ބޮލީވުޑްގެ މަގުބޫލު ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތު މަލްހޯތުރާ، އެ ދެމަފިރިންގެ ދެވަނަ ދަރިފުޅަށް އިންތިޒާރު ކުރަމުންދާ އުފާވެރި ޚަބަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފިއެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުގެ ގޮތުގައި ބާއްވަން ބޭނުންވާ މި ދެ ތަރިންގެ ފަރާތުން މިފަދަ ޚަބަރެއް ހިއްސާކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.
ދެ ތަރިން ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މިއީ އެ މީހުންނަށް ލިބުނު އެންމެ ބޮޑު ނިއުމަތް ކަމަށާއި، މި ވަގުތު ހިތްތައް ވަނީ ޝުކުރުވެރިކަމާއި ލޯބިން ފުރިފައި ކަމަށެވެ. މި ޕޯސްޓުގައި ހިމަނާފައިވާ ފޮޓޯއިން ފެންނަނީ، ކިއާރާ، ސިދާތު އަދި އަލަތު ދަރިފުޅު ސަރާޔާ އެކުގައި ކުޑަކުދިންގެ ބޫޓު ޖޯޑެއް ހިފަހައްޓައިގެން ތިބޭ މަންޒަރެވެ. މިއީ ސަރާޔާ ލިބެން އުޅޭކަން އިއުލާންކުރި ގޮތާ ވަރަށް އެއްގޮތް ގޮތެކެވެ. މި ދެމަފިރިންނަށް ފުރަތަމަ އަންހެން ދަރިފުޅު "ސަރާޔާ" ލިބިފައިވަނީ 2025 ވަނަ އަހަރުގައެވެ.
ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިޢުލާނުކުރުމަށް ކިއާރާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓު--ފޮޓޯ/އިންޑިއާޓުޑޭމި އުފާވެރި ޚަބަރާއެކު، ފިލްމީ ދާއިރާގެ މަޝްހޫރު ފަރާތްތަކުންނާއި ސަޕޯޓަރުން އަންނަނީ އެ ދެމަފިރިންނަށް ހެޔޮއެދުމުގެ މެސެޖުތައް ފޮނުވަމުންނެވެ. އޭގެ ތެރޭގައި ސިދާތު ފިލްމީ ދާއިރާއަށް ނެރެދިން ކަރަން ޖޯހަރްގެ އިތުރުން، ބަތަލާ އަތިޔާ ޝެޓީ، ބޫމީ ޕެޑްނޭކަރް އަދި މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފާހަގަކޮށްލެވެއެވެ.
ރާޖަސްތާނުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކައިވެނިކުރި މި ދެ ތަރިންނަކީ، އާއިލީ ޒިންމާތަކާއެކުވެސް ފިލްމީ މަސައްކަތްތަކުގައި އަދިވެސް ވަރަށް ބުރަކޮށް އުޅޭ ދެ ފަންނާނުންނެވެ. "ކަބީރު ސިންގު" އަދި "ޝޭރުޝާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ކިއާރާ އެންމެ ފަހުން ފެނިގެންދިޔައީ "ޓޮކްސިކް"އިންނެވެ. އަދި "އެކް ވިލަން" އާއި "ޔޯދާ" ފަދަ ފިލްމުތަކުން ފެނުނު ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ދަ ވާން"އެވެ.