ސްޕޮޓިފައި ބޭނުންކުރާ ފަރާތްތަކަށް އަމިއްލަ، ޒާތީ ޕޮޑްކާސްޓްތައް އޭއައި އެހީގައި ތައްޔާރުކޮށްލެވޭނެ އައު ފީޗާއެއް އެ ކުންފުނިން ތައާރަފްކޮށްފިއެވެ.
"ޕާސަނަލް ޕޮޑްކާސްޓް" ގެ ނަމުގައި ތައާރަފްކުރި މި ފީޗާގެ އެހީގައި، އަޑުއަހާ މީހާ ޝައުގުވެރިވާ ދާއިރާތަކާއި އޭނާގެ އާދަތަކަށް ބަލައިގެން ޚާއްސަ ޕޮޑްކާސްޓްތައް އުފައްދައިދޭނެއެވެ.
މި ފީޗާ ބޭނުންކުރަން އެދޭ ފަރާތްތަކަށް ސްޕޮޓިފައި އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ފަސޭހައިން މިކަން ކުރެވޭނެއެވެ. ބޭނުންވާ ޕޮޑްކާސްޓްގެ ބާވަތް ބަޔާންކޮށް ކުޑަ ލިޔުންކޮޅެއް ނުވަތަ ޓެކްސްޓް ޕްރޮމްޕްޓެއް ހިއްސާކޮށްލުމުން، އެއަށް ބިނާކޮށް ސްޕޮޓިފައިއިން މުޅިން އައު އެޕިސޯޑެއް ތައްޔާރުކޮށްދޭނެއެވެ.

ޓެކްސްޓް ޕްރޮމްޕްޓެއް ހިއްސާކޮށްލުމުން، އެއަށް ބިނާކޮށް ސްޕޮޓިފައިއިން މުޅިން އައު އެޕިސޯޑެއް ތައްޔާރުކޮށްދޭނެ ----
މީގެ އިތުރުން، ކޮންމެ ދުވަހަކު ގެނެސްދޭ ކުރު ޚަބަރުތައް ނުވަތަ ކޮންމެ ހަފުތާއަކު ގެނެސްދޭ ޚުލާސާތައް ފަދަ ގަވާއިދުން ތަކުރާރުވާ ޕޮޑްކާސްޓްތައް ވަކި ވަގުތުތަކަކަށް ޝެޑިއުލް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ޕޮޑްކާސްޓްގެ މައުލޫމާތު މުއްސަނދި ކުރުމަށްޓަކައި ވެބްސައިޓް ލިންކުތަކާއި، ޕީޑީއެފް ފައިލްތަކާއި، އެހެނިހެން ލިޔުންތައް ހިމެނުމުގެ އިޚްތިޔާރު ބޭނުންކުރާ ފަރާތްތަކަށް އޮންނާނެއެވެ. އަދި އޭއައި އިން ވާހަކަދައްކާނެ އަޑު އިޚްތިޔާރުކުރުމާއި، ބޭނުންވާ ގޮތަށް ޕްރޮމްޕްޓް ބަދަލުކުރުމުގެ ފުރުސަތު ލިބޭއިރު، މި އެޕިސޯޑްތަކަކީ މުޅިން އަމިއްލަ (ޕްރައިވެޓް) އެޕިސޯޑްތަކަކަށް ވާތީ މިތަކެތި ފެންނާނީ ހަމައެކަނި އެމީހެއްގެ "ޔޯ ލައިބްރަރީ" ސެކްޝަނުންނެވެ.
މި ފީޗާ އެންމެ ފުރަތަމަ ރޯލްއައުޓް ކުރަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުން ފެށިގެން އެމެރިކާގެ ޕްރީމިއަމް ޔޫޒަރުންނަށެވެ. މިގޮތުން ކޮންމެ މަހަކު ޕޮޑްކާސްޓް އުފެއްދުމަށް ވަކި އަދަދަކަށް ކްރެޑިޓްސް ހިލޭ ލިބޭނެ ކަމަށާއި، އިތުރަށް ބޭނުންވާނަމަ ކްރެޑިޓްސް ގަނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ސްޕޮޓިފައިއިން ހާމަކުރެއެވެ.
ސްޕޮޓިފައިއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ އެއް މިއުޒިކް ސްޓްރީމިންގް ޕްލެޓްފޯމެވެ. މިގޮތުން މީގެ ކުރިން އެ ކުންފުނިން ވަނީ އަޑުއަހާ މީހާގެ ޝައުގުވެރިކަމަށް ބަލައިގެން ލަވަތައް ހޮވައިދޭ "އޭއައި ޑީޖޭ" ފީޗާ އާއި، ޓެކްސްޓް ޕްރޮމްޕްޓް ބޭނުންކޮށްގެން އަމިއްލަ ޕްލޭލިސްޓް އުފެއްދޭ "އޭއައި ޕްލޭލިސްޓް" ފަދަ ކާމިޔާބު ފީޗާތަކެއް ތައާރަފްކޮށްފައެވެ.
މިފަހަރު މިއަލަށް ތައާރަފްކުރި "ޕާސަނަލް ޕޮޑްކާސްޓް" ފީޗާއާއެކު، ސްޕޮޓިފައިއިން މަސައްކަތް ކުރަމުންދަނީ ކޮންޓެންޓް ހޯދައިދިނުމުގެ އިތުރުން، ޔޫޒަރުން ބޭނުންވާ ގޮތަށް އަމިއްލަ އުފެއްދުންތައް އޭއައި މެދުވެރިކޮށް ސީދާ ޕްލެޓްފޯމްގެ ތެރޭގައި ތައްޔާރުކޮށްލެވޭނެ ފަހި މާހައުލެއް ބިނާކުރުމަށެވެ.