ލަންކާގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރުމަށް އޭޑީބީން 100 މިލިއަން ޑޮލަރު ދީފި

ފަހާ މަސައްކަތްކުރާ ތަނެއްގައި ލަންކާ މަސައްކަތްތެރިއަކު --

ސްރީލަންކާގެ މަސައްކަތްތެރިކަމާއި ފަންނީ ތަޢުލީމުދޭ ނިޒާމު ޒަމާނީކޮށް، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އެ ގައުމަށް ދިނުމަށް ފާސްކޮށްފިއެވެ.

"ޑެއިލީ މިރޯ" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިމުނު ސެޕްޓެމްބަރު 29ގައި ފާސްކުރި މި ޕްރޮގްރާމަކީ ލަންކާގެ އިގްތިޞާދު އަލުން ކޮޅަށް ޖެހުމަށާއި، ޒުވާނުންގެ މެދުގައި އޮތް ވަޒީފާ ނެތުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

"ސްކިލްސް ޑިވެލޮޕްމަންޓް ސިސްޓަމް ޓްރާންސްފޮމޭޝަން ޕްރޮގްރާމް" ގެ ނަމުގައި އަންނަ އަހަރުން، 2031 އަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ ސަބަބުން 100،000 އަށް ވުރެ ގިނަ ޒުވާނުންނަށް ވަޒީފާގެ ބާޒާރާ ގުޅޭ ތަމްރީނުތައް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އޭޑީބީން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޝެނަން ކައުލިން ވިދާޅުވީ، ލަންކާގެ އިގްތިޞާދު ދިގު މުއްދަތަކަށް ބަދަލުކުރުމަށް ޓަކައި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ތައުލީމާއި ވަޒީފާގެ ދާއިރާއާ ދެމެދު އޮތް ގުޅުން ބަދަހިވެ، އަންހެނުންނާއި ޒުވާނުންނަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އިންޖިނިއަރިން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އައިސީޓީ)، ކޮންސްޓްރަކްޝަން، އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާތަކުން އަންހެނުންނަށް ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އޮޓޯމޯޓިވް ޓެކްނޮލޮޖީއަށް ޚާއްސަ ސެންޓާ އޮފް އެކްސެލެންސެއް ގާއިމުކުރުމާއި، ގައުމީ ފެންވަރުގެ އެކްރެޑިޓޭޝަން ނިޒާމެއް ތަޢާރަފުކުރުންވެސް މި ޕްރޮޖެކްޓްގައި ހިމެނެއެވެ.

އޭޑީބީގެ މި އެހީގެ ތެރޭގައި ހިމެނެނީ 50 މިލިއަން ޑޮލަރުގެ ރެގިއުލަރ ލޯނަކާއި، 50 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް (ލުއި) ލޯނެއްގެ އިތުރުން 500،000 ޑޮލަރުގެ ޓެކްނިކަލް އެސިސްޓެންސް ގްރާންޓެކެވެ.




comment ކޮމެންޓް