އިންތިޙާނުގެ ޕްރެޝަރާއި، މޫސުމީ ބޮޑެތި ބަދަލުތަކުގެ އިތުރުން ވަސީލަތްތައް މަދުވުމާއި، ވަޒީފާގެ ފުރުޞަތުތައް ހަނިވުމާއި ޑިޖިޓަލް ވަސީލަތްތަކުން ކުރިމަތިވާ ނުރައްކާތަކުގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކަކީ އެކަންކަން ވަކިވަކިން ބެލޭނެ ކަންކަމެއް ނޫން ކަމަށް އދ. އިން އަލަށް ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
ސާޅީސް ފަސް ޑިގްރީ ސެލްސިއަސްގެ ގަދަ ހޫނުގައި އިމްތިޙާނު ހަދަމުންދާ ދަރިވަރަކަށް ކުރިމަތިވަނީ ހަމައެކަނި ނަފްސާނީ ނުތަނަވަސްކަމެއް ނޫނެވެ. އިމްތިޙާނުން ފާސްނުވެދާނެކަމުގެ ބިރާއި، އާއިލާގެ އުންމީދުތަކުގެ ބުރައިގެ އިތުރުން، އިންތިހާއަށް ހޫނުމިން މަތިވުމުގެ ސަބަބުން ކުރިމަތިވާ 'ހީޓް ސްޓްރެސް' އަކީ ކުދިންގެ ނަތީޖާ ދަށްވާ މައިގަނޑު އެއް ސަބަބެވެ.
މުމްބާއީގެ 'ޔުނައިޓެޑް ފޯ ގްލޯބަލް މެންޓަލް ހެލްތު'ގެ ސީނިއާ އޮފިސަރު އާސްތާ ސެތީ ފާހަގަކުރެއްވި ގޮތުގައި، އިޖުތިމާޢީ އަދި ތިމާވެށީގެ ނިޒާމީ މައްސަލަތަކަކީ ފަރުދީ ނަފްސާނީ ބައްޔެއްގެ ގޮތުގައި ދުށުމަކީ ޙައްލެއް ނޫނެވެ. މޫސުމީ ބަދަލުތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ދެމެދު އޮތް ގުޅުމަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ފިނިހޫނުމިން މަތިވުމަކީ އިމްތިޙާނުތަކުގައި ދަރިވަރުންގެ ނަތީޖާއަށް ނޭދެވޭ އަސަރުކުރުވައި، ސްޓްރެސްއާ ގުޅުންހުރި ބަލިތައް އިތުރުވާ ކަމެއްކަން ދިރާސާތަކުން ހާމަވާ ކަމަށެވެ.
އެކުވެރި ދައުލަތްތަކުން އަލަށް ނެރުނު "ޔޫތު މެންޓަލް ހެލްތު އެންޑް ވެލް-ބީންގް އިން އެން އަންސަޓަން ވޯލްޑް: އަ ގްލޯބަލް ކޯލް ޓޫ އެކްޝަން" ރިޕޯޓުގައި ބާރުއަޅާފައި ވަނީ، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ސިއްހީ މައްސަލައެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، ޒުވާނުން ބޮޑުވަމުން، ތަޢުލީމު ހާސިލުކުރަމުން، މަސައްކަތްކުރަމުން އަދި މުޢާމަލާތްކުރަމުންދާ އިޖުތިމާޢީ، އިޤްތިސާދީ އަދި ތިމާވެށީގެ ވެއްޓަށް ވިސްނުން ބަހައްޓަންޖެހޭ ކަމަށެވެ.
ޒުވާނެއްގެ ނަފްސާނީ ދުޅަހެޔޮކަން ބިނާވަނީ ހަމައެކަނި ކައުންސެލިން ދޭ ކޮޓަރިއެއްގެ ތެރޭގައި ހިނގާ ކަންކަމުގެ މައްޗަށް ނޫންކަމަށް ކަމުގެ މާހިރުން ވިދާޅުވޭ -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސްމި ރިޕޯޓުގައި ބަޔާންކޮށްފައިވާ "ޔޫތު މެންޓަލް ހެލްތު އެންޑް ވެލް-ބީންގް އީކޯސިސްޓަމް މޮޑެލް"ގެ އަސާސަކީ، ޒުވާނެއްގެ ނަފްސާނީ ދުޅަހެޔޮކަން ބިނާވަނީ ހަމައެކަނި ކައުންސެލިން ދޭ ކޮޓަރިއެއްގެ ތެރޭގައި ހިނގާ ކަންކަމުގެ މައްޗަށް ނޫންކަމެވެ. މަދަރުސާ އާއި، މަސައްކަތުގެ މާހައުލާއި، ގޭތެރޭގެ ހާލަތާއި، އާއިލާ އާއި ރައްޓެހިންގެ ގުޅުންތަކުގެ އިތުރުން މޫސުމާއި، ކުޅިވަރާއި، ސަޤާފަތް އަދި ރޫޙާނީ ކަންކަމަކީ ވެސް ސީދާ ގޮތުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުފޯރުވާ މުހިންމު ކަންކަމެވެ.
