އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ ތަފާސްހިސާބުތަކަށް ބިނާކޮށް ވޯލްޑް ކެންސާ ރިސާޗް ފަންޑް (ޑަބްލިއުސީއާރްއެފް) އިން ކުރި ދިރާސާއަކުން، 50 އަހަރުން ދަށުގެ މީހުންނަށް ކެންސަރުގެ އެކި ބާވަތްތައް ޖެހޭ މިންވަރު އިތުރުވެފައިވާކަން ހާމަކޮށްފިއެވެ.
މި ދިރާސާގައި ވަނީ 2001 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ކެންސަރު ބަލި ދެނެގަނެވިފައިވާ މިންވަރު އަޅައި ބަލައިފައެވެ.
ޑަބްލިއުސީއާރްއެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2001 ވަނަ އަހަރު 50 އަހަރުން ދަށުގެ ކޮންމެ 100،000 ފިރިހެނުންގެ ތެރެއިން އެކަކަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 3.6 އަށް އިތުރުވެފައެވެ. ހަމައެއާއެކު، 50 އަހަރުން ދަށުގެ އަންހެނުންނަށް ރަހިމުގެ ކެންސަރު ޖެހުނު މިންވަރު ކޮންމެ 100،000 އަކުން 1.8 އިން 3.9 އަށް އިތުރުވެފައިވާއިރު، އުރަމަތީގެ ކެންސަރު ޖެހުނު މިންވަރު ވަނީ 42 އިން 47.5 އަށް އިތުރުވެފައެވެ.

މީގެ އިތުރުން، ގޮހޮރުގެ ކެންސަރު 3.9 އިން 8.4 އަށް، ކިޑްނީ ކެންސަރު 1.5 އިން 3 އަށް، ފުރަމޭގެ ކެންސަރު 0.5 އިން 0.8 އަށް، އަދި ޗިސްމޭގެ ކެންސަރު 0.8 އިން 1 އަށް ވަނީ އިތުރުވެފައެވެ. ކެންސާ ރިސާޗް ޔޫކޭގެ ތަފާސްހިސާބުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، 1990 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް، އުމުރުން 25 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ކެންސަރު ޖެހުނު މިންވަރު ވަނީ 24 ޕަސެންޓް އިތުރުވެފައެވެ.
މި ހޯދުންތަކާ ގުޅިގެން ޑަބްލިއުސީއާރްއެފްގެ އެގްޒެކެޓިވް ޑިރެކްޓާ އޮފް ރިސާޗް އެންޑް ޕޮލިސީ ޑރ. ޖިއޯޓާ މިޓްރޫ ވިދާޅުވި ގޮތުގައި، މި ތަފާސްހިސާބުތަކަކީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ބަދަލުވަމުންދާ އާދަތަކެއްކަން ފާހަގަކުރެވެއެވެ. އޭނާ ވިދާޅުވީ ކޮންމެ އަދަދެއްގެ ފަހަތުގައި ވަނީ، އެ މީހަކު ނުވަތަ އާއިލާއިން އުންމީދުކުރި ވަރަށް ވުރެ މާ ކުރިން ކެންސަރާ ކުރިމަތިލާންޖެހިފައިވާ މީހެއް ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ޒުވާން އުމުރުގައި ކެންސަރު ޖެހޭ މިންވަރު ހަމައެކަނި ގޮހޮރުގެ ކެންސަރަށް ވުރެ ފުޅާވެފައިވާކަން މި ހޯދުންތަކުން ދައްކައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދޮށީ އުމުރުގެ މީހުންނަށް ކެންސަރު ޖެހޭ މިންވަރު އަދިވެސް ގިނަ ނަމަވެސް، ޒުވާނުންގެ މެދުގައި ފެންނަމުންދާ މި ބަދަލުތަކަކީ ދިރާސާކުރުމާއި ކެންސަރުން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގައި އިސްކަންދޭންޖެހޭ ކަމެއް ކަމަށް ޑރ. މިޓްރޫ ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ މެދުގައި ގޮހޮރުގެ ކެންސަރު އިތުރުވަމުންދާ ސަބަބު ދެނެގަތުމަށްޓަކައި ކިންގްސް ކޮލެޖް ލަންޑަނާއި ސިއްހީ ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ޒޯއީ ގުޅިގެން އިނގިރޭސިވިލާތުގައި މިހާރު ވަނީ ޕްރޮސްޕެކްޓް-ޔޫކޭ ގެ ނަމުގައި އާ ދިރާސާއެއް ފަށައިފައެވެ. މި ދިރާސާގައި 250،000 މީހުން ބައިވެރިކޮށް، އެ މީހުންގެ ކެއިންބުއިމުގެ އާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ކަންކަން ދިގު މުއްދަތަކަށް ބަލަމުން ގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1990 ވަނަ އަހަރުން ފެށިގެން ޒުވާން އުމުރުގައި ގޮހޮރުގެ ކެންސަރު ޖެހޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާއިރު، އިނގިރޭސިވިލާތަކީ މި ނިސްބަތް އެންމެ ހަލުވިކޮށް އިތުރުވަމުންދާ އެއް ގައުމު ކަމަށް ތަޖުރިބާކާރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.