ރަޝިއާއިން ޔުކްރެއިނަށް ވަރުގަދަ ހަމަލާތަކެއްދީ، ޖަރުމަނުގެ ޗާންސެލަރު ސިއްސުވާލައިފި

ޗާންސެލަރު ފްރީޑްރިކް މާޒް، ކިޔޭވްގައި ޒެލެންސްކީގެ އަރިހުގައި --

ކިޔޭވް (05 އޮކްޓޯބަރު 2026): ޔުކްރެއިން ހަނގުރާމައަށް އެންމެ ބޮޑަށް ދަރުއަޅައި އެހަނގުރާމަ ހޫނުކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވޭ ޔޫރަޕްގެ އެންމެ ބޮޑު ގައުމު ކަމަށްވާ ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާޒް ޔޫކްރޭނަށް ވަޑައިގެން ރަޝިއާ އަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ގޮތްތަކާބެހޭގޮތުން ޔުކްރެއިންގެ ރައީސް އާއެކު މަޝްވަރާތަކެއް ކުރައްވަމުން ގެންދަވަނިކޮށް ރަޝިއާއިން ޔުކްރެއިންގެ ރިޔާސީ ގަނޑުވަރު ހުންނަ ހިސާބަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން ރަޝިއާ ކިޔޭވް އަށް ދިން ހަމަލާތަކުގެ އަޑުފަށްގަނޑު ޖަރުމަނުގެ ޗާންސެލާ މާޒް އަށް އިވިވަޑައިގެން އޭނާ ވަނީ ސިހިވަޑައިގެންފައެވެ. ރަޝިއާގެ މި ހަމަލާތަކާއެކު އަޑު އެތަށް އިރެއްވަންދެން ކިޔޭވްގެ ކަންކޮޅުތަކުގައި ގުގުރި ޖަހާހެން އަޑުތައް އިވި ބާރުގަދަ ގޮވުންތަކެއް ގޮވައި އެތަށް ތަނެއްގައި އަލިފާން ރޯވިކަމަށް ވެއެވެ. ޔުކްރެއިންގެ މިޑީއާ ބުނާގޮތުން ރަޝިއާގެ ހަމަލާތައް ހުއްޓުވުމަށް ޓަކައި ޔުކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތައް މަސައްކަތްކުރިއެވެ. ދުރާލައި އިންޒާރުދޭ ނިޒާމުތަކުގެ ސައިރަންގެ އަޑުތައް މުޅި ކިޔޭވްއިން އިވިގެންދިޔައެވެ. ކިޔޭވްގެ އަވަށްތަކުގައި ވައިގެ ދިފާޢީ ނިޒާމުތައް ވަރުގަދައަށް ހަރަކާތްތެރިވިއެވެ.

އިއްޔެ ރަޝިއާ ދިން މިހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކިޔޭވްގައި ދުނީޕްރޯ ކޯރު ހުރަސްކޮށް ބިނާކޮށްފައިވާ ބްރިޖަށް އެރުމުގެ ސަބަބުން އެބްރިޖްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ކިޔޭވްގެ މޭޔަރު ވިޓާލީ ކްލިޗްކޯވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިއާގެ ހަމަލާތައް އެރުމުގެ ސަބަބުން އެ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ގެއްލުންތަކުގެ ތަފްސީލެއް ނުދެއްވައެވެ. ބްރިޖަށް އެރި ހަމަލާތަކުގައި ވެހިކަލްތަކަށް ގެއްލުންލިބި ބައެއް މީހުން ވަނީ ޒަޚަމްވެސް ވެފައެވެ.

ރަޝިއާ އިއްޔެ ކިޔޭވްގެ ބުރިޖަށް ދިން ހަމަލާ

ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާޒް ޔުކްރެއިންއަށް ކުރައްވާ މިދަތުރުފުޅުގައި ރަޝިއާގެ ހަމަލާތަކެއް އަމާޒުވި ޔޫކްރޭނުގެ ސައިންސް އެކަޑެމީގެ ގެ ޢިމާރާތަށް ޒިޔާރަތް ކުރައްވައި ރަޝިއާގެ އަނިޔާވެރިކަމާބެހޭގޮތުން ވަނީ ވާހަކަ ދައްކަވައިފައެވެ. ރަޝިއާގެ ހަމަލާތަކުގައި އެ އެކަޑެމީގެ ދެ މީހަކު މަރުވެފައިވާތީ މާޒް ވަނީ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވައި އެއީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްކަމަށް ސިފަކުރައްވައިފައެވެ. އެތަނުގައި ހުންނަވައި މަރޓްޒް ވަނީ "އަނިޔާވެރިކަން" ހުއްޓާލުމަށް ރަޝިއާގެ ރައީސް ވްލެޑިމީރް ޕޫޓިން އަށް ގޮވާލައްވައި ވަރަށް ދެރަވެ ވަޑައިގެން ވާހަކަ ދައްކަވައިފައެވެ.

