ވާރޭގައި ނުދުއްވިގެން ބުރިޖު މަތީ ބެހެއްޓި ސައިކަލެއްގައި ޖެހި، މީހެއްގެ ކަށިމަތި ފަޅައިގެންގޮސްފި

ސިނަމާލެ ބުރިޖުގައި ކުރިން އެކްސިޑެންޓެއް ހިނގައިގެން ފުލުހަކު ހަރަކާތްތެރިވަނީ: ރޭ ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ކަށިމަތި ވަނީ ފަޅައިގެން ގޮސްފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ސިނަމާލެ ބުރިޖުމަތީގައި ރޭ ހިނގި އެކްސިޑެންޓެއްގައި، މީހެއްގެ ކަށިމަތި ފަޅައިގެން ގޮސްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނި ގޮތުގައި، ބުރިޖުމަތީގައި ދެ ސައިކަލު ޖެހި، އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކުރީ ރޭ 02:21 ހާއިރެވެ.

މި އެކްސިޑެންޓު ހިނގީ، ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބުރިޖުގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން 30 އަހަރުގެ ދިވެހި ފިރިހެނަކަށް މި އެކްސިޑެންޓުގައި އަނިޔާވި ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، އެ މީހާގެ ފައިގެ ކަށިމަތި ވަނީ ފަޅައިގެން ގޮސްފައެވެ.

އެ މީހާގެ ހާލަތާއި ފަރުވާގެ އިތުރު ތަފުސީލު ހޯދުމަށް 'ސަން'އިން މަސައްކަތް ކުރި ނަމަވެސް، އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބުނުދެއްވާތީ ލިބިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލެއާއި ހުޅުމާލެ އަދި ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެކެވެ. މިފަދަ ހާދިސާތައް އިތުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމާއި، ގަވާއިދާ ޚިލާފަށް އޯވަޓޭކް ކުރުމާއި، ރެޑް ސިގްނަލަށް މަޑުނުކުރުމުގެ އިތުރުން ދުއްވަމުން ފޯނު ބޭނުންކުރުމާއި ލައިސަންސް ނެތި އަދި ތަޖުރިބާ ނެތި ދުއްވުން ހިމެނެއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އޭގެ ތެރޭގައި މަގުމަތީގެ ޗެކްޕޮއިންޓްތަކާއި ޕެޓްރޯލްކުރުން އިތުރުކުރުމާއި، ލައިސަންސާއި ރަޖިސްޓްރީ ނެތް އުޅަނދުތައް ޓޯކުރުމާއި، ސްޕީޑް ކެމެރާ މެދުވެރިކޮށް ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުން ހިމެނެއެވެ.

comment ކޮމެންޓް