ފަތުރުވެރިކަމުގެ ސިނާއަތުގައި އޭއައިއާއި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރަން ގޮވާލައިފި

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން..... ފޮޓޯ/ ޕީއެސްއެމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަނާ ބެހޭ ވުޒާރާއިން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލެއްވީ، މިއަދު ފާހަގަކުރާ މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން އެ ވުޒާރާއިން ނެރުނު "ޓޫރިޒަމް ޑޭ ސަޕްލިމެންޓް 2026" ގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން ލިޔުއްވި ޚާއްސަ މެސެޖެއްގައެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ "ފަތުރުވެރިކަން އަލުން ފަރުމާކުރުމަށް ޑިޖިޓަލް އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް" އެވެ. ވަޒީރު އަމީން ވިދާޅުވި ގޮތުގައި، މި ޝިއާރުން ރަމްޒުކޮށްދެނީ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު މިސްރާބު ޖަހާފައިވާ ދިމާއެވެ. އަދި ރާއްޖޭގެ އިގުތިސާދުގެ މައިބަދައަކީ އަދި ގައުމީ ތަރައްގީގެ ބިންގަލަކީ ވެސް ފަތުރުވެރިކަން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ފަތުރުވެރިން މިހާރު ދަތުރުތައް ރާވައި، އަޅައިކިޔައި އަދި ބުކިން ހަދަނީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި އޭއައިގެ އެހީގައި،" ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި: --- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

އަމީން ވިދާޅުވި ގޮތުގައި މި ޓެކްނޮލޮޖީތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުތަކުގައި ތިބޭ ފަތުރުވެރިންނާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ގާތްވެ، ފަތުރުވެރިންގެ ޑިމާންޑް އޮންނަ ގޮތް ވިޔަފާރިތަކަށް ވަރަށް ސާފުކޮށް އެނގިގެންދެއެވެ. މީގެ އިތުރުން، މައިގަނޑު ފަތުރުވެރިކަމުގެ މަރުކަޒުތަކުން ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ސަބަބުން ފުޅާ ފުރުސަތުތަކެއް ފަހިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެންމެ ދުރު އަތޮޅެއްގައި ހިންގާ ވިޔަފާރިއަކަށް ވެސް، އެންމެ ބޮޑު ރިސޯޓެކޭ އެއްފަދައިން ފަތުރުވެރިންނާ ހަމައަށް ވާސިލުވުމުގެ ފުރުސަތު ޑިޖިޓަލް ޕްލެޓްފޯމްތަކުން ފަހިކޮށްދޭ،" އަމީން ވިދާޅުވިއެވެ.

މިފަދަ ޕްލެޓްފޯމްތަކުގެ އެހީގައި ގެސްޓްހައުސްތަކަށް އާ ބާޒާރުތަކަށް ވަނުމުގެ މަގުފަހިވެ، ރަނގަޅު މައުލޫމާތުގެ އަލީގައި ވިޔަފާރިތައް ރޭވުމަށް މަގުފަހިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތްކުރަމުން ދަނީ ޑިޖިޓަލައިޒޭޝަންގެ މަންފާ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް ލިބުމުގެ ބަދަލުގައި، މުޅި ސިނާއަތަށް އޭގެ ފައިދާ ފޯރުކޮށްދިނުމަށް ކަމަށް ވެސް އަމީން ވިދާޅުވިއެވެ. މިގޮތުން، ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ހަރުދަނާކޮށް، ލައިސަންސް ދިނުމާއި ގަވާއިދުތައް އަދި ރިޕޯޓުކުރުމުގެ ނިޒާމުތައް ޒަމާނީކުރުމުގެ އިތުރުން، ދިވެހިންގެ ޑިޖިޓަލް ހުނަރު ތަރައްގީކުރުމަށް ވުޒާރާއިން އިންވެސްޓުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން އެއް ވުޒާރާއެއްގެ ދަށަށް ގެނައުމާ ގުޅިގެން، ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގައި ދަތުރުފަތުރުގެ ގުޅުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ވައިގެ ބަނދަރުތަކާއި، ވައިގެ ޚިދުމަތްތަކުގެ އިތުރުން ފަސިންޖަރުންގެ ނިޒާމުތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ އަމާޒަކީ ރާއްޖެއަށް އައުން އަވަސްކޮށް ފަސޭހަކުރުމާއެކު، އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ދަތުރުކުރުން ފުޅާކުރުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ގުދުރަތީ ތިމާވެށި ހިމާޔަތްކުރުމަށް ވެސް ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދަންޖެހޭކަން އަމީން ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަން އަބަދުވެސް ސިފަކޮށްދޭ މެހެމާންދާރީއާއި އިންސާނީ ވިސްނުމަށް އެހީތެރިވެދޭ ނަމަ، ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ ބޭނުން މި ސިނާއަތަށް ހިފޭނެ،" އަމީން ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވަމުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބިނާކުރި ބޭފުޅުންނާއި، ސިނާއަތުގެ ބައިވެރިންގެ އިތުރުން މި ދާއިރާ ދެމެހެއްޓުމަށް މަސައްކަތްކުރާ އެތައް ހާސް ދިވެހިންގެ އަގުވަޒަންކުރައްވާފައެވެ.

"މިހާތަނަށް އަޅުގަނޑުމެން ގެނެސްދިން އަޒުމާއި އޯގާތެރިކަމާ އެކު، މި އާ ބާބާ ކުރިމަތިލަމާ،" އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް