އުމުރުން ވިހީގެ އަހަރުތަކަކީ ކެރިއަރު ބިނާކުރުމާއި، މަތީ ތައުލީމު ހާސިލުކުރުމާއި، އެކުވެރިންނާއެކު ވަގުތު ހޭދަކުރުމާއި، ދުނިޔެ ދެކެލުމަށް ދަތުރުފަތުރުކުރުމުގައި ގިނަ ޒުވާނުން މަސްއޫލުވެ އުޅޭ ދުވަސްވަރެކެވެ. އަމިއްލަ ނަފުސު ދެނެގަނެ، ދިރިއުޅުމުގެ މިނިވަންކަން ތަޖުރިބާކުރަމުންދާއިރު، "ކައިވެނިކުރަން އަދި ވަގުތު އެބައޮތް" ކަމަށް ބުނެ، ގިނަ ޒުވާނުން ކައިވެނި ފަސްކުރެއެވެ. "އަވަސްއަރުވާލާނީ ކީއްކުރަން ހެއްޔެވެ؟"، "އަދި ރަނގަޅު މީހަކާ ދިމައެއް ނުވެއެވެ"، ނުވަތަ "އަދި ބޭނުންވަނީ ދިރިއުޅުމުގެ އުފާ ހާސިލުކުރާށެވެ" މިއީ މި އުމުރުފުރާގެ ޒުވާނުންގެ ފަރާތުން އާންމުކޮށް އިވޭ ވާހަކަތަކެވެ. މިއީ ގޯސް ވިސްނުންތަކެއް ނޫނެވެ. ނަމަވެސް މައްސަލަ ފެށެނީ، "ފަހުން ކުރާނީ" ކަމަށް ބުނެ ކަންކަން ފަސްކުރުން އާދައަކަށް ވެ، އުމުރުން 30 އަހަރު ފަހަނަޅައި ދިއުމުންނެވެ. ކުއްލިއަކަށް، ކުރިން ވަށައިގެން ފެންނަން ތިބި ގިނަ ބައިވެރިން މަދުވެ، އިޖުތިމާއީ ވިއުގަ މުޅިން ބަދަލުވެފައިވާ މަންޒަރު ފެނެއެވެ. މިއީ މިއަދު ދިވެހި މުޖުތަމައުގައި ފިރިހެނުންނާއި އަންހެނުންނަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގައި ފުރަތަމަ ކައިވެނިކުރާ މީހުންގެ އެވްރެޖް އުމުރަކީ އަންހެނުންނަށް 20 އަހަރު އަދި ފިރިހެނުންނަށް 24 އަހަރެވެ. އެހެންނަމަވެސް، މަތީ ތައުލީމާއި ވަޒީފާގެ ކުރިއެރުމަށް އިސްކަންދޭ މިންވަރު އިތުރުވުމާއެކު، 30 އަހަރުން މައްޗަށް ދާއިރުވެސް ކައިވެނި ނުކޮށް ތިބޭ ޒުވާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ވިހީގެ އަހަރުތަކުގައި ކައިވެންޏާމެދު މާބޮޑު ސަމާލުކަމެއް ނުދީ، ހަމައެކަނި ވަގުތީ ގުޅުންތަކުގައި ވަގުތު ހޭދަކުރުމަށްފަހު، 30 އަހަރުވުމުން ކުއްލިއަކަށް ބައިވެރިޔަކު ހޯދަން އުޅޭއިރު، އެކަށީގެންވާ މީހަކު ހޯދުމަކީ ހީކުރިހާ ފަސޭހަ ކަމަކަށް ނުވެއެވެ. އަނެއްކޮޅުން، ތައުލީމާއި ކެރިއަރަށް ނުވަތަ އާއިލީ ޒިންމާތަކަށް ހުސްވެގެން ތިބި ޒުވާނުންނަށްވެސް، ރަނގަޅު ބައިވެރިޔަކާ ބައްދަލުވުމުގެ ފުރުސަތު އޮންނަނީ ކުޑަވެފައެވެ.

ވިހީގެ އަހަރުތަކުގައި ޔުނިވާސިޓީ އާއި ކޮލެޖާއި ވަޒީފާގެ މާހައުލުން ގިނަ ބަޔަކާ ބައްދަލުވެ، އެކުވެރިން މެދުވެރިކޮށް އާ މީހުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އަހަރުތައް ފާއިތުވަމުންދާ ވަރަކަށް، އެ އެކުވެރިން ކައިވެނިކޮށް، ދިރިއުޅުމެއް ފަށައެވެ. މުޖުތަމައުގައި ކައިވެނި ނުކޮށް ތިބޭ މީހުންގެ އަދަދު މަދުވަނީ ރަނގަޅު މީހުން ނެތިގެންނެއް ނޫނެވެ. އެކަށީގެންވާ ގިނަ މީހުން އޭރު ތިބެނީ ކައިވެނީގެ ގޮތުން ގުޅިގެންނެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވާ ވަރަކަށް މީހާގެ ވިސްނުން ތަސައްރަފުފުދި، ބައިވެރިޔާގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ގަބޫލުކުރާ ސިފަތަކުގެ ލިސްޓު ދިގުވެއެވެ. އުމުރުން 22 އަހަރުގައި ހަމައެކަނި "ގަޔާވާ" މީހަކު ހޯދަން ބޭނުންވި ނަމަވެސް، 32 އަހަރުވުމުން އެ ލިސްޓު ވަރަށް ބޮޑަށް ފުޅާވެއެވެ. ރަނގަޅު ތައުލީމެއް ހާސިލުކޮށްފައިވުމާއި، ރަނގަޅު ވަޒީފާއެއް އޮތުމާއި، މާލީ ގޮތުން ފުދުންތެރިވުމާއި، އާއިލީ ފަސްގަނޑު ރަނގަޅުވުމާއި، މިޒާޖު ރަނގަޅުވުމާއި، ސިފަ ރީތިވުމާއި، ޖަޒުބާތީ ގޮތުން ހަރުދަނާވުމާއި، ޝައުގުވެރިވާ ކަންކަން އެއްގޮތްވުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ގުޅުމާއި، މުއާމަލާތްކުރަން ފަރިތަވުމާއި، ގަބޫލުކުރާ އުސޫލުތައް އެއްގޮތްވުމުގެ އިތުރުން، މާޒީގައި އޮޅުންބޮޅުން ބޮޑު ކަންތައްތަކެއް ހިނގާފައި ނެތުން ފަދަ އެތައް ޝަރުތުތަކެއް ކަނޑައެޅެއެވެ. މިއީ ގޯހެއް ނޫން ނަމަވެސް، މި ޝަރުތުތައް މާބޮޑަށް ހަރުކަށިވެ، އެއްވެސް އުނިކަމެއް ނެތް ފުރިހަމަ މީހަކު ހޯދަން އުޅުމަކީ ކައިވެނި ލަސްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.

ދިވެހި ޒުވާނުން ކައިވެނި ފަސްކުރާ އަނެއް ސަބަބަކީ އިގުތިސާދީ ގޮންޖެހުންތަކާއި މުޖުތަމައުގައި އޮތް ބިރުވެރިކަމެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ އާބާދީގެ ގާތްގަނޑަކަށް 85 ޕަސެންޓް މީހުން ދިރިއުޅެނީ ވަރަށް ތޮއްޖެހިފައިވާ ތަންތަނުގައެވެ. އަމިއްލަ ތަނަވަސްކަމެއް ނެތި، ކުލީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަންޖެހުމަކީ ކައިވެނިކޮށްގެން އާއިލާއެއް ބިނާކުރުމަށް ޒުވާނުން ޖެހިލުންވާ ކަމެކެވެ. މީގެ އިތުރުން، ރާއްޖޭގައި ވަރި ގިނަވުމަކީވެސް ޒުވާނުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަމެކެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ވަރި އެންމެ ގިނަ އެއް ގައުމެވެ. ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރެއްގެ މައްޗަށް އެއްހާހަށްވުރެ ގިނަ ވަރި ރަޖިސްޓަރީކުރެއެވެ. މިކަމުގެ ސަބަބުން، ކައިވެނި ރޫޅިދާނެކަމުގެ ބިރަށާއި، މާލީ ޒިންމާތަކާ ހަވާލުވުމަށް ޖެހިލުންވެ، ގިނަ ބަޔަކު ކައިވެނިކުރުން ފަސްކުރެއެވެ. ބައެއް ޒުވާނުންނަށް އެމީހުންގެ މައިންބަފައިންގެ ނާކާމިޔާބު ކައިވެނިތައް ފެނިފައިވުމާއި، އަމިއްލައަށްވެސް ހިތްދަތި ގުޅުންތަކެއް ތަޖުރިބާކުރެވިފައިވުމަކީ، ކައިވެންޏާ ދުރުހެލިވާން މެދުވެރިވާ ސަބަބެކެވެ. ނަމަވެސް ކައިވެނި ފަސްކުރުމަކީ މި ނުރައްކާތައް ނެތިގެންދާނެ ކަމެއް ނޫނެވެ. އެއީ ހަމައެކަނި ގޮތެއް ނިންމަންޖެހޭ ވަގުތު ފަސްކޮށްލުމެވެ.
ޒަމާނީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ސަބަބުންވެސް ބައިވެރިޔަކު ހިޔާރުކުރުމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. ސޯޝަލް މީޑިއާއާއި ޑޭޓިން އެޕްލިކޭޝަންތަކުގެ ސަބަބުން، އަބަދުވެސް "މިއަށްވުރެ ރަނގަޅު މީހަކު ލިބިދާނެ" ކަމުގެ ކުށްހީ ގިނަ ބަޔަކަށް ކުރެވެއެވެ. ރަނގަޅު ސިފަތަކެއް ހުރި މީހަކާ ދިމާވި ނަމަވެސް، އިތުރު ގޮތްތައް ހޯދުމަށް މަސައްކަތްކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން، މީހަކު ހިޔާރުކުރުމުގެ ބަދަލުގައި، އަބަދުވެސް މީހުން ހޯދުމުގެ މަސައްކަތުގައި ވަގުތު ހޭދަވެއެވެ. އިންޓަނެޓުން މުދާ ގަންނަ އުސޫލުން އިންސާނީ ގުޅުންތައް ބިނާއެއް ނުކުރެވޭނެއެވެ. ހަގީގަތަކީ އެއްވެސް އުނިކަމެއް ނެތް ފުރިހަމަ މީހަކު ނުހުންނާނެ ކަމެވެ. ކާމިޔާބު ކައިވެންޏެއް ބިނާކުރެވެނީ ދެމީހުން ގުޅިގެން، އެކަކު އަނެކަކަށް ދޫދީގެންނެވެ. ވަގުތީ ގުޅުންތަކުން އުފާވެރިކަން ލިބުނު ނަމަވެސް، ކައިވެންޏަކަށް ބޭނުންވަނީ މުއާމަލާތްކުރުމާއި، ކެތްތެރިކަމާއި، ދޫދިނުމާއި، ޒިންމާދާރުކަމާއި، މާލީ ރޭވުންތެރިކަމާއި، ޖަޒުބާތީ ހަރުދަނާކަމާއި، އިހުތިރާމާއި، ވަފާތެރިކަމުގެ އިތުރުން މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަމެވެ.

އިސްލާމްދީނުގައި ކައިވެންޏަށް ބާރުއަޅުއްވާފައިވަނީ ވަރަށް މަތިވެރި މަގުސަދެއްގައެވެ. ކައިވެންޏަކީ ދެމަފިރިންގެ މެދުގައި ލޯތްބާއި ކުލުނު އުފައްދައި، ހިތްހަމަޖެހުން ގެނެސްދޭ ގުޅުމެކެވެ. ބައިވެރިޔަކު ހިޔާރުކުރުމުގައި އިސްލާމްދީން އިރުޝާދުދެނީ ބޭރުފުށުގެ ރީތިކަމާއި މުދާވެރިކަމަށްވުރެ ބޮޑަށް، ދީންވެރިކަމާއި ރިވެތި އަހުލާގަށް އިސްކަންދިނުމަށެވެ. އެހެންކަމުން، ދިގު ޝަރުތުތަކެއް ކަނޑައެޅުމުގެ ބަދަލުގައި، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ދިރިއުޅުން ބިނާކުރެވޭނެ، އަހުލާގު ރަނގަޅު މީހަކު ހިޔާރުކުރުމަކީ އެންމެ މުހިންމު ކަންތަކެވެ.
އުމުރުން 30 އަހަރުވުމަކީ ކައިވެނިކުރުމުގެ ފުރުސަތު ގެއްލުމެއް ނޫނެވެ. އެއީ މީހާގެ ވިސްނުން ތަސައްރަފުފުދި، އަމިއްލަ ނަފުސު ރަނގަޅަށް ދެނެގަނެވި، ދިރިއުޅުމުގައި ބޭނުންވާ ކަންކަން ސާފުވާ އުމުރެވެ. މި އުމުރުގައި ކައިވެނިކުރާ މީހުންނަށް، މާލީ ގޮތުންނާއި ޖަޒުބާތީ ގޮތުން ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، "އަހަރެންގެ އުމުރުން 30 އަހަރުވެއްޖެއޭ، ދެން ގޮތް ހުސްވީއޭ" ހީކުރުމުގެ ބަދަލުގައި، އަމަލީ ގޮތުން މަސައްކަތް ފެށުން މުހިންމެވެ. ކައިވެންޏެއް ކުރުމަށް ބޭނުންވާނަމަ، އެކަން ހަމައެކަނި ނަސީބަށް ދޫކޮށްލައިގެން ތިބުމުގެ ބަދަލުގައި، ގަސްތުގައި އެކަމަށް މަސައްކަތްކުރަން ޖެހެއެވެ. އާއިލާގެ މީހުންނާއި އިތުބާރުކުރެވޭ ރައްޓެހިން ގާތުގައި، ކައިވެންޏެއް ކުރުމުގެ ޝައުގުވެރިކަން ހުރިކަން ހާމަކުރުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. މީގެ އިތުރުން، އާންމުކޮށް އުޅޭ މާހައުލުން ބޭރަށް ނުކުމެ، އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވެ، އާ މީހުންނާ ބައްދަލުވުމުގެ ފުރުސަތުތައް ފަހިކުރަން ޖެހެއެވެ. ބައްދަލުވާ ކޮންމެ މީހަކީ ކައިވެނިކުރާނެ މީހާ ކަމަށް ނުވި ނަމަވެސް، އެކި މީހުންނާ މުއާމަލާތްކުރުމުން، ތިމާއާ ގުޅޭ މިޒާޖުގެ މީހުން ދެނެގަންނަން ފަސޭހަވާނެއެވެ.
ބައިވެރިޔަކު ހޯދުމުގައި އެންމެ މުހިންމު އެއް ކަމަކީ ތެދުވެރިކަމާއެކު މުއާމަލާތްކުރުމެވެ. ކައިވެންޏަކާ ހަމައަށް ދިއުމުގެ ނިޔަތުގައި މީހަކާ ގުޅުން ބާއްވާނަމަ، އެކަން ފެށުމުގައިވެސް ސާފުކޮށް ބުނެދިނުމަކީ ދެމީހުންގެ ވަގުތު ސަލާމަތްވާނެ ކަމެކެވެ. ފުރަތަމަ ބައްދަލުވުމުގައި ކައިވެންޏަށް އެހުމުގެ ބަދަލުގައި، ދިރިއުޅުމުގައި މިހާރު ހުރީ ކައިވެންޏަކާ ހަމައަށް ދެވިދާނެ ފަދަ ސީރިއަސް ގުޅުމެއް ބިނާކުރަން ބޭނުންވާ ހިސާބެއްގައިކަން ހާމަކުރެވިދާނެއެވެ. ދިގު ލިސްޓެއްގެ ބަދަލުގައި، އެންމެ މުހިންމު ފަސް ސިފައެއް ކަނޑައަޅާށެވެ. މިސާލަކަށް، ތެދުވެރިކަމާއި، އޯގާތެރިކަމާއި، ޖަޒުބާތީ ހަރުދަނާކަމާއި، އާއިލީ ގުޅުންތަކަށް އިސްކަންދިނުމާއި، މިޒާޖު ގުޅޭ މީހަކަށް ވުމެވެ. އިސްކޮޅާއި، ސިފައާއި، ވަޒީފާއާއި، އާމްދަނީއަކީ މުހިންމު ކަންކަން ނަމަވެސް، އެއީ ރަނގަޅު މީހަކު ދޫކޮށްލަންޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ. ބައެއް ފަހަރު، ފުރަތަމަ ބައްދަލުވުމުން މާބޮޑު ޝައުގުވެރިކަމެއް ނުއުފެދުނު ނަމަވެސް، ވަގުތު ފާއިތުވަމުންދާ ވަރަކަށް އިހުތިރާމާއި ލޯބި އުފެދިގެންދެއެވެ.