ޚާއްސަކޮށް ރަޝިއާއިން ޔުކްރެއިން ގެ އާންމުންނަށް ދެމުންދަނީ "އަނިޔާވެރި" ހަމަލާތަކެއް ކަމަށް ސިފަކުރައްވައި އެކަން ހުއްޓާލުމަށް މާޒް ވަނީ ޕޫޓިންއަށް ގޮވާލައްވައިފައެވެ. ރަޝިއާ އާ ދެކޮޅަށް އަމިއްލަ ނަފްސުގެ ދިފާއުގައި ހަމަލާދިނުމުގެ ހައްގު ޔުކްރެއިންއަށް އޮންނާނެކަމަށް މާޒް ވިދާޅުވިއެވެ.

ޖަރުމަނުގެ ޗާންސެލާ މާޒް ޔުކްރެއިންއަށް ޓަކައި ޔުކްރެއިން އާމެދު މިހާ އޯގާތެރިކޮށް ވާހަކަ ދައްކަވާފައިވާއިރު ޖަރުމަނުން ގެންދަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ބޭނުންވާ ހަތިޔާރު އިސްރާއީލަށް ހުއްޓުމެއްނެތި ފޯރުކޮށްދެމުންނެވެ. ބައިނަލްއަގްވާމީ ދުނިޔޭގައި އިސްރާއީލު ހިމާޔަތްކޮށް އިސްރާއީލަށް އެންމެ ބޮޑަށް ހިއްވަރުދީ އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ޔޫރަޕްގެ ގައުމަކީވެސް ޖަރުމަނެވެ.

އިސްރާއީލުގެ އިސްތިއުމާރާއި ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމުތަކުގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއުކުރާ ފަލަސްތީނުގެ މުޖާހިދުންނަކީ ޓެރަރިސްޓުންކަމަށް ވެސް ޖަރުމަނު ގެންދަނީ ސިފަކުރަމުންނެވެ.

އަނެއްކޮޅުން ރަޝިއާގެ ކުރިމަތީގައި ދިފާއުވުމުގެ ހައްގު ޔުކްރެއިންއަށް އޮވެފައި އެމެރިކާގެ ކުރިމަތީގައި ދިފާއުވުމުގެ ހައްގު އީރާނަށް ލިބިގެންވާކަމަށް ޖަރުމަނު އިންކާރު ކުރެއެވެ. މިގޮތުން އެމެރިކާ އިސްވެ އީރާންއާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައަށް ރައްދުދިނުމަށް ބޭނުންވާ ހަތިޔާރު އީރާނަށް ފޯރުކޮށް ނުދިނުމަށް އެންމެ ބޮޑަށް ގޮވާލާ އެއްގައުމަކީ ޖަރުމަނެވެ. އެމެރިކާ އީރާނުގެ އިސްވެރިން ޝަހީދުކޮށް ސްކޫލަކަށް ހަމަލާދީ 180 އަށް ވުރެ ގިނަކުޑަކުދިން ޝަހީދުކޮށްލުމުންވެސް ކުށްވެރިއަކީ އީރާންކަމަށް ޖަރުމަނު ސަރުކާރުންވަނީ ސިފަކޮށްފައެވެ.

މާޒް ޔުކްރެއިންއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ރަޝިއާ ވަރުގަދަ ހަމަލާތަކެއް މިދިނީ ރަޝިއާއަށް ހަމަލާދިނުމަށް ޔުކްރެއިންއަށް އެންމެގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަކީ ޖަރުމަނުކަމަށްވާތީ މާޒްއަށް މެސެޖެއް ދިނުުމުގެ ބޭނުމުގައި ކަމަށް ރަޝިއާގެ މުހައްލިލަކުވަނީ ސިފަކުރައްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު