ލައިސެންސް ނެގުމުގެ ކުރިން ހަދަން ޖެހޭ ޕްރެކްޓިކަލް ޓެސްޓު ނުހަދައި، ގިނަ ބަޔަކަށް ލައިސަންސް ދޫކޮށްފައިވާކަން އެނގި، ގދ. ގައްދޫގައި އެއްގަމު ލައިސަންސާއި ކަނޑު ލައިސަންސްގެ ޚިދުމަތް މިއަދު މެދުކަނޑާލައިފިއެވެ.
ގައްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ޚިދުމަތް މެދުކަނޑާލީ ޒިންމާދާރު ބައެއްގެ އިހުމާލުންނާއި އެ ކަމުގައި ބޮޑެތި މާލީ ފައިދާތަކެއް ހޯދުމަށް ހިންގި ގާނޫނާ ގަވައިދާ ޚިލާފު އެތައް ކަމެއްގެ ސަބަބުން ކަމަށެވެ. މިގޮތުން، ފަސް ވަނަ ދައުރުގެ ކައުންސިލަރުން މަސައްކަތަށް ނުކުތް ފަހުން ވެސް ލައިންސަސްގެ ކަންކަމުގައި ގިނަ ޝަކުވާތަކެއް ގައްދޫ ކައުންސިލަށް ހުށަހަޅައިފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ގާނޫނާ ޚިލާފަށް ލައިސަންސް ދޫކޮށްފައިވާކަން އެނގުނީ، މި މަހު ހައެއްގައި ގައްދޫ ކައުންސިލުގެ ރައީސް އިލްހާމް ރަޝީދަށް ލިބުނު އިތުބާރު ހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބެލިބެލުމުން ކަމަށް އެ ކައުންސިލުގެ ބަޔާނުގައިވެއެވެ.

ބަޔަކަށް ސައިކަލު ދުއްވަން ދަސްކޮށްދެނީ: ގައްދޫގައި ޕްރެކްޓިކަލް ނުހަދައި ގިނަ ލައިސަންސްތަކެއް ދޫކުރިކަން އެނގި، ލައިސަންސް ނެގުން މެދުކަނޑާލާފައި --- ފޮޓޯ/ ޑްރައިވިން ސުކޫލް
އެ ބެލިބެލުމުން އެ ކަމަކީ، ހަތަރު ވަނަ ދައުރުގެ ކައުންސިލު ބައެއް މެންބަރުންގެ ބައިވެރިވުމާ އެކީ ހިންގާފައިވާ އަމަލެއްކަން ފާހަގަކުރެވިފައިވާ ކަމަށް ގައްދޫ ކައުންސިލުން ބުންޏެވެ،
"މި ފަދަ ހުރިހާ ކަމަކާ ގުޅިގެން ސިވިލް ސަވިސްގެ މުވައްޒަފުންނަށް މި ހާލަތުގައި މަޖުބޫރުން ވަރަށް ގިނަ ކަންކަން ކުރަން ޖެހި، މީގެ ނަތީޖާއަކީ ހުރިހާ ގެއްލުމެއް ތަހަންމަލު ކުރަން ޖެހެނީ މި މުވައްޒަފުން ކަމުގައި ކަން ފާހަގަކުރަން" ކައުންސިލް ބަޔާނުގައިވެއެވެ.
އެ ބަޔާނުން އެނގޭ ގޮތުގައި، ކަމާ ބެހޭ މިނިސްޓްރީގެ އިސް ދެބޭފުޅުން ގައްދުއަށް ވަޑައިގެން ވަނީ، މި ކަމުގެ މޮނިޓަރިން މަސައްކަތްތައް ކޮށްފައެވެ.
އެ ބޭފުޅުން ވަނީ، ލައިސަންސްގެ ޚިދުމަތުގެ ތެރެއިން ގާނޫނާ ގަވައިދާ ޚިލާފަށް ގިނަ ކަންތައްތަކެއް ހިނގާފައިވާކަން ފާހަގަކުރައްވައިފައި ކަމަށް ކައުންސިލުން ބުންޏެވެ. މިގޮތުން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގައްދުއިން 1،600އަށް ވުރެ ގިނަ ލައިންސަންސް ދޫކޮށްފައިވާއިރު، އެއީ މަހަކަށް 133 ލައިސަންސެވެ. ގައްދޫ ކައުންސިލުން ބުނީ، އެއީ މާލޭން ލައިސަންސް ނަގާފައިވާ އަދަދާއި ދާދި އެއްވަރެއްގެ އަދަދެއް ކަމަށެވެ. އަދި، ހަފުތާއަކަށް ދެ ތިން މީހުން ވެސް ލައިސަންސް ޕްރެކްޓިކަލް ހާދަފައިނުވާ ކަމަށް އެ ކަމުގައި ހަރާކްތެރިވި އެގްޒަމިނަރުންނާ ހަވާލާދީ ކައުންސިލުން ބުނެފައިވެެއެވެ.
އެހެންވެ، އެއްގަމާއި ކަނޑުގެ ލައިސަންސްގެ ޚިދުމަތްތައް އަލުން ފެށުމަށް ކަމާ ގުޅުންހުރި ސަރުކާރުގެ ފަރާތްތަކާ މަޝްވަރާކުރުމުގެ މަސައްކަތް ކުރަމުންދާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ލައިސަންސްގެ ޚިދުމަތް އަލުން ފަށާނެ ތާރީޚެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.