އެހެން މީހުންގެ ދިރިއުޅުމާ ތިމާގެ ދިރިއުޅުން އަޅައި ކިޔުމަކީވެސް ދުރުހެލިވާންޖެހޭ ކަމެކެވެ. އެކުވެރިޔާ އުމުރުން 24 އަހަރުގައި ކައިވެނިކުރި ނަމަވެސް، ތިމާގެ ކައިވެނި 35 އަހަރުގައި ކުރެވުމަކީ ނާކާމިޔާބީއެއް ނޫނެވެ. ސޯޝަލް މީޑިއާއިން ފެންނަ އުފާވެރި މަންޒަރުތަކުގެ ފަހަތުގައިވާ ހަގީގަތްތައް ނޭނގޭނެއެވެ. އެހެންކަމުން، އަމިއްލަ ދިރިއުޅުމުގެ މިސްރާބު އަމިއްލައަށް ކަނޑައެޅުން މުހިންމެވެ. އަދި ރަނގަޅު ބައިވެރިޔަކު ހޯދުމުގެ ކުރިން، ތިމާއަކީވެސް ރަނގަޅު ބައިވެރިޔަކަށް ވުމަށް އަމިއްލަ ނަފުސު އިސްލާހުކުރަން ޖެހެއެވެ. ރުޅި ކޮންޓްރޯލްކުރުމާއި، މައްސަލަތައް ހައްލުކުރުމުގެ ހުނަރު ދަސްކުރުމާއި، އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރަން ދަސްކުރުމަކީ ކައިވެންޏަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމެވެ. ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން، ޕްރީމެރިޓަލް ކައުންސެލިން ނުވަތަ ކައިވެނީގެ ކުރިން ދެވޭ އިރުޝާދު ހޯދުމަކީވެސް މުހިންމު ކަމެކެވެ. މީގެ ސަބަބުން ދެމަފިރިންގެ މެދުގައި މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްވެ، ކައިވެނި ރޫޅުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. މާޒީގައި ކުރެވިފައިވާ ހިތްދަތި ތަޖުރިބާތަކުގެ ސަބަބުން މުޅި މުޖުތަމައާމެދު ގޯސްކޮށް ދެކުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. އެއް ފަހަރު ދިމާވި ގޯސް މީހެއްގެ ސަބަބުން، ހުރިހާ ފިރިހެނުން ނުވަތަ ހުރިހާ އަންހެނުންނަކީ ގޯސް ބައެއް ކަމަށް ނިންމައިގެން ނުވާނެއެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެހެންކަމުން، އަލަށް ބައްދަލުވާ މީހާއާމެދު ގޮތް ނިންމަންވާނީ އޭނާގެ އަމަލުތަކަށް ބަލައިގެންނެވެ.
އުމުރުން 30 އަހަރު ފަހަނަޅައި ދިއުމަކީ ދިރިއުޅުމުގެ އާ ބާބެއްގެ ފެށުމެވެ. އެއީ ކުޅިވަރާއި މަޖަލާ ދުރަށްގޮސް، ޒިންމާދާރު، ހަރުދަނާ ދިރިއުޅުމެއް ބިނާކުރުމަށް ލިބޭ ފުރުސަތެކެވެ. ކައިވެނިކުރަން ބޭނުންވާނަމަ، އެކަމަށް ހުރަސްއަޅާ ބިރުވެރިކަމާއި ފުރިހަމަކަމަށް އެދޭ އެދުންތައް ދޫކޮށްލައި، އަމަލީ ގޮތުން މަސައްކަތް ފަށަންވީ ވަގުތަކީ މިއީއެވެ. ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އަމާޒެއް ކަނޑައަޅާށެވެ. މާޔޫސްކަމާއެކު މީހުން ހޯދުމުގެ ބަދަލުގައި، ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާށެވެ. އާ މީހުންނާ ބައްދަލުކޮށް، ވާހަކަދައްކައި، ކޮންމެ ތަޖުރިބާއަކުން ފިލާވަޅު ލިބިގަންނާށެވެ. އަދި ރަނގަޅު މީހަކާ ދިމާވުމުން، "މިއަށްވުރެ ރަނގަޅު މީހަކު ލިބިދާނެއޭ" ހިތަށް އަރައި އެ ފުރުސަތު ނަގާނުލާށެވެ. ރަނގަޅު ބައިވެރިޔަކު ހޯދުމަށްޓަކައި، ތިމާއަކީވެސް އެފަދަ ރަނގަޅު ސިފަތަކެއް ހުރި މީހަކަށް ވުމަށް މަސައްކަތްކުރަން ޖެހެއެވެ. ކައިވެންޏަކީ ދެމީހަކު ގުޅިގެން، ދިރިއުޅުމުގެ އުފާތަކާއި ހިތާމަތައް ހިއްސާކޮށް، އެކަކު އަނެކަކަށް އެހީތެރިވެދީގެން ކުރިއަށްދާ ދަތުރެކެވެ. އެހެންކަމުން، އުމުރުން ދުވަސްވެއްޖެކަމަށް ބަލައި މާޔޫސްވުމުގެ ބަދަލުގައި، ހެޔޮ ނިޔަތާއެކު، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ދިރިއުޅުން ބިނާކުރުމަށް މިއަދު ފިޔަވަޅު އަޅަން ފަށާށެވެ.