ދިވެހީން ގިނަ ބެންކޮކްގެ ފެންބޮޑުވުން: ފެންގަނޑު ހިނދެން ފަށައިފި

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރި ބޯ ވިއްސާރައަށް ފަހު، މިއަދު އެ ސަރަހައްދުގެ މަގުތަކުން ފެންގަނޑު ހިނދެން ފަށައިފިއެވެ.

ނަމަވެސް، 48 ގަޑިއިރުގެ ތެރޭގައި 300 މިލިމީޓަރުގެ ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި މަގުތަކުގައި ފެންބޮޑުވެ، ބައެއް ކާރުތައް ވަނީ ފެނު އަޑީގައެވެ. މި ހާލަތާ ގުޅިގެން އިއްޔެ ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަން (ބީއެމްއޭ) އިން ވަނީ އެ ސަރަހައްދަކީ ކާރިސާގެ ހާލަތު މެދުވެރިވެފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ފެންގަނޑު ހިނދެމުން ދިޔަ ނަމަވެސް، ގެތަކަށް ފެން ވަދެ، ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބުރޫއަރާފައެވެ. އަދި ބައެއް އަވަށްތަކަށް ވަނުމަށް ދަތިވެ، މީހުންނަށް އަދިވެސް ގެއިން ބޭރަށް ނުނިކުމެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންކޮކަކީ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުން އަންނަ ތަނެކެވެ. އަދި ވިޔަފާރިއާއި އެހެނިހެން ބޭނުންތަކަށް ވަރަށް ގިނަ ދިވެހީން އެ ސިޓީއަށް ދަތުރު ވެސް ކުރެއެވެ.

މިހާދިސާގައި ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ.

ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ދިރިއުޅޭ އުމުރުން 33 އަހަރުގެ އަރީޓާ ސަންޕޯކާ ބުނި ގޮތުގައި، އޭނާގެ ގޭގެ ތިރީ ފަންގިފިލާގައި އުނަގަނޑާ ހަމައަށް ފެންބޮޑުވެފައިވެއެވެ.

ބެންކޮކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައި: މިހާރު ދަނީ ފެންގަނޑު ހިނދެމުން-- ފޮޓޯ: ރޮއިޓާސް

"މިވަގުތު ގޭގައި އުނަގަނޑާ ހަމައަށް ފެން އެބަހުރި،" އަރީޓާ ބުންޏެވެ. "ގޭގައި ހުރި ހުރިހާ އެއްޗެއް ވަނީ ހަލާކުވެފައި."

އޭނާ ފާހަގަކުރި ގޮތުގައި ގޭގެ ތިރީ ފަންގިފިލާއިން ކަރަންޓު ކެނޑި، ފާހާނާ ބޭނުންނުކުރެވޭ ވަރަށް ފެންގަނޑު ބޮޑުވުމުގެ ސަބަބުން ދުވަހުގެ އާންމު ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. މީގެ އިތުރުން، އޭނާގެ އަވަށްޓެރިންގެ ތެރޭގައި ހިމެނޭ އުމުރުން 80ގެ އަހަރުތަކުގެ ދެ މީހަކަށް ތިރިއަށް ނުފޭބުމުގެ ސަބަބުން ގޭގައި ތާށިވެފައި ތިބިކަން ވެސް އޭނާ ފާހަގަކުރިއެވެ.

މި ކާރިސާގެ ސަބަބުން އާންމުންގެ އާމްދަނީއަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ޑެލިވަރީގެ މަސައްކަތްކުރާ އުމުރުން 37 އަހަރުގެ ރަޗްތަނިޗްޕޯން ލީޕުޓް ރޮއިޓާސްއަށް ބުނި ގޮތުގައި، ހުކުރު ދުވަހުގެ ރޭ ކުއްލިއަކަށް ފެންބޮޑުވުމާ ގުޅިގެން އޭނާއަށް ޖެހުނީ ދޭއް ނުވަތަ ތިން ކިލޯމީޓަރުގެ ރާސްތާއެއް ފެންގަނޑުގެ ތެރޭގައި ހިނގާފައި ދާށެވެ.

"ފެންގަނޑު ބޮޑުވީ ވަރަށް އަވަހަށް،" އޭނާ ބުންޏެވެ.

"ގިނަ ބަޔަކަށް އަދި ގިނަ ގޭބިސީތަކަށް ދުރާލައި ތައްޔާރުވުމަށް ވަގުތެއް ނުލިބުނު."

ބެންކޮކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައި: މިހާރު ދަނީ ފެންގަނޑު ހިނދެމުން-- ފޮޓޯ: ރޮއިޓާސް

ފެންބޮޑުވުމުގެ ސަބަބުން ޑެލިވަރީގެ މަސައްކަތް ހުއްޓި، އާމްދަނީ ލިބޭނެ މަގު ބަންދުވުމުން، އޭނާ މިހާރު މަސައްކަތްކުރަނީ ފެންގަނޑުގެ ތެރޭގައި ހިނގާފައި ގޮސް މުދާ ގަނެގެން ގެނެސް އެ ތަކެތި ވިއްކައިގެން އާމްދަނީއެއް ހޯދުމަށެވެ.

މި ހާލަތުން އަރައިގަތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބީއެމްއޭއިން ބުނެފައިވާ ގޮތުގައި، ހާލުގައި ޖެހިފައިވާ މީހުންނަށް ހާއްސަކޮށްގެން 233 ވަގުތީ ހިޔާ ވަނީ ގާއިމުކޮށްފައެވެ. އަދި މިހާތަނަށް 4،200 އެއްހާ މީހުން މި ތަންތަނުގެ ބޭނުން ހިފަމުންދާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މީގެ އިތުރުން، ބޮޑެތި ކޯރުތަކުން ފެން ހިއްކުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މެދުކެނޑުމެއްނެތި ކުރަމުންދާއިރު، އެންމެ ބޮޑަށް ގެއްލުންވެފައިވާ ސަރަހައްދުތަކުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

ބެންކޮކަށް ކުރަމުންދިޔަ ވިއްސާރަ އާދީއްތަ ދުވަހު މަޑުޖެހިފައިވަނީ، އެ ސަރަހައްދަށް އަސަރުކުރި ލޯ ޕްރެޝާ ސިސްޓަމް ހުޅަނގަށް ޖެހުމާ ގުޅިގެން ކަމަށް ބީއެމްއޭއިން ބުނެއެވެ. ކުރިއަށް އޮތް ތާނގައި ވާރޭ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވަށައިގެންވާ ސަރަހައްދުތަކުން ފެން އަންނަމުންދާތީ ބޮޑެތި ކޯރުތަކުގެ ފެންގަނޑު އަދިވެސް ހުރީ ބޮޑުކޮށެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި، ހޯމަ ދުވަހު ވެސް ބެންކޮކްގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

comment ކޮމެންޓް