އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ވަޒީފާގެ މާހައުލު ބަދަލުވަމުންދާއިރު، ދަރިވަރުން ތައްޔާރުކުރަންވީ އޭއައިއާ ވާދަކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި އޭއައިއާއެކު މަސައްކަތްކުރާށެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި މިއަދު ޔުނިވަރސިޓީއަކަށް ނުވަތަ ކޮލެޖަކަށް ވަންނަ ދަރިވަރަކު، އޭނާގެ ތައުލީމު ނިންމުމަށްފަހު ނުކުންނާނީ މުޅިން ތަފާތު ވަޒީފާގެ މާހައުލަކަށެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން އަޅުގަނޑުމެން އުނގެނޭ ގޮތާއި، މަސައްކަތްކުރާ ގޮތާއި، މުއާމަލާތްކުރާ ގޮތުގެ އިތުރުން ނިންމުންތައް ނިންމާ ގޮތްވެސް މިދަނީ ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންނެވެ. ނަމަވެސް މި ބަދަލުތަކުގެ ތެރެއިން އުފެދޭ އެންމެ މުހިންމު ސުވާލަކީ އިންސާނުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކިހާ މިންވަރެއް އޭއައިއަށް ބަދަލުކުރެވިދާނެތޯ ކުރެވޭ ސުވާލެއް ނޫނެވެ. އޭގެ ބަދަލުގައި އެންމެ މުހިންމު ސުވާލަކީ، އިންސާނުންގެ ގާބިލުކަން އިތުރުކުރުމަށް އޭއައި ކިހާ ފައިދާހުރި ގޮތެއްގައި ބޭނުންކުރެވިދާނެތޯ ކުރެވޭ ސުވާލެވެ.
ތައުލީމީ ދާއިރާގައި އޭއައި މާނަކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ހަމައެކަނި "އާޓިފިޝަލް އިންޓެލިޖެންސް" ގެ ގޮތުގައި އެކަން ނުދެކުމެވެ. އޭގެ ބަދަލުގައި އެއީ "އޮގްމެންޓެޑް އިންޓެލިޖެންސް" ކަމުގައި ދުށުމެވެ. މީގެ މާނައަކީ އިންސާނުންގެ ކިބައިގައި ހުންނަ އިލްމާއި، ކަންކަން ވަޒަންކުރުމުގެ ގާބިލުކަމާއި، އުފެއްދުންތެރިކަމާއި ތަޖުރިބާ، ޒަމާނީ އިންޓެލިޖެންޓް ސިސްޓަމްތަކުގެ ހަލުވިކަމާއި އެނަލިޓިކަލް ބާރާ ގުޅުވާލުމެވެ. މައިގަނޑު އަމާޒަކަށް ވާންވާނީ އިންސާނާގެ ދައުރު ކުޑަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އިންސާނާގެ ދައުރު އިތުރަށް ވަރުގަދަކުރުމެވެ. މިއީ މަތީ ތައުލީމަށް ވަރަށް ފުން އަސަރުތަކެއް ކުރުވާނެ ކަމެކެވެ.
މި ބަދަލުތަކަކީ ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާއަށް، ހާއްސަކޮށް ރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށްވެސް އޮތް މުހިންމު ފިލާވަޅެކެވެ. އަމެރިކަން ޔުނިވަރސިޓީ އޮފް ރައުސް އަލް ހައިމާގެ ރައީސް ޕްރޮފެސަރ ބައްސާމް އާލަމުއްދީން ވިދާޅުވި ގޮތުގައި، ޔުނިވަރސިޓީތަކަކީ ދުވަހަކުވެސް ހަމައެކަނި މައުލޫމާތު ފޯރުކޮށްދޭ ތަންތަނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ޔުނިވަރސިޓީތަކުގެ ޒިންމާއަކީ ފުންކޮށް ވިސްނާ، ކަންކަން ވަޒަންކުރަން އެނގޭ، މީހުންނާ ގުޅިގެން މަސައްކަތްކުރާ އަދި ކުރިން ލަފާނުކުރެވޭ ފަދަ ހާލަތްތަކާ ގުޅޭގޮތަށް ބަދަލުވާން އެނގޭ ބަޔަކު ބިނާކުރުމެވެ. އޭއައިގެ ގާބިލުކަން އިތުރުވަމުންދާ ވަރަކަށް، އިންސާނުންގެ ކިބައިގައި ހުންނަ މިފަދަ ސިފަތަކުގެ މުހިންމުކަން ކުޑަވުމުގެ ބަދަލުގައި ދާނީ އިތުރުވަމުންނެވެ.