އެންޔޫޔޫ ސިލްވަ ސްކޫލް އޮފް ސޯޝަލް ވޯކްގެ ޑީން އަދި މި ރިޕޯޓު ރިވިއުކުރެއްވި ޑރ. މައިކަލް އެލް ލިންޑްސީ ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ ރައްކާތެރިކަމާއި، ބޯހިޔާވަހިކަމާއި، އަސާސީ ކާބޯތަކެތި ލިބުމުގައި ހުރި ދަތިތަކާ މެދު ސުވާލު އުފެއްދެނީ މަދުން ކަމަށެވެ. މާލީ ދަތިކަމާއި، ބޯހިޔާވަހިކަމާއި، ރައްކާތެރިކަމުގެ ނުތަނަވަސްކަމުގައި ދިރިއުޅޭ ޒުވާނަކަށް ނަފްސާނީ ގޮތުން އަސަރުކުރުމަކީ ތަބީއީ ކަމެކެވެ. މީގެ މާނައަކީ ފަރުވާ ބޭނުންނުވުމެއް ނޫނެވެ. ނަމަވެސް އެ ޒުވާނާގެ ވަށައިގެންވާ ވެއްޓަކީ ފަރުވާއާ އެއްވަރަށް މުހިންމު ބައެއްކަމެވެ.
އިންޑިއާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތު އެންޑް ނިއުރޯ ސައިންސް (ނިމްހާންސް)އިން، އެ ޤައުމުގެ ހެލްތު މިނިސްޓްރީއާ ގުޅިގެން ހެދި ދިރާސާއިން ދައްކާ ގޮތުގައި، 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ 7.3 އިންސައްތައަކީ ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ ކުދިންނެވެ. އަދި ގާތްގަނޑަކަށް 9.8 މިލިއަން ޒުވާނުންނަށް އަވަސް ފަރުވާ ބޭނުންވާކަމަށް ލަފާކުރެވެއެވެ.
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ދެމެހެއްޓެނިވި ޤައުމީ އަދި އިޖުތިމާޢީ ތަރައްޤީގެ އެންމެ މުހިންމު އެއް ބިންގާ ކަމަށް 'ވާލްޑްބީއިންގް އިންޑިއާ'ގެ ވައިސް ޕްރެޒިޑެންޓް ނަންދިތާ ބަޓްލާ ވަނީ ވިދާޅުވެފައި -- ފޮޓޯ/އިންޑިއަން އެކްސްޕްރެސް މި ދިރާސާއިންނާއި ޕީއެލްއޯއެސް ގްލޯބަލް ޕަބްލިކް ހެލްތުގެ ހޯދުންތަކަކީ ދިވެހި މުޖުތަމަޢާވެސް ނުހަނު ގުޅުންހުރި ކަންކަމެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީތަކުގައި ނަފްސާނީ މައްސަލަތައް 13.5 އިންސައްތައިގައި ހުރިއިރު، ރަށްފުށުގެ ސަރަޙައްދުތަކުގައި މިޢަދަދު އުޅެނީ 6.9 އިންސައްތައިގައެވެ. މީގެއިތުރުން، ނަފްސާނީ މައްސަލަތައް ކުރިމަތިވާ މީހުންގެ 80 އިންސައްތައަށް އެކަށީގެންވާ ފަރުވާ ނުލިބޭކަން ވަނީ ހާމަވެފައެވެ. މާލޭގައި އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް މިފަދަ ޚިދުމަތްތައް ހޯދުމަކީ އަދިވެސް ބޮޑު ގޮންޖެހުމެކެވެ.
އިމްތިހާނުތަކުގެ ވާދަވެރިކަމުގެ އިތުރުން، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކުލި ބޮޑުވުމާއި، ވަޒީފާގެ ފުރުސަތު މަދުވުމަކީ ދިވެހި ޒުވާނުންނަށް ކުރިމަތިވާ ބޮޑެތި ފިއްތުންތަކެވެ. އަދި ހޫނުގަދަ ކުދި ޖަޒީރާ ޤައުމެއްގެ ގޮތުން، ކްލާސްރޫމްތައް ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އުފެދޭ ނުތަނަވަސްކަމަކީ އިތުރުވަމުންދާ ނުރައްކަލެކެވެ.
ދިވެހި މުޖުތަމަޢުގައި މިފަދަ ބަދަލުތައް ގެނައުމަށްޓަކައި، ކްލާސްރޫމްތައް ފިނިކޮށް ބެހެއްޓުމާއި، އިމްތިހާނުތަކުގެ ފިއްތުންތައް ކުޑަކުރެވޭނެ އުސޫލުތައް އެކަށައެޅިދާނެއެވެ. އަދި ޒުވާނުންނަށް ފަސޭހައިން ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ޤާއިމުކޮށް، ރައްކާތެރި ޑިޖިޓަލް ވެއްޓެއް ބިނާކުރުން މުހިންމެވެ.
ޔުނައިޓެޑް ނޭޝަންސް ޔުނިވަސިޓީ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ގްލޯބަލް ހެލްތުގެ ޑައިރެކްޓަރު ރެވާތީ ފާލްކޭ ފާހަގަކުރެއްވި ގޮތުގައި، މުޅި ނިޒާމަށް ރިއާޔަތްކުރާ މޮޑެލްއެއްގެ ސަބަބުން، ވަކިވަކި ދާއިރާތަކުން ފަރުވާދިނުމުގެ ބަދަލުގައި ތައުލީމީ، އިޤްތިޞާދީ އަދި ތިމާވެށީގެ ހުރިހާ ސިޔާސަތުތަކެއްގެ ތެރެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ މަފްހޫމު ޝާމިލުކުރެވިގެންދާނެއެވެ.
'ވާލްޑްބީއިންގް އިންޑިއާ'ގެ ވައިސް ޕްރެޒިޑެންޓް އަދި ކަންޓްރީ ޑައިރެކްޓަރު ނަންދިތާ ބަޓްލާ ވިދާޅުވި ގޮތުގައި، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ދެމެހެއްޓެނިވި ޤައުމީ އަދި އިޖުތިމާޢީ ތަރައްޤީގެ އެންމެ މުހިންމު އެއް ބިންގަލެވެ.