އިނގިރޭސިވިލާތުގެ ނެޝަނަލް އެއާ ޓްރެފިކް ސާވިސަސްއަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ އެއާޕޯޓުތަކުގެ ޚިދުމަތަށް ބުރޫ އަރައި، ގިނަ އަދަދެއްގެ ފްލައިޓުތައް ލަސްވުމާއި ކެންސަލް ވުމުގެ މައްސަލަތައް ދިމާވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ވައިގެ ދަތުރުފަތުރުގެ ޓްރެފިކް ބަލަހައްޓާ، ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް (ނެޓްސް) އިން ބުނި ގޮތުގައި، މި ދަތިތައް ކުރިމަތިވީ ސްކޮޓްލެންޑްގެ ޕްރެސްޓްވިކްގައި ހުންނަ އެ ކުންފުނީގެ މަރުކަޒުގެ ކަނެކްޓިވިޓީއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައިގެ ސަބަބުން މެންޗެސްޓާ، ގްލާސްގޯ އަދި ބެލްފާސްޓް އެއާޕޯޓުގެ ދަތުރުތަކަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ. މީގެ އިތުރުން ލަންޑަން ގެޓްވިކް އަދި ލަންޑަން ސިޓީ އެއާޕޯޓުން ވެސް ބައެއް ދަތުރުތަކަށް ބުރޫއަރާނެ ކަމަށް އެ އެއާޕޯޓުތަކުން ބުނެފައިވެއެވެ.
ނެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެންޗެސްޓާއިން ދެކުނުގައިވާ އެއާޕޯޓުތަކަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށާއި، ނަމަވެސް އުތުރަށް ދަތުރުކުރާ ފްލައިޓުތަކާއި ސްކޮޓްލެންޑްގެ އެއާޕޯޓުތަކުން ފުރާ ފްލައިޓުތައް ޑިލޭވަމުންދާ ކަމަށެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ޖެހުނު މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުން 150އަށް ވުރެ ގިނަ ފްލައިޓު ކެންސަލް ކުރަން ޖެހުނެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް މިނިސްޓަރު ހައިޑީ އެލެގްޒެންޑާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި ނިޒާމުތައް އާންމު ހާލަތަށް ރުޖޫއަވަމުންދާ ކަމަށެވެ. އަދި މީގެ ކުރިން ދިމާވި މައްސަލައަށް ފަހު އަނެއްކާވެސް މިފަދަ ކަމެއް ދިމާވުމުން ފަސިންޖަރުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫރަޕުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ ރަޔަންއެއާއިން ބުނި ގޮތުގައި، ހޯމަ ދުވަހު ދިމާވި މައްސަލައިގެ ސަބަބުން އެ ކުންފުނީގެ 140 އަށް ވުރެ ގިނަ ފްލައިޓު ޑިލޭވެ، 25،000 ފަސިންޖަރުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ނެޓްސްގެ ޗީފް އެގްޒެކެޓިވް މާޓިން ރޯލްފް މަގާމުން އިސްތިއުފާ ދެއްވުމަށް އެ ކުންފުނިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
މީގެ އިތުރުން އީޒީޖެޓުން ބައެއް ފްލައިޓުތައް ކެންސަލްކޮށްފައިވާއިރު، ބްރިޓިޝް އެއާވޭސްއިން ވެސް ވަނީ ދަތުރުތަކަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު ފަސިންޖަރުންނަށް ދީފައެވެ. އީޒީޖެޓުން ބުނި ގޮތުގައި، މި ހާދިސާއިން ނެޓްސްގެ ނިޒާމުތަކުގެ ބަލިކަށިކަން ހާމަވެއްޖެއެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ކުންފުނިން ވަނީ ގޮވާލާފައެވެ.
މިއީ މި މަހުގެ ތެރޭގައި ނެޓްސްގެ ނިޒާމަށް މައްސަލަ ދިމާވި ދެވަނަ ފަހަރެވެ. މީގެ ދެ ހަފުތާ ކުރިން، މި މަހުގެ އަށް ވަނަ ދުވަހު ސޮފްޓްވެއާ މައްސަލައަކާ ގުޅިގެން 2،000 އެއްހާ ފްލައިޓު ކެންސަލްކުރަން ޖެހި، އޭގެ ދަތިތަކާ 330،000 އަށް ވުރެ ގިނަ މީހުންނަށް ކުރިމަތިވިއެވެ. ނަމަވެސް ނެޓްސްއިން ބުނީ މިއަދު ދިމާވި ކަނެކްޓިވިޓީ މައްސަލައަކީ ކުރީގެ ހާދިސާއާ ގުޅުމެއް ނެތް މައްސަލައެއް ކަމަށެވެ.
މީގެ ކުރިން 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ނެޓްސްގެ ނިޒާމަށް ދިމާވި ބޮޑު މައްސަލައެއްގެ ސަބަބުން 700،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އަސަރުކޮށް، އެއާލައިންތަކަށް 100 މިލިއަން ޕައުންޑް (134 މިލިއަން ޑޮލަރު) ގެ ގެއްލުން ލިބިފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު ވަނީ ނެޓްސްގެ އޮޕަރޭޝަންތައް މިނިވަންކަމާއެކު މުރާޖައާ ކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އަންގަވާފައެވެ.