ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލައި، އެއްލަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގައްދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު، 25 އަހަރަށް ޖަލަށް ލާން ކޯޓުން ހުކުމް ކުރީ، ގދ. ގައްދުއަށް ނިސްބަތްވާ އަލީ ޝަޒީނެވެ.
ފުލުހުން ބުނީ، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައި ފާސްކުރި ކަމަށެވެ.
އެ ބަލައި ފާސްކުރުމުގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ސެޕްޓެމްބަަރު އެކެއް، 2021ގައި ފޮނުވުމުން ދެ ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި އިތުރުއިރު، އެ ފަދަ މައްސަލަތަކުގައި ދިވެހީންނެކޭ އެއްވަރަށް ބިދޭސީންގެ ބައިވެރިވުން ވެސް އޮވެއެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.