ޖަޕާނަކީ މަގުތަކުގެ ސާފުތާހިރުކަމަށް މުޅި ދުނިޔެއަށް މަޝްހޫރު ޤައުމެކެވެ. ނަމަވެސް، ޓޯކިޔޯގެ މަގުތަކުގައި ފަތުރުވެރިއަކު ހިނގައިލާއިރު، ބޯލި ކޮފީ ތަށި ނުވަތަ ކޭ ކާނާގެ އުރަ އެއްލާލާނެ 'ޑަސްޓްބިން'އެއް ނުފެނިގެން އުޅެންޖެހުމަކީ އާންމު ކަމެކެވެ.
ސާފުތާހިރުކަމަށް އެހާ ބޮޑު އިސްކަމެއްދޭ ޤައުމެއްގެ މަގުތަކުގައި ކުނި އަޅަން އާންމުކޮށް ބޭނުންކުރާ 'ޑަސްޓްބިން' ނުވަތަ ކުނިވަށިތައް މަގުތަކުން މަދުވާންޖެހުނު ސަބަބާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. މިއީ ހަމައެކަނި އިއްތިފާޤެއް ނޫނެވެ. އޭގެ ފަހަތުގައި ތާރީޚީ، އިޤްތިސާދީ އަދި އިޖުތިމާއީ ގިނަ ސަބަބުތަކެއް އެކުލެވިގެންވެއެވެ.
ޖަޕާނުގެ މަގުމަތީގައި 'ޑަސްޓްބިން'ތައް ބެހެއްޓުމުގެ ސަޤާފަތަށް ބޮޑު ބަދަލެއް އައީ 1995 ވަނަ އަހަރުގެ މާޗު މަހުގައެވެ. އެއީ "އޯމް ޝިންރިކްޔޯ" ކަލްޓުގެ ބަޔަކު ޓޯކިޔޯގެ މެޓްރޯ ލައިންތަކަށް ނުރައްކާތެރި "ސާރިން" ގޭސް ދޫކޮށްލައިގެން ދިން ނިރުބަވެރި ޙަމަލާއާ ގުޅިގެންނެވެ. އެ ޙަމަލާގައި 14 މީހުން މަރުވެ، ހާހުން މީހުންނަށް އަނިޔާވިއެވެ. އެ ޙާދިސާއަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމު ތަންތަނުގައި ބަހައްޓާފައިހުރި 'ޑަސްޓްބިން'ތަކާއި ކުނިއަޅަން ޚާއްސަ ވަށިތައް ވަނީ ނަގާފައެވެ. އެއަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިން ނިރުބަވެރި ޙަމަލާތަކާއެކު، އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ބާރުއެޅުނެވެ.
ނަމަވެސް، އޭގެ އެތައް އަހަރެއް ފަހުންވެސް މަގުތަކުގައި ކުނިއަޅަން ޚާއްޞަ ވަށިތައް ނުހުންނަނީ ހަމައެކަނި ސެކިއުރިޓީ ސަބަބުތަކާ ހުރެއެއް ނޫނެވެ. ދެހާހުގެ އަހަރުތަކުން ފެށިގެން ބައެއް މުނިސިޕަލްޓީތަކުން ގަސްދުގައި މަގުމަތީގެ ކުނިވަށިތައް މަދުކުރީ، އާންމުން އެމީހުންގެ ކުނި ގެޔަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އުކާލާ ކުނީގެ ސަބަބުން ކުނިވަށިތައް ފުރިގެން ބޭރަށް ކުނި އެޅުމާއި، ގޭގޭގައި އުފެދޭ ކުނި އާންމު ކުނިވަށިތަކަށް އަޅަން ފެށުމުން، އެތަންތަން ބެލެހެއްޓުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެގެންދިޔައެވެ.
