އައްޑޫގެ އެންމެ ބޮޑު އެއް ޑުރަގު ޑީލަރު ކަމަށް ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލައިފިއެވެ.
ކަރެކްޝަންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވި ގޮތުގައި، ޕްރޯލްގެ ތެރެއިން އަބުޗާ ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ޕެރޯލަކީ، ޖަލު ހުކުމެއް ތަންފީޒުކުރާ ގައިދީއަކު، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޝަރުތުތަކެއް ކުރުމަށް ފަހު މުޖުތަމައުއަށް ދޫކޮށްލުމެވެ.
އަބުޗާ ބަންދުން ދޫކޮށްލާފައިވަނީ، ޕެރޯލްގެ ވަކި ޝަރުތަކާއެކީގައި ކަމަށް ކަރެކްޝަންސްގެ އޮފިޝަލް ވިދާޅުވި ނަމަވެސް އެ ކަމުގެ އިތުރު ތަފުސީލެއް ނުދެއްވައެވެ. އަބުޗާގެ މައްޗަށް ކުރި ޝަރުތުތަކާ ޚިލާފުވާނަ، އޭނާއަށް ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ޖެހޭނެއެވެ. ގައިދީންނަށް ޕެރޯލަށް އެދެވޭނީ، ޝަރުތުތަކެއް ފުރިހަމަވުމުންނެވެ. އޭގެތެރޭގައި، ހުކުމުގެ ބައެއް ފުރިހަމަކޮށްފައިވުމާއި މުޖުތަމައުއަށް ނުރައްކަލެއް ނެތް ފަދަ ކަންކަން ހިމެނެއެވެ.
އުމުރު ދުވަހުގެ ހުކުމެއް ކަމަށް ބަލާ 25 އަހަރު ދުވަހަށް އަބުޗާ ޖަލަށް ލާން ހުކުމްކުރީ، މިދިޔަ އަހަރުގެ މެއި މަހެވެ. އެކަމަކު، ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަބުޗާ ކަނޑުމަތިން އަތުލައިގަތީ އޮކްޓޯބަރު، 2020ގައެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރިއެވެ. އޭގެން ކޮންމެ ދައުވާއެއްގެ ހުކުމަކީ، 25 އަހަރުކަމަށްވާއިރު، ޕީޖީ އޮފީހާއެކު އަބުޗާ ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއްބައި ވަނީ ހުކުމުން އުނިކޮށްފައެވެ.
އަބުޗާ ދޫކޮށްލިއިރު، އޭނާ ހުކުމުގައި ހޭދަކުރީ އަދި ފަސް އަހަރެވެ. އެހެންކަމުން، އެ މުއްދަތު އުނިކުރުމުން އަދި ބާކީ 20 އަހަރު އޭނާ ޖަލުގައި ހޭދަކުރަން ޖެހެއެވެ.