މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓު: ޓެކްސީގެ ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް!

މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓުގައި ދިވެހި ދެ ދަރިވަރުން ތިބި ކާރު --

މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި، ދިވެހި އަންހެން ދަރިވަރަކު މަރުވިއިރު އެ ކާރު ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. އޭނާ މަރުވީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ.

ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 8:48 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓު ހިނގީ ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ.

މައްސަލަ ތަހުގީގުކުރާ ފުލުހުން ހާމަކުރި ގޮތުގައި އެކްސިޑެންޓް ހިނގީ 34 އަހަރުގެ މީހަކު ދުއްވި ޕްރޮޓޯން އެސް70 މަރުކާގެ ކާރު އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް، 37 އަހަރުގެ ޓެކްސީ ޑްރައިވަރު ދުއްވި ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް ޕްރޮޓޯން ކާރުގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހުމުންނެވެ.

ޖެހުނުލެއް ބާރުކަމުން ޓެކްސީ މަގުމައްޗަށް އަރިއަޅާލައި ބަންޑުން ޖެހުނެވެ. މި ކާރުގައި ދަތުރުކުރަމުން ދިޔައީ ކްލަންގް ވެލީގެ އަމިއްލަ ކޮލެޖެއްގައި ކިޔަވަމުން އަންނަ ރާއްޖޭގެ ދެ އަންހެން ދަރިވަރުންނެވެ.

މި ހާދިސާގައި ކާރުގެ އެތެރޭގައި ތާށިވި ދިވެހި ދަރިވަރު، ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ހާދިސާ ހިނގި ތަނަށް މަރުވެފައިވާ ކަމަށް ޕެރަމެޑިކްސް ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ޓަކައި ޝާހް އާލަމް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް މިހާރު ވަނީ ގެންގޮސްފައެވެ. ކާރުގައި އިން އަނެއް ދިވެހި އަންހެން ދަރިވަރަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.

ފުލުހުން ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، ޓެކްސީ ދުއްވި ޑްރައިވަރު ވަނީ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައެވެ. މި މައްސަލައިގެ ތަހުގީގަށް އެ ޑްރައިވަރު ހަތަރު ދުވަހުގެ މުއްދަތަށް ހައްޔަރުގައި ބެހެއްޓުމުގެ ހުއްދަ ޝާހް އާލަމްގެ ފަސްޓް މެޖިސްޓްރޭޓް ކޯޓުން ވަނީ ފުލުހުންނަށް ދީފައެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުންދާ، އަދި ތައުލީމު ހާސިލުކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ވެސް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ގައުމެކެވެ.

comment ކޮމެންޓް