އެއްފަހަރަށްވުރެ ގިނަ ފަހަރު ބަތް ހޫނުކުރުން: ސިއްޙަތަށް ރައްކާތެރިތަ؟

ކައްކާފައި ހުންނަ ބަތް ދެވަނަ ފަހަރަށް ހޫނުކޮށްގެން ކެއުމަކީ ވަރަށް އާއްމުކަމެއް--ފޮޓޯ/ޕިންޓްރެސްޓް

ބާކީވާ ބަތް އަނެއް އިރުގެ ކެއުމަށް ބޭނުންކުރުމަކީ ނުވަތަ އެއިން އެހެން ކާނާއެއް ތައްޔާރުކުރުމަކީ އާންމުކޮށް ގޭބިސީތަކުގައި ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، އެއްފަހަރަށްވުރެ ގިނައިން ބަތް ހޫނުކުރުމަކީ ސިއްޙީ ގޮތުން ކިހާ ރައްކާތެރި ކަމެއްތޯ ބަލައިލަން ޖެހެއެވެ. ކާނާއާ ބެހޭ މާހިރުން (ޑައިޓީޝަނުން) ވިދާޅުވާ ގޮތުގައި، ކެއުންތައް ތައްޔާރުކުރުމުގައި ބަތް ފިނިކުރާ ގޮތާއި، ރައްކާކުރާ ގޮތަކީ ނުހަނު ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެކެވެ.

އެއްފަހަރަށްވުރެ ގިނައިން ބަތް ހޫނުކުރުމަކީ ރައްކާތެރި ކަމެއްތޯ ކުރެވޭ ސުވާލަށް ޖަވާބުދެއްވަމުން، އިންޑިއާގެ ކޮލްކަތާގެ ނާރާޔަނާ އާރްއެން ޓެގޯރު ހޮސްޕިޓަލުގެ ޑައިޓީޝަން ދީޕާ މިޝްރާ ވިދާޅުވީ، އެއްފަހަރަށްވުރެ ގިނައިން ބަތް ހޫނުކުރުމަކީ ސިއްހީ މާހިރުން ބާރުއަޅާ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް، ދުވަހުގެ ކެއުމުގެ ކުރިއަށް ބަތް ރަނގަޅަށް ރައްކާކޮށްފައި ނުވާނަމަ މި ނުރައްކާ އިތުރަށް ބޮޑުވެގެންދެއެވެ. ބަތް އަލުން ހޫނުކުރުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމަކަށް ނުވި ނަމަވެސް، ރަނގަޅު ނޫން ގޮތުގައި ރައްކާކުރުމާއި ތަކުރާރުކޮށް އާދައިގެ ފިނިހޫނުމިނުގައި ބެހެއްޓުމަކީ ކާނާ ވިހަވުމަށް މަގުފަހިވާ މައިގަނޑު ސަބަބެވެ.

މިކަމުގައި ދިމާވާ އެންމެ ބޮޑު ނުރައްކަލަކީ ހަނޑުލުގައި އާންމުކޮށް އަށަގަންނަ 'ބެސިލަސް ސީރިއަސް' ކިޔާ ބެކްޓީރިއާއެވެ.

"މި ބެކްޓީރިއާއަކީ ކައްކާއިރުވެސް ނެތިނުދާ ފަދަ ގަދަ ހޫނަށް ކެތްކުރާ 'ސްޕޯސް' އުފައްދާ އެއްޗެއް. ކައްކާފައި ހުންނަ ބަތް، ނުރައްކާތެރި ފިނިހޫނުމިނެއް ކަމަށްވާ 4 ޑިގްރީ ސެލްސިއަސް އާއި 60 ޑިގްރީ ސެލްސިއަސްއާ ދެމެދު ގިނަ ވަގުތުތަކެއް ވަންދެން ބަހައްޓައިފިނަމަ، މި ސްޕޯސްތައް އިތުރުވެ ވިހަ މާއްދާތައް އުފައްދާ. މީގެ ތެރެއިން ބައެއް ވިހަ މާއްދާތަކަކީ އަލުން ހޫނުކުރުމުންވެސް ނެތިގެންދާ އެއްޗެއް ނޫން. އެހެންކަމުން، ރައްކާތެރި ނޫން ގޮތުގައި ބަހައްޓާފައި ހުންނަ ބަތް ހަމައެކަނި ހޫނުކޮށްލުމަކުން އެއީ ކެއުމަށް ރައްކާތެރި އެއްޗަކަށް ނުވެދާނެ" މިކަމާ ގުޅޭގޮތުން ދީޕާ އިތުރަށް ތަފްސީލުކޮށްދެއްވަމުން ވިދާޅުވިއެވެ.

