މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން 25 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއާއި، 15 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މަޝްރޫއުގެ ދަށުން ޖުމްލަ ހަ ފިންގާ ޖެޓީ ގާއިމުކުރާނެއެވެ.
މި މަޝްރޫއަކީ 18.98 މިލިއަން ރުފިޔާ ގެ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމުން، މާލޭ އުތުރު ފަރާތު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަން މަގަތުގައި އޮންނަ އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދިއުމަށް ނިމުމެއް އަންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިއީ ޚާއްސަކޮށް ކުޑަކުދިންނާއި، އިސްރަށްވެހިން އަދި ދާގީނާ ހިފައިގެން ދަތުރުކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް ވެސް ބުންޏެވެ.
މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން... ފޮޓޯ/ އެމްޓީސީސީމީގެ އިތުރުން، ފިންގަ ޖެޓީތައް އެޅުމުން ބަނދަރުގެ ޖާގަ އިތުރުވެ، އެއްފަހަރާ ގިނަ އުޅަނދުފަހަރަށް ކައިރިކުރެވޭނެ މަގު ތަނަވަސްވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އޭގެ ސަބަބުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފައިބާ މީހުންގެ ރައްކާތެރިކަން ވެސް އިތުރުވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާލޭ ބޭރުމަގުގައި ރަސްމީ ފާލަމާ ކައިރީގައި، ރަށްރަށުން އަންނަ ލޯންޗުތައް ކައިރިކުރަން އޮންނަ ސަރަހައްދަށް ބާރުބޮޑުވާ މައްސަލަ ހައްލުކުރަން، އެ ސަރަހައްދުގައި ކުދިކުދި ޖެޓީތަކެއް ހަދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ޖުލައި މަހުގެ 29ގައެވެ.
އެ މަނިކުފާނު ވިދާޅުވީ، މާލޭ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިންމުމުގެ ތެރެއިން އެ ޖެޓީތައް ހެދުމުގެ މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ. އަދި އުއްމީދަކީ، ބޮޑުތަކުރުފާނު މަގުގެ ބާކީ އޮތް މަސައްކަތްތަކާއެކު އެ މަޝްރޫއު ވެސް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ނިންމާލުން ކަމަށް ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ރަސްފަންނު ހިމެނޭ ސަރަހައްދުގެ އަމަލީ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލޭ އުތުރު ބަނދަރާ ހަމައަށް މަގު ތަރައްގީކޮށް ނިންމައި އާންމުންނަށް ހުޅުވައިލައިފައެވެ.
އެ ސަރަޙައްދުގެ މަގު ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށްގެންނެވެ.