މުދައްރިސުންގެ މާތް ޚިދުމަތް: އިހުގެ ޤަދަރާއި އިޙްތިރާމް މިއަދުވެސް އިޔާދަކުރަންޖެހޭ

ރާއްޖޭގެ ރަށެއްގައި ކުދިންތަކެއް އެ ކުދިންގެ އެދުރުދައިތަ ފިލާވަޅު އުނގަންނައިދޭ މަންޒަރު ދައްކުވައިދޭ އިހުގެ ފޮޓޯއެއް--ފޮޓޯ/ކޯޕަރޭޓްމޯލްޑިވްސް

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަކީ، މުދައްރިސުންގެ އަގުހުރި ޤައުމީ ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރުން ފެށިގެން ޔުނެސްކޯއިން ކަނޑައަޅައިގެން ފާހަގަކުރަމުން އަންނަ މި ދުވަހުގެ މައިގަނޑު މަޤުޞަދަކީ، ތަޢުލީމީ ދާއިރާއަށް މުދައްރިސުން ގެންނަވާ ހެޔޮ ބަދަލުތައް ފާހަގަކުރުމާއި، އެ ބޭފުޅުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤުވާ މަތިވެރި ޤަދަރާއި ޢިއްޒަތް ހޯދައިދިނުމެވެ.

މިއީ މާދަމާގެ ޖީލުތައް ބިނާކުރުމުގައި މުދައްރިސުން ވެވަޑައިގަންނަވާ މަތިވެރި ޤުރުބާނީ އާއި އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ އަގު މުޅި މުޖުތަމަޢު އެކަތިގަނޑަކަށް ވެގެން ވަޒަންކުރަންވީ މުހިންމު މުނާސަބަތެކެވެ. މުދައްރިސުންނަކީ ހަމައެކަނި ފޮތްތަކުގައިވާ ޢިލްމު އުނގަންނައިދޭ ބައެއް ނޫނެވެ. އެއީ ދަރިވަރުންގެ ކިބައިގައި އިސްލާމީ ރިވެތި އަޚްލާޤު އަށަގަންނުވައި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދީ، އެކުދިންގެ މުސްތަޤުބަލު އުޖާލާކޮށްދޭ ޙަޤީޤީ މޭސްތިރިންނެވެ.

މުދައްރިސަކު ދިވެހި ދަރިވަރުންތަކަކަށް ކްލާހުގައި ފިލާވަޅު ނަންގަވައިދެއްވަނީ--ފޮޓޯ/ޔުނިސެފް

ދިވެހިންގެ ޒަމާންވީ ތާރީޚަށް ނަޒަރުހިންގާއިރު، މުދައްރިސުންނަކީ މުޖުތަމަޢުގައި އެންމެ މަތީ ޤަދަރާއި ލޯބި ދެވިފައިވާ ފަރާތްތަކެވެ. އެޒަމާނުގައި "އެދުރުބޭކަލުން"ނާއި "އެދުރުދައިތައިން"ނަށް ރައްޔިތުން އަދާކުރި މަތިވެރި އިޙްތިރާމަކީ މިއަދުވެސް ފަޚުރުވެރިކަމާއެކު ފާހަގަކުރެވޭ ކަމެކެވެ. މަގުމަތިން އެދުރުންނާ ބައްދަލުވާ ކޮންމެ ހިނދެއްގައިވެސް އަދަބުވެރިކަމާއެކު އިސްވެ ސަލާމްކޮށް، އެބޭފުޅުންގެ އިރުޝާދުތަކާއި ނަޞޭޙަތްތައް ނުހަނު ލޯތްބާއި ޝުކުރުވެރިކަމާއެކު ބަލައިގަތެވެ.

އެހެންނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއެކު އިޖުތިމާޢީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަރައި، މުދައްރިސުންނަށް އޮންނަންޖެހޭ ޤަދަރާއި އިޙްތިރާމް ކުޑަވަމުންދާ މަންޒަރު ފެނުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ. ޚާއްޞަކޮށް، މީޑިއާތަކުގަ އާއި މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި މުދައްރިސުންގެ ޤަދަރާއި ޢިއްޒަތަށް އުނިކަން އަންނަ ގޮތަށް ފާޑުކިޔައި، ބަދުބަސްތައް ބުނުމަކީ މުޅި ތަޢުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ފުނޑުފުނޑުވެގެންދާނެ ނުރައްކާތެރި ކަމެކެވެ.

ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި، ހެޔޮލަފާ އަދި ޞާލިޙު ޖީލެއް ބިނާކުރެވޭނީ ބެލެނިވެރިންނާއި މުދައްރިސުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެ، އެއްބަޔަކު އަނެއްބަޔަކަށް ފުރިހަމައަށް އިޙްތިރާމްކޮށްގެންނެވެ.

މުދައްރިސުންނަކީވެސް އިންސާނުން ކަމާއި، އެބޭފުޅުންގެ އަމިއްލަ ދިރިއުޅުމާއި އިޙުސާސްތަކެއް ވާނެކަން ދެނެގަނެ، އެކަންކަމަށް ރިޢާޔަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަމައެކަނި ދަރިވަރު ސްކޫލަށް ފޮނުވުމަކުން ބެލެނިވެރިންގެ ޒިންމާ އަދާކުރެވުނީކަމަށް ނުދެކި، ގޭތެރޭގެ މާޙައުލުގައިވެސް މުދައްރިސުންގެ އިރުޝާދުތަކަށް ބޯލެނބުމަށާއި، އެބޭފުޅުންނަށް އިޙްތިރާމްކުރުމުގެ މާތް ސިފަ ކުދިންގެ ކިބައިގައި އަށަގަންނުވައިދިނުމަކީ ބެލެނިވެރިންގެ އެންމެ އިސް އެއް ވާޖިބެވެ.

އުނގަންނައިދިނުމުގެ މާތް ޚިދުމަތަކީ ވަގުތާއި ހަކަތައިގެ އިތުރުން ނަފްސާނީ ގޮތުންވެސް އެތައް ޤުރުބާނީތަކެއް އެކުލެވިގެންވާ ބުރަ މަސައްކަތެކެވެ. މުދައްރިސުންނަށް ދޭންޖެހޭ ލޯތްބާއި ޤަދަރަކީ އަހަރަކު އެއްފަހަރު ފާހަގަކޮށްލާ ދުވަހަކަށް އެކަނި ޚާއްޞަވެގެންވާ ކަމަކަށް ނުހަދައި، އެއީ އަބަދުމެ ދެމިއޮންނަންޖެހޭ ޤައުމީ އަޚްލާޤަކަށް ހަދަންޖެހެއެވެ. ވީމާ، މުދައްރިސުންގެ އަގުހުރި ޚިދުމަތްތައް އިޚްލާޞްތެރިކަމާއެކު ބަލައިގަނެ، އެބޭފުޅުންނަށް ޙައްޤުވާ ޤަދަރާއި ޝަރަފު އަބަދުވެސް ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެ ޤައުމީ އަދި ފަރުދީ ޒިންމާއެކެވެ.

މުދައްރިސުންގެ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހި ޤައުމު ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ އެންމެހާ ލޮބުވެތި މުދައްރިސުންނަށް ނުހަނު އިޙްތިރާމާއެކު އަރިސްކުރަމެވެ.

comment ކޮމެންޓް