ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުން، ރައްޔިތުންނަށް އިންތިހާއަށް ފައިދާކުރާނެ: އެމްޑީ

ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށް އޭގެން އިންތިހާއަށް ފައިދާކުރާނެ ކަމެއް ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. އަޒުވަރު މިހެން ވިދާޅުވީ، ސްޓެލްކޯއިން އަލަށް ޚިދުމަތް ދޭން ފެށި ބ. އަތޮޅާއި، ޅ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނާއި، ވަގުތީ ގޮތުން އިންޖީނުގެތަކާ ހަވާލުވެ ތިބި ފަރާތްތަކަށް އަމާޒުކޮށްގެން ފެށި ތަމްރީނު ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސްޓެލްކޯއަކީ ގައުމީ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށް ވާއިރު، އެ ކުންފުނިން ގަބޫލުކުރާ މަތީ ފެންވަރުގައި ޔުޓިލިޓީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ގައުމީ ފެންވަރުގައި ގިނަ ފައިދާތަކެއް ލިބޭނެ ކަމެކެވެ.

އަޒުވަރު ވިދާޅުވީ، ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ކުންފުނީގެ ޓީމުތައް އެކުލަވާލައިގެން ރަށްރަށުގައި ސާވޭ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރޭން އަޅުގަނޑުމެން މިހާރު މިދަނީ ކުންފުނީގެ ޓީމްތަކެއް އެކުލަވާލައިގެން ސާވޭ ކުރުމުގެ މަސައްކަތް ކުރަމުން. މުޅި ރާއްޖެއަށް ސްޓެލްކޯގެ ޚިދުމަތް ފުޅާކުރެވިގެން ދިއުމަކީ އަޅުގަނޑު ދެކޭގޮތުގަ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއް." އަޒުވަރު ވިދާޅުވިއެވެ.

"އެއީ ރަށްރަށުގަ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާ، އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ޚަރަދުގެ ގޮތުގަ ހޭދަކުރެވޭ މިންވަރު ކުޑަކުރުމާ، އޮޕަރޭޝަނަލް އެފިޝަންސީއަކީ ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގަ އަޅުގަނޑު ދެކެނީ. އެގޮތުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ ސަރުކާރުން ނެންގެވި ވަރަށް މުހިއްމު ފިޔަވަޅެއް މިއީ."

މީގެ އިތުރުން، މިއީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބި ރައްޔިތުންގެ ޝުއޫރުތައް އައްސަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ، އަލަށް ހަމަޖެއްސި މެނޭޖަރުންނާއި ސްޓޭޝަންތަކުގެ އިސްވެރިންނަކީ ސްޓެލްކޯގެ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް، ފުރިހަމަ އިތުބާރާއި ޒިންމާދާރުކަމާއެކު އިންޖީނުގެތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި ޕްރޮގްރާމްގައި މެނޭޖަރުންގެ ދައުރާއި ޒިންމާތަކުގެ މައުލޫމާތު ދިނުމާއި، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކާއި ރަށްރަށުގެ އިންޖީނުގެތަކާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށްދިނުން ހިމެނެއެވެ. ހަމައެއާއެކު، އިދާރީ، ޓެކްނިކަލް، މާލީ، ރައްކާތެރިކަމުގެ އަދި އޮޕަރޭޝަނަލް ކަންކަމާ ގުޅޭ މުހިންމު އިރުޝާދުތައް ދިނުމާއި، އަތޮޅުތަކުގެ އިންޖީނުގެތަކާއި ރީޖަނަލް އަދި އެހެނިހެން ޑިޕާޓްމަންޓްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމުގެ އިތުރުން، މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައި ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ވެސް މި ތަމްރީނުގެ ތެރޭގައި ހިމެނޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއަކީ 75 އަހަރުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި، އަޒުވަރު ވިދާޅުވީ އެއީ ރައްޔިތުން ބަލައިގަންނަ ފަދަ ތާރީޚެއް ކަމަށެވެ. އަދި އެކަން އެގޮތަށް ދެމިއޮތީ އެންމެ ކުރީއްސުރެ އެކި ނަންނަމުގައި ކުންފުނި ހިންގަމުން އައިއިރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އަލަށް ޚިދުމަތް ފެށި ރަށްރަށުގެ ސްޓޭޝަން މެނޭޖަރުން ވެސް އެކަން ދަމަހައްޓައިދީ، ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގަތެވެ.

ސްޓެލްކޯގެ ޚިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މި މަސައްކަތް ފަށާފައިވަނީ، ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ރަށްރަށުގައި ހިންގަމުން އައި އިންޖީނުގެތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ. މި ބަދަލުގެ ދަށުން، ފެނަކައިން މީގެ ކުރިން ޚިދުމަތް ދެމުން އައި ގިނަ ރަށްތަކެއްގެ އިންޖީނުގެތަކުގެ އޮޕަރޭޝަންތައް މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. ސަރުކާރުގެ މި ނިންމުމުގެ މައިގަނޑު ބޭނުމަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއެކު، ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް