ޚާރިޖީ ޚިދުމަތުގެ މުވައްޒަފުންގެ އަދަދު ހިމެނޭހެން ކުޑޫގެ ތިން ސުވާލެއް އިރުތިޝާމަށް ހުށަހަޅުއްވައިފި

ވަޒީރު އިރުތިޝާމް އާދަމް: އިރުތިޝާމާ ތިން ސުވާލެއް ކުރުމަށް ކުޑޫ ވަނީ ހުށަހަޅުއްވައިފައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޚާރިޖީ ޚިދުމަތުގެ މުވައްޒަފުންގެ ކޮންމެ ގިންތިއަކުން އައްޔަންކުރެވިފައިވާ މުވައްޒަފުންގެ އަދަދު ހިމެނޭހެން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާ ކުރުމަށް ތިން ސުވާލެއް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ އޭގެ އިތުރުން ޚާރިޖީ ޚިދުމަތުގެ ގާނޫނުގެ ދަށުން ވަކި ޒިންމާތައް އަދާކުރުމަށް އައްޔަންކުރި މުވައްޒަފުންގެ ޖުމުލަ އަދަދާއި އެ މުވައްޒަފުން އައްޔަންކުރީ ކޮން ޒިންމާއެއްކަން އަދާކުރުމަށްތޯ ވެސް އައްސަވައިފައެވެ.

ހަމަ އެއާއެކު ޚާރިޖީ ވުޒާރާގައި ގިނަ ދުވަހު މަސައްކަތްކުރި މުވައްޒަފުންގެ ބަދަލުގައި އެ ވުޒާރާއިން ބޭރުން މުވައްޒަފުން އައްޔަންކުރި ސަބަބު ސާފުކޮށްދިނުމަށް ވެސް ކުޑޫ ވަނީ ހުށަހަޅުއްވައިފައެވެ.

އަދި ރެސިޑެންޓް ވިސާ ނުވަތަ ޕާލް ރެސިޑެންޓް ވިސާ ފަދަ އެއްވެސް ބާވަތެއްގެ ރެސިޑެންސީ ވިސާއަކާ ގުޅޭ ސީދާ ނުވަތަ ނުސީދާ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެކްސްކްލޫޒިވް އުސޫލަކުން ހަވާލުކުރެވިފައިވޭތޯ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާނާ ސުވާލުކުރުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.

މާލީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޚާރިޖީ ވުޒާރާއަށް މި އަހަރު ކަނޑައަޅައިފައިވާ 349.1 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އެ ވުޒާރާއިން މިދިޔަ ސެޕްޓެންބަރު މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރީ 280.5 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރި 204.4 މިލިއަން ރުފިޔާއަށް ވުރެ 76.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

https://sun.mv/218293

ޚާރިޖީ ވުޒާރާއިން މިދިޔަ ފެބްރުވަރީ މަހު 'ސަން'އާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެމްބަސީތަކަށް ކުރާ ޚަރަދު މަހަކަށް 54 މިލިއަން ރުފިޔާއަށް އަރައެވެ. އަދި އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ މުވައްޒަފުންގެ އަސާސީ މުސާރައަށް އެކަނި ވެސް 2.35 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެމްބަސީތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ސަރުކާރާ ވާދަވެރި ބޭފުޅުން ތުހުމަތުކުރައްވައެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުންގެ އާއިލީ ބޭފުޅުންނަށް އެމްބަސީތަކުން މަގާމުތައް ދޭކަމުގެ ތުހުމަތު ވެސް އިދިކޮޅު ފަރާތްތަކުން ކުރެއެވެ.

comment ކޮމެންޓް