދިޔަ ބުދަ ދުވަހެވެ.
ނަމާލްގެ މައްޗަށް ތުހުމަތުކުރެވެނީ ސްރީލަންކަން އެއާލައިންސްއަށް އެއާބަސް ގަތުމުގައި ހިންގި ކޮރަޕްޝަނާއި ކްރިޝް ހޮޓެލްސް ޕްރޮޖެކްޓާ ގުޅޭ ރިޝްވަތުގެ މައްސަލަތަކެއްގައެވެ.