އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ ހުރިހާ ބޮންއަޅާ ބޯޓުތަކެއް އަނބުރާ ގެންގޮސްފި

އިނގިރޭސިވިލާތުގެ ގްލޯސްޓާޝަޔާގައި ހުންނަ އާރްއޭއެފް ފެއާފޯޑް މަރުކަޒުގައި ރުކުރުވާލާފައި އޮތް އެމެރިކާގެ ބީ-1 މަރުކާގެ ހުރިހާ ބޮންއަޅާ ބޯޓުތަކެއް އަނބުރާ އެމެރިކާއަށް ގެންގޮސްފިއެވެ.

ޕެންޓަގަންގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް ބާރަ ބޯޓު ވަނީ އެމެރިކާގައި ހުންނަ އެ ބޯޓުތަކުގެ މައި މަރުކަޒުތަކަށް އިއްޔެ ގެންގޮސްފައެވެ. ފްލައިޓް ޓްރެކްކުރާ ވެބްސައިޓުތަކުން ދައްކާ ގޮތުގައި، މި ބޯޓުތައް އިނގިރޭސިވިލާތުން ފުރައިގެން ދިޔައިރު، ވައިގެ ތެރެއިން ތެޔޯ އެޅުމަށް ބޭނުންކުރާ ބޯޓުތައްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުދުހިފައެވެ.

މި ބޯޓުތައް އަނބުރާ ގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ މަރުކަޒު ކައިރިން ފެނުނު ޝައްކުކުރެވޭ އުޅަނދުތަކަކާ ގުޅިގެން ފެށި ކައުންޓާ-ޓެރަރިޒަމް ތަހުގީގަކަށް ފަހުގައެވެ. މި މައްސަލައިގައި ގޮވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި ފުރަތަމަ ހައްޔަރުކުރީ އުމުރުން 23 އަހަރާއި 25 އަހަރާ ދެމެދުގެ ފަސް މީހެކެވެ. މިއީ އެންމެންނަކީވެސް ލަންޑަނަށް ނިސްބަތްވާ އިނގިރޭސިވިލާތުގެ ރައްޔިތުންނެވެ. އޭގެ ފަހުން އިނގިރޭސިވިލާތާއި އީރާނުގެ ރައްޔިތުކަން އޮންނަ އުމުރުން 25 އަހަރުގެ ހަވަނަ މީހަކުވެސް ލަންޑަނުން ހައްޔަރުކުރިއެވެ.

ނަމަވެސް ފުލުހުން ވަނީ މި ހަ މީހުންވެސް ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ފުލުހުން ބުނި ގޮތުގައި މިއީ ތަޖުރިބާއާއި ސްޓްރެޓެޖީގެ މައްޗަށް ބިނާކޮށް ނިންމި ތަހުގީގީ ނިންމުމެކެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓުތައް އަވަސްގޮތަކަށް ގެންދިޔައީ އީރާނުން މަދަދުދީގެން އެ މަރުކަޒަށް ހަމަލާއެއް ދޭން އުޅޭކަމުގެ އާ އިންޒާރުތަކެއް އެމެރިކާގެ ކޮމާންޑަރުންނަށް ލިބުމާ ގުޅިގެންނެވެ.

މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވި ގޮތުގައި، މިކަމުގައި އީރާނުގެ ބައިވެރިވުން އޮތްކަމުގެ ވަރުގަދަ ނިޝާންތަކެއް އެބަހުއްޓެވެ. ނަމަވެސް އީރާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ތުހުމަތުކުރެވޭ މީހުން ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމީހުންނާ ބެހޭ ހުރިހާ މައުލޫމާތެއް އެނގޭ ކަމަށާއި، އެމެރިކާއިން އެ މީހުން ދޫކޮށްނުލާނެ ކަމަށެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، މިކަމުގައި ބޭރު ގައުމެއްގެ އަތެއް ވާކަން ވަރަށް ސާފެވެ.

މީގެ ކުރިން ޖުލައި މަހު އީރާނުން ބުނެފައިވަނީ، އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާ ކޮންމެ މަރުކަޒަކީ އެ ގައުމުގެ ސިފައިންނަށް ހަމަލާދެވިދާނެ ތަނެއް ކަމަށެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓުތައް ގެންދިއުމަކީ ސިޔާސީ ނިންމުމެއް ނޫނެވެ. އެއީ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ މެދުގައި މަޝްވަރާކުރެވިގެން ނިންމި އޮޕަރޭޝަނަލް ނިންމުމެކެވެ.

އާރްއޭއެފް ފެއާފޯޑް މަރުކަޒަކީ ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން އަދި 1991 ވަނަ އަހަރުގެ ގަލްފް ހަނގުރާމައިގައިވެސް އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރި މަރުކަޒެކެވެ. ފަހަކަށް އައިސް އީރާނަށް ހަމަލާދިނުމަށްވެސް މި މަރުކަޒުން ބީ-1 އަދި ބީ-52 މަރުކާގެ ބޯޓުތައް އުދުހިފައިވެއެވެ. މިއީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ކިއާ ސްޓާމާ ދެއްވި ހުއްދައެއްގެ ދަށުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކެކެވެ.

އިނގިރޭސިވިލާތުން ގެންދިޔަ ބީ-1 ބޯޓުތަކަކީ ބިމުގެ އަޑީގައި ހަދާފައި ހުންނަ ތަންތަނަށް ހަމަލާދިނުމަށް ބޭނުންކުރާ ޚާއްސަ ބޮން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ. މި ބޯޓުތަކުން ކުރާ ކޮންމެ ދަތުރަކަށް ގާތްގަނޑަކަށް 12 ގަޑިއިރާއި 15 ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގާއިރު، ދެކޮޅަށް ދަތުރުކުރާއިރުވެސް ވައިގެ ތެރެއިން ތެޔޮ އަޅަންޖެހެއެވެ. ޕެންޓަގަންއިން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރު ހިންގި "އޮޕަރޭޝަން މިޑްނައިޓް ހެމާ" ފަދައިން، އެމެރިކާގެ ބައްރުން ފުރައިގެން ގޮސް ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ހަމަލާދިނުމުގެ ގާބިލުކަން އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް ލިބިގެންވެއެވެ.

comment ކޮމެންޓް