ޝިންޖުކޫ ސްޓޭޝަނުން ދަނީ ދަތުރުވެރިންގެ އަތުން ކުނި އެއްކުރުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ، ދަތުރުކުރާ ކުނިއަޅާ ރޮބޯޓުތަކެއް ޓެސްޓުކުރަމުން--ފޮޓޯ/ބީބީސީމަގުމަތީގައި ކުނިވަށިތައް ނުހުންނައިރުވެސް ޖަޕާނުގެ މަގުތައް ސާފުކޮށް ހުންނަނީ ހަމައެކަނި އާންމުންގެ އަޚުލާގީ މިންގަނޑެއްގެ ސަބަބުންނެއް ނޫނެވެ. މިއީ ސަރުކާރުން އެތައް އަހަރެއް ވަންދެން ހިންގި ހޭލުންތެރިކުރުމުގެ ކެމްޕޭންތަކާއި، މަގުތައް ސާފުކުރުމުގެ ނިޒާމު ވަރުގަދަކުރުމުގެ ނަތީޖާއެވެ. މީގެއިތުރުން، ތިމާގެ ސަބަބުން އަނެކާއަށް އުނދަގުލެއް ނުފޯރުވުމުގެ އިޖުތިމާއީ އާދައަކީވެސް މީގައި ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. އަދި ހަމަ އެހެންމެ މަގުމަތީގައި ހިނގަމުން ނުވަތަ ދަތުރުމަތީގައި އެއްޗެހި ކެއުމަކީ ޖަޕާނު މީހުންގެ އާންމު އާދައަކަށް ނުވާތީ، މަގުމަތީގައި އުފެދޭ ކުނި ނިސްބަތުން މަދެވެ.
ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މިއީ ފުރަތަމަކޮޅު އުނދަގޫ ކަމަކަށް ވީނަމަވެސް، މަގުތަކުގެ ސާފުތާހިރުކަން ފެނި، ގިނަ ފަތުރުވެރިންވެސް އަވަހަށް މިއާދައަށް އަހުލުވެރިވެއެވެ. އަދި އާންމު މަގުތަކުން ކުނިވަށި ނުފެނުނުކަމުގައި ވިޔަސް، ރޭލު ސްޓޭޝަންތަކުގެ ސެކިއުރިޓީ ކެމެރާތަކަށް ފެންނާނެހެން ހުންނަ ސާފުކޮށް އެތެރެ ފެންނަ ކުނިވަށިތަކަށް ކުނި އަޅައިއުޅެއެވެ. މީގެ އިތުރުން، ޓޯކިޔޯގެ ޝިންޖުކު ސްޓޭޝަނުގައި މިހާރު ވަނީ އަމިއްލައަށް ދަތުރުކޮށްގެން ކުނި އެއްކުރާ "ރޮބޮޓް ކުނިވަށި" ޕައިލެޓް އުސޫލުން ބޭނުންކުރަން ފަށައިފައެވެ.
ޖަޕާނުގެ މިއަދުގެ ޙާލަތުން ދޭހަވަނީ މަގުމަތީގެ ސާފުތާހިރުކަމަކީ ހަމައެކަނި ކުނިވަށިތަކަކުން ހައްލުވާ ކަމެއް ނޫން ކަމެވެ. އެއީ އަމިއްލަ ފަރުދީ ޒިންމާ އާއި އަނެކާއަށް އިޙުތިރާމުކުރުމުގެ އާދައިގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއްގައި، އަދި ހާއްސަކޮށް ތޮއްޖެހިފައިވާ މާލެ ސިޓީ އާއި ރަށްރަށުގެ މަގުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ކުނިކޮޅެއް މަގުމައްޗަށް އެއްލާނުލައި، ރައްކާތެރިކަމާއެކު އުކާލެވޭނެ ތަނަކަށް ގެންދިއުމުގެ އާދަ އަޅުގަނޑުމެންގެ ތެރޭގައިވެސް އަށަގަންނުވަންޖެހެއެވެ. ރަށުގެ ރީތިކަމާއި ސާފުތާހިރުކަމަކީ ހަމައެކަނި ކައުންސިލްތަކުގެ ނުވަތަ ކުނި އުކާ ފަރާތްތަކުގެ ޒިންމާއެއް ނޫނެވެ. އެއީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެކެވެ.