ސިޔާސީ ވަޒީފާތަކުން ދެ މިލިއަނެއްހާގެ ރުފިޔާގެ އާމްދަނީއެއް ވަންނަ ގެތައް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވަނީ، ސިޔާސީ ވަޒީފާތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެއްބަނޑު އެއްބަފާ ހަތަރު، ފަސް މީހުންނާއި ތިމާގެ އެތައް ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެ އާއިލާތަކަށް ދެ މިލިއަނާ ގާތް ކުރާ އަދަދަކަށް ފައިސާ ލިބޭ ކަމަށް ވެސް ނާޒިލް ތުހުމަތު ކުރެއްވިއެވެ.
އެ ފަދަ ކަންކަން ކުރާ މީހުންނަކީ، ނުހައްގު މުއްސނދިކަން ވަކި ބަޔަކަށް ހޯދައިދޭ ބަޔަކަށް ވާތީ، ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުން އެ މީހުންނަށް ތުހުމަތުކޮށް، ފިޔަވަޅު އެޅިދާނެ ކަމަށް ނާޒިލް ގަބޫލުކުރައްވައެވެ. ކޮމިޓީ މަރުހަލާގައި އެ ގޮތަށް އެ ކަން ބަދަލު ކުރަން ޖެހޭކަން މެންބަރު ފާހަގަކުރެއްވިއެވެ.
"މިހާރު މި ހިނގަމުންދާ ސަރުކާރުން އެންމެ ގެއަކަށް ދެ މިލިއަނެއްހާ ރުފިޔާ ވަންނަ ގޭގެ އެބަހުރި އިއްޒަތްތެރި ރައީސް. މިއީ ވެސް އަޅުގަނޑުމެން ދައްކަން ޖެހޭ ވާހަކައެެއް" ނާޒިލް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ނުހައްގު މުއްސަނދިކަން ހޯދައިދޭން ކުރެވޭ މަސައްކަތާ ގުޅިގެން ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުން ރިއާޔަތްކުރަނީ ހުށަހެޅޭ ހެކީގެ މައްޗަށް ކަމަށެވެ.
ސަރުކާރުގެ ވުޒާރާތަކުގައި ސިޔާސީ މަގާމުތައް އެތައް ސަތޭކައިން ހުރިއިރު، ކުންފުނިތަކުން ވެސް، ތަޖުރިބާއެއް ނެތް މީހުންނަށް ސިޔާސީ ވަޒީފާތައް، ބޮޑެތި މުސާރާގައި ދީފައިހުރި މައްސަލައަށް އާންމު ރައްޔިތުންގެ ނުރުހުން އަންނަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.
މި ސަރުކާރުން ބުނަނީ ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 700ގައި ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އެކަން ގަބޫލުނުކުރާއިރު، އެ ޕާޓީން ތުހުމަތުކުރަނީ އެ އަދަދު އެތައް ހާހަކަށް އަރާ ކަމަށެވެ.