މާދަމާ ތައުލީމު ނިންމައި ވަޒީފާގެ މާހައުލަށް ނުކުންނަ ދަރިވަރުންނާ ކުރިމަތިލާންޖެހޭނީ މުޅިން ތަފާތު ދުނިޔެއަކާއެވެ. އެ މާހައުލުގައި އޭއައި މެދުވެރިކޮށް ސިކުންތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ މައުލޫމާތު ދިރާސާކޮށް، ތަފާތު ގޮތްތައް ހޯދައި، އާންމުކޮށް ކުރާ މަސައްކަތްތައް އޮޓޮމޭޓްކޮށް، ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެއެވެ. ނަމަވެސް، އަހަންވީ ކޮން ސުވާލުތަކެއްކަން ކަނޑައެޅުމާއި، ލިބޭ ޖަވާބަކީ އިތުބާރު ހުރި ޖަވާބެއްތޯ ބެލުމާއި، ނިންމާ ނިންމުމެއްގެ ސަބަބުން މީހުންނަށް ކުރާނެ އަސަރު ވަޒަންކުރުމަކީ އަދިވެސް އިންސާނުންގެ ޒިންމާއެކެވެ. އެކަންކަމަށް އިންސާނީ ވިސްނުމާއި ޒިންމާދާރުކަން ބޭނުންވާނެއެވެ.
ތައުލީމީ ދާއިރާގައި އޭއައިއާ ގުޅޭގޮތުން ކުރެވޭ ބަހުސްތައް، ދަރިވަރުން ޖެނެރޭޓިވް އޭއައި ބޭނުންކުރުން ރަނގަޅުތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސަށްވުރެ ފުޅާވާންޖެހެނީ މި ސަބަބާ ހުރެއެވެ. އެންމެ މުހިންމު ސުވާލަކީ، އަމިއްލައަށް ވިސްނުމުގެ ގާބިލުކަން ދޫކޮށްނުލައި، އިންޓެލިޖެންޓް ސިސްޓަމްތަކާއެކު ފައިދާހުރި ގޮތެއްގައި މަސައްކަތްކުރަން ދަރިވަރުން ތައްޔާރުކުރާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ. ޕްރޮފެސަރ އާލަމުއްދީން ފާހަގަކުރެއްވި ގޮތުގައި، މިކަން ކުރުމަށްޓަކައި މުގައްރަރުތަކަށާއި، ކިޔަވައިދޭ ގޮތްތަކަށާއި، އިމްތިހާނުކުރާ ގޮތްތަކުގެ އިތުރުން މުއައްސަސާތަކުގެ ސަގާފަތަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ.
ދަރިވަރުންނަށް އޭއައިއާއެކު މަސައްކަތްކުރުމުގެ ފުރުސަތުތައް ފަހިކޮށްދޭންޖެހެއެވެ. އޭގެ ނަތީޖާތަކާމެދު ސުވާލު އުފައްދަން ދަސްކޮށްދިނުމާއި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، އޭއައިގެ ހުރި އުނިކަންކަމާއި ތަފާތުކުރުންތައް ދެނެގަތުމާއި، އަހްލާގީ މިންގަނޑުތައް ދެނެގަތުން މުހިންމެވެ. އަދި ޓެކްނޮލޮޖީގެ ނުފޫޒު ފޯރުވަންވީ ކޮން ވަގުތަކުކަމާއި ނުފޯރުވަންވީ ކޮން ވަގުތަކުކަން ނިންމަން ދަރިވަރުންނަށް އެނގެންޖެހެއެވެ.
ހަމައެއާއެކު، އިންސާނުންނަށް ހާއްސަ ސިފަތައް ކަމަށްވާ އާ ކަންކަން ދެނެގަތުމަށް ހުންނަ ޝައުގުވެރިކަމާއި، އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމާއި، އުފެއްދުންތެރިކަމާއި، ލީޑަރޝިޕާއި، މުއާމަލާތްކުރުމާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، އަހްލާގީ ގޮތުން ވިސްނުމާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުމަށް ޔުނިވަރސިޓީތަކުން މިހާރަށްވުރެ ބޮޑަށް އިސްކަންދޭންޖެހެއެވެ. ނަމަވެސް، ޔުނިވަރސިޓީތަކާއި ކޮލެޖުތައް އަދިވެސް ކުރީގެ ސަގާފީ ގޮތްތަކަށް ހިންގާނަމަ، އޭއައިގެ މި ޒަމާނަށް ދަރިވަރުން ތައްޔާރުކޮށެއް ނުދެވޭނެއެވެ. ތައުލީމީ މުއައްސަސާތައް ވާންޖެހެނީ ދަރިވަރުން ނުކުންނަން ތައްޔާރުވާ މުސްތަގުބަލުގެ ލެބޯޓަރީތަކަކަށެވެ.
މި ވިސްނުމުގެ މައްޗަށް ބިނާކޮށް، އަމެރިކަން ޔުނިވަރސިޓީ އޮފް ރައުސް އަލް ހައިމާއިން ވަނީ "އޯރެކް އޮގްމެންޓެޑް އިންޓެލިޖެންސް" ގެ ނަމުގައި ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މި މަސައްކަތް ބިނާވެފައިވަނީ ވަރަށް އާދައިގެ އުސޫލެއްގެ މައްޗަށެވެ. އެއީ އޭއައި ވާންޖެހޭނީ އިންސާނުންގެ ތަޖުރިބާގެ ބަދަލުގައި ބޭނުންކުރާ އެއްޗަކަށް ނޫންކަމާއި، އޭގެ ބަދަލުގައި އެއީ މުވައްޒަފުންގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް އެހީތެރިވެދޭނެ އެހީތެރިއަކަށް ވުމެވެ. އެހެންކަމުން، އިދާރީ މަސައްކަތްތަކާއި، ޑޭޓާ އެނަލިސިސްއާއި، މުއާމަލާތްކުރުމާއި، ދަރިވަރުންނަށް ދޭ ހިދުމަތްތަކާއި، ކިޔަވައިދިނުމާއި ދިރާސާކުރުމުގައި އިންސާނީ ތަޖުރިބާއާއެކު އޭއައި ބޭނުންކުރެވިދާނެ ގޮތްތައް އެ ޔުނިވަރސިޓީން ދަނީ ހޯދަމުންނެވެ.
މި ފަލްސަފާ ދަރިވަރުންނާ ހަމައަށްވެސް ފޯރަންޖެހެއެވެ. ދަރިވަރުން ހަމައެކަނި އޭއައި ކިޔެވުމުގެ ބަދަލުގައި، އިންސާނުންނާއި އޭއައި ގުޅިގެން މަސައްކަތްކުރާ މާހައުލެއް ތަޖުރިބާކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މި ޒިންމާ ހަމައެކަނި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ތެރެއިން ނިމެނީއެއް ނޫނެވެ. އޮގްމެންޓެޑް އިންޓެލިޖެންސްގެ އުސޫލުތަކާއި އާދަތައް ސިނާއަތްތަކަށާއި، ސަރުކާރަށާއި، ތައުލީމީ ދާއިރާއަށާއި، ސިއްހީ ދާއިރާގެ އިތުރުން މުޅި މުޖުތަމައަށް ފޯރުކޮށްދޭންޖެހެއެވެ. އޭގެ ސަބަބުން ކޮންމެ ދާއިރާއަކުންވެސް އިންސާނުންނާއި އޭއައި ގުޅިގެން އުފެއްދުންތެރިކަން އިތުރުކޮށް، އާ ކަންކަން އީޖާދުކޮށް، މުޖުތަމައަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯދައިދެވޭނެއެވެ.
މިކަން މިހާ މުހިންމުވާ އެއް ސަބަބަކީ، އާންމުކޮށް މުގައްރަރުތައް ބަދަލުކުރާ ސްޕީޑަށްވުރެ މާ ހަލުވިކޮށް އޭއައި ކުރިއަރަމުން ދިއުމެވެ. ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތައް ވަރަށް އަވަހަށް ބަދަލުވަމުންދާއިރު، ޓެކްނޮލޮޖީގެ ސަބަބުން ވަޒީފާތަކުގެ ބައްޓަންވެސް ދަނީ ބަދަލުވަމުންނެވެ. އެހެންކަމުން، ތައުލީމީ ފެންވަރު ދަށްނުކޮށް، ޔުނިވަރސިޓީތަކާއި ކޮލެޖުތަކުން މިހާރަށްވުރެ ހަލުވިކޮށް ބަދަލުތަކަށް ހޭނެންޖެހެއެވެ.
