މޯޓޯރޯލާ މޯބައިލް ކުންފުނިން 200 މެގަޕިކްސެލްގެ ކެމެރާއާއެކު އެ ކުންފުނީގެ އާ ފޯނު "ސިގްނޭޗާ 27" ނެރުމަށް ތައްޔާރުވަމުންދާކަން ހާމަކޮށް، އެ ފޯނާ ބެހޭ މުހިންމު ތަފްސީލުތަކެއް އާންމުކޮށްފިއެވެ.
މި ފޯނަކީ މިއަހަރުގެ ޖަނަވަރީ މަހު ބާޒާރަށް ނެރުނު މޯޓޯރޯލާ ސިގްނޭޗާ ފޯނުގެ ފަހަތުން ނެރޭ އާ މޮޑެލްއެއް ކަމަށް ބެލެވެއެވެ.
އެކުންފުނިން އާންމުކުރި ޓީޒާގައިވާ ގޮތުން، މި ފޯނު ރަސްމީކޮށް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު (މާދަމާ) އެވެ. މި ތާރީޚަކީ ކުއާލްކޮމްގެ ސްނެޕްޑްރެގަން ސަމިޓް ބާއްވާ ތާރީޚާ ދިމާވާ ދުވަހެއް ކަމުން، މި ފޯނުގައި ބޭނުންކުރާނީ ސްނެޕްޑްރެގަންގެ އެންމެ ފަހުގެ ނިއު-ޖެން ޕްރޮސެސަރު ކަމަށް ވަނީ އިޝާރާތްކޮށްފައެވެ.
އާންމުކުރެވުނު މައުލޫމާތުތަކަށް ބަލާއިރު، ސިގްނޭޗާ 27 ގައި ހިމެނެނީ 200 މެގަޕިކްސެލްގެ މައި ކެމެރާއެކެވެ. މީގެ އިތުރުން ޑޯލްބީ ވިޜަން ކޮލިޓީގައި ވީޑިއޯ ރެކޯޑުކުރުމުގެ ގާބިލުކަން މި ފޯނުގެ ކެމެރާ ސިސްޓަމްގައި ހިމެނެއެވެ.
މި ފޯނު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ޕެންޓޯންގެ ދެ ކުލައެއްގައެވެ. އެއީ "ޕެންޓޯން ކޯލް ސްމޯކް" އަދި "ޕެންޓޯން ކެޕުލެޓް އޮލިވް" އެވެ. މީގެ އިތުރުން، މި ފޯނުގެ ޚާއްޞަ ސްވާރޯވްސްކީ އެޑިޝަނެއްވެސް ނެރެދާނެ ކަމުގެ އިޝާރާތެއް ޓީޒާގައި ވަނީ ދީފައެވެ.
މީގެ ކުރިން މިއަހަރުގެ ޖަނަވަރީ މަހު އިންޑިއާގައި 59,999 ރުޕީސްއަށް ނެރުނު މޯޓޯރޯލާ ސިގްނޭޗާ ފޯނުގައި ހިމެނެނީ 6.8 އިންޗީގެ 1.5K އެލްޓީޕީއޯ އެމޯލެޑް 165ހާޓްޒް ޑިސްޕްލޭއަކާއި، ސްނެޕްޑްރެގަން 8 ޖެން 5 ޗިޕްސެޓާއި، 16ޖީބީ ރޭމް އަދި 1ޓީބީ ސްޓޯރޭޖްއެވެ. އެ ފޯނުގައި ހިމެނެނީ 50 މެގަޕިކްސެލްގެ ތިން ކެމެރާއާއި، 50 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއްގެ އިތުރުން 5,200މިލީއެމްޕަޔާގެ ބެޓެރީއެކެވެ.
https://x.com/Moto/status/2100933254249627806
އަލަށް ނެރޭ ސިގްނޭޗާ 27 އަކީ ކުރީގެ ފޯނަށްވުރެ ކެމެރާއާއި ޕްރޮސެސަރުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ފޯނެއް ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
މޯޓޯރޯލާ އަކީ މޯބައިލް ފޯނާއި މުވާސަލާތީ ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އަދި ތާރީޚީ ގޮތުން ބޮޑު ދައުރެއް އަދާކޮށްފައިވާ އެއް ކުންފުންޏެވެ. 1928 ވަނަ އަހަރު އެމެރިކާގައި "ގަލްވިން މެނުފެކްޗަރިން ކޯޕްރޭޝަން" ގެ ނަމުގައި އުފެއްދި މި ކުންފުންޏަކީ ދުނިޔޭގެ އެންމެ ފުރަތަމަ އަތަށް ނެގޭ މޯބައިލް ފޯނު 1983 ވަނަ އަހަރު އުފައްދައި ބާޒާރަށް ނެރުނު ކުންފުންޏެވެ.
ފަހުން، މޯބައިލް ފޯނު މާކެޓުގައި އައި ބަދަލުތަކާއެކު 2011 ވަނަ އަހަރު މި ކުންފުނި ދެ ބަޔަކަށް ވަކިވެ، ފޯނު އުފައްދާ ބައި "މޯޓޯރޯލާ މޯބިލިޓީ" ގެ ނަމުގައި ވަކި ކުރެވުނެވެ. އެއަށްފަހު 2012 ވަނަ އަހަރު ގޫގުލްއިން މި ކުންފުނި ގަތުމަށްފަހު، 2014 ވަނަ އަހަރު ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި "ލެނޯވޯ" އިން ވަނީ މޯޓޯރޯލާ މޯބިލިޓީ ގަނެފައެވެ.
މިއަދު މޯޓޯރޯލާ ހިންގަމުންދަނީ ލެނޯވޯގެ ދަށުން ހިންގާ ވަކި ބްރޭންޑެއްގެ ގޮތުގައެވެ. އެ ކުންފުނިން ދަނީ އެންމެ އާދައިގެ ހެޔޮއަގު ފޯނުތަކުން ފެށިގެން، އެންމެ ފަހުގެ އެޑްވާންސް ފޯލްޑަބަލް ފޯނުތަކާއި، މަތީ ފެންވަރުގެ ފްލެގްޝިޕް ސްމާޓްފޯނުތައް ދުނިޔޭގެ ބާޒާރަށް ނެރެމުންނެވެ.