ބާކީވެފައި ހުންނަ ބަތް، އޭގެ އަސްލު ރަހަޔާއި މަޑުމިން ނުގެއްލޭނޭހެން އަލުން ހޫނުކުރުމަށް ބޭނުންކުރެވިދާނެ އެކި ގޮތްތައް--ފޮޓޯ/ޕިންޓްރެސްޓް

މީގެ އިތުރުން، ތަކުރާރުކޮށް ބަތް ހޫނުކުރުމުގެ ސަބަބުން އޭގެ ފެންވަރާއި ރަހައަށް ނޭދެވޭ ބަދަލުތައް އާދެއެވެ. އޭގައި އެކުލެވޭ ތެތްކަން ގެއްލި ބަތް ހަރުވުން ނުވަތަ މާބޮޑަށް މަޑުވުން ފަދަ ކަންކަން މެދުވެރިވެއެވެ. ހަމައެއާއެކު، ބަތުގައި ހުންނަ މުހިންމު ފައިދާތައް މަދުވެ، އެއްވަރަކަށް ހޫނު ނުކުރެވިއްޖެނަމަ ބެކްޓީރިއާ އަށަގަނެ ބަތް ހަލާކުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެއެވެ.

އެހެންކަމުން މިކަމުގައި އެންމެ ރައްކާތެރި ގޮތަކީ ކާން ބޭނުންވާ މިންވަރަށް އެކަނި ނަގައިގެން ހޫނުކުރުމަށްފަހު، ބާކީ ހުރި ބައި ވަގުތުން އައިސްއަލަމާރީގައި ރައްކާކުރުމެވެ.

ކައްކާފައި ހުންނަ ބަތް ގިނައިރުވަންދެން އާދައިގެ ފިނިހޫނުމިނުގައި ނުބަހައްޓައި، އަވަހަށް ފިނިކުރުމަށްފަހު އައިސްއަލަމާރިއަށް ލުމަށް ޑައިޓީޝަން މިޝްރާ ލަފާދެއްވައެވެ. އަދި ދެވަނަ ފަހަރަށް ކާން ބޭނުންވާ ހިނދު، ހަމައެކަނި ބޭނުންވާ މިންވަރު ފުރިހަމައަށް ހޫނުކޮށްލުމަށާއި، އެއް ބަތްގަނޑެއް ތަކުރާރުކޮށް ހޫނުކުރުމުން ދުރުހެލިވުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.

ކާނާ ވިހަވުމުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި، ކައްކާފައިވާ ބަތް އަވަހަށް ފިނިކޮށް އައިސްއަލަމާރީގައި ރައްކާކުރުމާއި، ކެއުމުގެ ކުރިން ފުރިހަމައަށް ހޫނުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

ބާކީވެފައި ހުންނަ ބަތް، އޭގެ އަސްލު ރަހަޔާއި މަޑުމިން ނުގެއްލޭނޭހެން އަލުން ހޫނުކުރުމަށް ބޭނުންކުރެވިދާނެ ގޮތްތަކުގެތެރޭ، މައިކްރޯވޭވް ބޭނުންކޮށްގެން ހޫނުކުރުން، އުނދުން މަތީގައި ތަވައެއްގައި ހޫނުކުރުން، އާވިން ނުވަތަ ސްޓީމްކުރަމުން ހޫނުކުރުން، އަވަނުން ހޫނުކުރުން، ތަވައެއްގައި ހޫނުކުރުން އަދި ކެކި ކެކި ހުންނަ ހޫނު ފެނުގައި ބަތް ހޫނުކުރުން ހިމެނެއެވެ.

comment ކޮމެންޓް