މިކަން ކުރުމަށްޓަކައި ސިނާއަތްތަކާ ގުޅުން ބަދަހިކުރުމާއި، އަމަލީ ތަޖުރިބާ ހޯދައިދިނުމާއި، މެދުކެނޑުމެއްނެތި މުގައްރަރުތައް އާކުރުމާއި، ދަރިވަރުން ކިޔަވާ ދާއިރާތަކުގެ ތެރެއިން އޭއައި ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދޭންޖެހެއެވެ. އާޓިފިޝަލް އިންޓެލިޖެންސަކީ ހަމައެކަނި ކޮމްޕިއުޓަރ ސައިންސް ކިޔަވާ ކުދިންނަށް ހާއްސަ އެއްޗެއް ކަމުގައި ވެގެން ނުވާނެއެވެ. އިންޖިނިއަރަކަށް ވިޔަސް، ވިޔަފާރީގެ ދާއިރާއިން ކިޔަވާ ކުއްޖަކަށް ވިޔަސް، އާކިޓެކްޓަކަށް ވިޔަސް، ބަޔޯޓެކްނޮލޮޖިސްޓަކަށް ވިޔަސް، ސައިކޮލޮޖިސްޓަކަށް ވިޔަސް ނުވަތަ ކޮމިއުނިކޭޝަން ދާއިރާގެ މީހަކަށް ވިޔަސް، އޭއައި ބޭނުންކުރާނީ މުޅިން ތަފާތު ގޮތްތަކަކަށެވެ. ނަމަވެސް ކޮންމެ ދާއިރާއެއްގެ މީހަކަށްވެސް އިންޓެލިޖެންޓް ސިސްޓަމްތަކާއެކު ޒިންމާދާރުކަމާއެކު އަދި ފައިދާހުރި ގޮތެއްގައި މަސައްކަތްކުރަން އެނގެންޖެހޭނެއެވެ.
މި ބަދަލުތަކުގެ ތެރޭގައި ފުޅާ ފިލާވަޅެއް އެބައޮތެވެ. އޭއައިއާ ގުޅޭގޮތުން އާންމުންގެ މެދުގައި ކުރެވޭ ގިނަ ބަހުސްތައް އަމާޒުވެފައިވަނީ އިންސާނުންގެ ބަދަލުގައި މެޝިންތަކަށް ކުރެވޭނީ ކޮން ކަމެއްތޯ ބެލުމަށެވެ. ނަމަވެސް މިއަށްވުރެ ބިނާކުރަނިވި ސުވާލަކީ، ގާބިލު މެޝިންތަކަކާއެކު މަސައްކަތްކުރުމުން އިންސާނުންނަށް ހާސިލުކުރެވޭނީ ކޮން ކަންތައްތަކެއްތޯ ކުރެވޭ ސުވާލެވެ. މި ސުވާލުގެ ޖަވާބު ކަނޑައެޅުމުގައި ތައުލީމީ ދާއިރާއިން ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.
އެހެންކަމުން، ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ހިމެނޭހެން މަތީ ތައުލީމުދޭ މުއައްސަސާތަކުގެ ޒިންމާއަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ދެކޮޅުހެދުމެއް ނޫނެވެ. އަދި އެއްވެސް ވިސްނުމެއް ނެތި އެ ބަދަލުތައް ބަލައިގަތުމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އެ މުއައްސަސާތަކުގެ ޒިންމާއަކީ ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ގާބިލުކަން އިތުރުކޮށްދޭކަން ކަށަވަރުކުރުމާއި، އެ ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގައި އިންސާނީ ވިސްނުން އިސްކުރުމެވެ.
އޭއައިގެ ޒަމާނުގައި ތައުލީމު ހާސިލުކޮށްގެން ނުކުންނަ ދަރިވަރުންނަކީ އޭއައިއާ ވާދަކުރާ ބަޔަކަށް ވެގެން ނުވާނެއެވެ. އަދި އެއްވެސް ސުވާލެއް ނެތި އޭއައިއަށް ބަރޯސާވާ ބަޔަކަށްވެސް ވެގެން ނުވާނެއެވެ. އަޅުގަނޑުމެން ބިނާކުރަން ބޭނުންވާ ދަރިވަރުންނަކީ އަމިއްލައަށް ވިސްނުމުގެ ޒިންމާ ދޫކޮށްނުލައި، އޭއައިއާއެކު ވިސްނަން އެނގޭ ދަރިވަރުންނެވެ. މިއީ އޭއައިގެ ޒަމާނުގައި މަތީ ތައުލީމުގެ ދާއިރާއިން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައިދެވޭނެ އެންމެ މުހިންމު އެއް ގާބިލުކަމެވެ.