އައު އައިފޯނެއް ގަންނަން ސަފު ހެދުމުގެ ބަދަލުގައި މުޖުތަމައަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތްކުރަން ސޯނޫ ގޮވާލައިފި

އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އަލަށް ބާޒާރަށް ނެރުނު އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ގަތުމަށްޓަކައި ފިހާރަތައް ކައިރީގައި މީހުން ދިގު ކިއޫތައް ހަދާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކުރަމުން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޯނޫ ސޫދު އާއްމުންނަށް މުހިންމު ސުވާލުތަކެއް އަމާޒުކޮށްފިއެވެ. އޭނާ ބުނެފައިވަނީ އަޕްގްރޭޑް ކުރަންވީ ފޯނު ނޫން ކަމަށާއި، އަސްލު ބަދަލަކީ މުޖުތަމައު އިސްލާހުކުރުން ކަމަށެވެ.

"އާ ފޯނެއް، އާ އިންސްޓޯލްމަންޓެއް... އެކަމަކު ދިރިއުޅުމުގެ ބިލްތަކާއި ހާލަތަކަށް ބަދަލެއް ނާދޭ! ފޯނު އަޕްގްރޭޑް ކުރުމުގެ ބަދަލުގައި، މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ސަފުހަދަންވީ ވަގުތު މިވަނީ ޖެހިފައި. ހަގީގީ ކުރިއެރުމަކީ މުޖުތަމައު ރަނގަޅުވުން،" 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ސޯނޫ ބުނެފައިވެއެވެ.

ސޯނޫގެ މި ވާހަކަތަކާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ބައެއް ފަރާތްތަކުން އޭނާގެ ވިސްނުމަށް ފުރިހަމައަށް ތާއީދުކުރިއިރު، އަނެއް ބަޔަކު ވަނީ ފަހުން ވެސް ފަސޭހަކަމާއެކު ލިބެން ހުންނާނެ އެއްޗެއް ހޯދުމަށް ފުރަތަމަ ދުވަހު މިހާ ބޮޑު ތަކުލީފެއް އުފުލައިގެން ކިއޫ ހަދަންޖެހޭ ސަބަބާމެދު ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރި ބައެއް މީހުން ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓް ކަމަށްވާ އިންޑިއާގައި އެޕަލް ކުންފުނިން ފޯނު ވިއްކަނީ އުޅަނދެއްގެ އަގާ އެއްވަރުގެ ބޮޑު އަގުތަކެއްގައެވެ. ނަމަވެސް، އެމެރިކާ ފަދަ ގައުމުތަކުގައި މި ފޯނުތައް މާ އަގުހެޔޮކޮށް ލިބެން ހުރެއެވެ.

މީގެ އިތުރުން، އާންމު މީހެއްގެ މުސާރަ 30،000 ރުޕީސް އަށްވުރެ ކުޑައިރު، ފޯނުގެ އިންސްޓޯލްމަންޓް ދައްކައި ނިމޭއިރު، އެ ފޯނުގެ އަގު ވަރަށް ބޮޑަށް ވެއްޓި، ނުވަތަ އެއްވެސް އަގެއް ނެތް އެއްޗަކަށް ވެފައި އޮންނަކަން ވެސް އެހެން ފަރާތަކުން ފާހަގަކުރިއެވެ.

އިންޑިއާގެ ބާޒާރުގައި އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް މިހާރު ލިބެން ހުރީ ކަޅު، ރިހި، ގްލޭޝިއާ އަދި މުޅިން އަލަށް ތައާރަފުކުރި ބާގަންޑީ ކުލައިގައެވެ. އެޕަލްގެ އެންމެ ފަހުގެ އޭ20 ޕްރޯ ޗިޕް ބޭނުންކޮށްފައިވާ މި ފޯނުތަކުގައި، ފޯނު ހޫނުވުން ކުޑަކުރުމަށްޓަކައި ޚާއްސަ 'ވޭޕަ ޗެމްބަ' ކޫލިންގް ސިސްޓަމެއް ހިމަނާފައިވެއެވެ.

އޭޝިއާގެ އެހެން ގައުމުތަކެކޭ އެއްފަދައިން، އެންމެ ފަހުގެ އައިފޯނުތައް ހޯދުމަށް ދިވެހި ޒުވާނުންގެ މެދުގައި އޮންނަ ޝައުގުވެރިކަން ވަރަށް ބޮޑުއިރު، އިންސްޓޯލްމަންޓް އުސޫލުންނާއި ބޭންކް ފައިނޭންސިންގް މެދުވެރިކޮށް އާ މޮޑެލްތަކަށް ފޯނު ބަދަލުކުރުމަކީ ދިވެހި ޒުވާނުންގެ މެދުގައިވެސް އާންމުވަމުން އަންނަ އާދައެކެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ސޯނޫއަކީ އިންސާނީ ޚިދުމަތުގައި ނަމޫނާ ދައްކަމުން އަންނަ ފާހަގަކޮށްލެވޭ ފަންނާނެކެވެ. އެގޮތުން ކޮވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރު، ހާލުގައި ޖެހުނު އެތައް ހާސް މަސައްކަތްތެރިން އެ މީހުންގެ އުފަން ރަށްރަށަށް އަނބުރާ ދިއުމަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމުތައް، އޭނާ ވަނީ އަމިއްލަ ޚަރަދުގައި ހަމަޖައްސައިދީފައެވެ. މީގެއިތުރުން 'ސޫދު ޗެރިޓީ ފައުންޑޭޝަން' މެދުވެރިކޮށް، ނިކަމެތި އާއިލާތަކަށް ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ދާއިމީ އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން، ފޯރުންތެރިކަން ނެތް ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަޝިޕް ފުރުޞަތުތައް ހޯދައިދިނުމުގައި ވެސް އޭނާ އަންނަނީ އަގުހުރި މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް