މެޓާގެ 'މިއުސް' އޭއައި ސްޕޮޓިފައިއާ ގުޅާލައިފި، މިހާރު އޮޓޯއިން ޕްލޭލިސްޓް ހެދޭނެ

މި އިންޓެގްރޭޝަންގެ ދަށުން ސްޕޮޓިފައިގެ 'ޕާސަނަލް ޕޮޑްކާސްޓް' ފީޗާ ވެސް ބޭނުންކުރެވޭނެ ----

މިއުޒިކް، ޕޮޑްކާސްޓް އަދި އޯޑިއޯ ބުކްސް ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ ގޮތް ހެދުމަށްޓަކައި، މަޝްހޫރު އޯޑިއޯ ސްޓްރީމިން ޚިދުމަތް ސްޕޮޓިފައި، މެޓާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޭޖެންޓް 'މިއުސް' އާއެކު އިންޓެގްރޭޓްކޮށްފިއެވެ.

ބުދަ ދުވަހު ސްޕޮޓިފައިއިން އިޢުލާންކުރި މި ނިންމުމާއެކު، އާންމުކޮށް ވާހަކަދައްކާ އުސޫލުން ކުރެވޭ އަމުރުތަކުން (ކޮންވަސޭޝަނަލް ރިކުއެސްޓްސް) މިއުޒިކާއި އެހެނިހެން އަޑުގެ ޚިދުމަތްތައް ކޮންޓްރޯލް ކުރުމުގެ ފުރުޞަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މި ދެ ޚިދުމަތް އެކުގައި ގުޅާލުމުން، މިއުސް މެދުވެރިކޮށް ސްޕޮޓިފައިގެ ކެޓަލޮގުން ލަވައާއި، ޕޮޑްކާސްޓް އަދި އޯޑިއޯ ބުކްސް ހޯދައި، އަޑުއަހަން ފެށުމާއި، ކިއުއަށް ލަވަ އިތުރުކުރުމާއި، ލަވަތައް ސޭވްކުރުން ފަދަ ކަންކަން ކުރެވޭނެއެވެ. މީގެއިތުރުން ކުރިން އަޑުއަހަމުންދިޔަ ޕޮޑްކާސްޓްތައް ހުއްޓުނު ހިސާބުން އަލުން ކުރިއަށް ގެންދިއުމުގެ ގާބިލުކަން ވެސް މިއުސްއަށް ލިބިފައިވާއިރު، 'ސްޕޮޓިފައި ކޮނެކްޓް' މެދުވެރިކޮށް ގުޅާލެވިފައިވާ އެހެން ވަސީލަތްތަކުން ވެސް އަޑުއެހުން ކުރިއަށް ގެންދެވޭނެއެވެ.

https://sun.mv/222448

ޕްލޭލިސްޓްތައް މެނޭޖްކުރުމުގައި ވެސް މިއުސްއިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އެގޮތުން ބޭނުންކުރާ ފަރާތްތަކަށް ވަކި ކަހަލަ މިއުޒިކެއް ހޯދައި، އެ ތަކެތި މިހާރު ހުރި ޕްލޭލިސްޓަކަށް އިތުރުކުރުމަށް ނުވަތަ މުޅިން އާ ޕްލޭލިސްޓެއް ހެދުމަށް މިއުސްގެ ކިބައިން އެދެވިދާނެއެވެ. މިއުސްއިން އަމިއްލައަށް އާ ޕްލޭލިސްޓަށް ނަމެއް ދީ، ޚިޔާރުކުރެވޭ ލަވަތައް އެއަށް އިތުރުކޮށްދޭނީ މެސެޖުކޮށްގެން ކުރެވޭ މުޢާމަލާތުގެ ތެރެއިންނެވެ.

މި އިންޓެގްރޭޝަންގެ ދަށުން ސްޕޮޓިފައިގެ 'ޕާސަނަލް ޕޮޑްކާސްޓް' ފީޗާ ވެސް ބޭނުންކުރެވޭނެއެވެ. މި ފީޗާގެ މެދުވެރިކޮށް، ބޭނުންކުރާ ފަރާތުގެ ދުވަހުގެ ޚުލާޞާ މައުލޫމާތާއި، ނޯޓުތަކާއި، އެހެނިހެން ޚިޔާލުތައް އޯޑިއޯ ފައިލްތަކަށް ބަދަލުކޮށް، 'ޕާސަނަލް ޕޮޑްކާސްޓް' އެއްގެ ގޮތުގައި އެމީހެއްގެ ސްޕޮޓިފައި ލައިބްރަރީގައި ސޭވްކޮށްދިނުމުގެ ގާބިލުކަން މިއުސްއަށް ލިބިގެންވެއެވެ. މިއީ އޭއައި އޭޖެންޓެއް މެދުވެރިކޮށް އުފެއްދޭ އަދި ބޭނުންކުރެވޭ މައުލޫމާތުގެ ދާއިރާ ފުޅާވެގެންދިޔަ ކަމެކެވެ.

މީގެއިތުރުން ވަގުތަށް ބަލައިގެން ލަވަޖެހުން ކޮންޓްރޯލްކުރުމުގެ ފުރުޞަތު ވެސް މިއުސް މެދުވެރިކޮށް ލިބިގެންދެއެވެ. އެގޮތުން ހެނދުނު 7:00 ގައި ކަސްރަތުކުރާ ވަގުތަށް ޕްލޭލިސްޓެއް ތައްޔާރުކޮށް، އެ ގަޑިއަށް އޮޓޯއިން ލަވަޖެހޭގޮތް ހެދިދާނެއެވެ. އަދި ކަލަންޑަރުގައި ރޭވިފައިވާ ހަރަކާތްތަކާ ގުޅުވައިގެން، މަސައްކަތަށް ސަމާލުކަން ދޭންޖެހޭ ވަގުތުތަކުގައި ފޯކަސް މިއުޒިކް ޖެހުން ފަދަ ކަންކަން ވެސް އިންތިޒާމު ކުރެވިދާނެއެވެ.

ދަތުރުފަތުރުކުރާ ވަގުތުތަކަށް ޚާއްޞަކޮށްގެން ވެސް މިއުސް ބޭނުންކުރެވިދާނެއެވެ. ދާންބޭނުންވާ މަންޒިލް އެންގުމުން، އެ ދަތުރާ ގުޅޭގޮތުން ޑްރައިވިން ޕްލޭލިސްޓެއް އުފައްދައި، ދަތުރު ފެށޭ ވަގުތާއެކު އޮޓޮމެޓިކުން އެ ޕްލޭލިސްޓް ސްޓާޓްވާގޮތަށް ޝެޑިއުލް ކުރުމުގެ ޤާބިލުކަން މިއުސްއަށް ލިބިގެންވެއެވެ.

ސްޕޮޓިފައިއިން ހާމަކޮށްފައިވާ ގޮތުގައި މިއުސްއާއެކު އިތުރު ފީޗާތައް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ތަޢާރަފުކުރާނެ ވަކި ފީޗާތަކުގެ ތަފްޞީލެއް ނުވަތަ އެ ފީޗާތައް ލިބޭނެ ތާރީޚެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް