ހާބަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ފުޑްކޯޓުތައް ހުސްކުރަން އަންގައިފި

ހާބަރު ފުޑްކޯޓެއް: ފޮޓޯ/ ސަން

ފުޑްކޯޓު ހިމެނޭ ސަރަހައްދުގައި ހާބަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެ ސަރަހައްދުގެ ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފިއެވެ.

އެސްޓީއޯއިން ޔުނިޓުތައް ހިންގާ ފަރާތްތަކަށް ފޮނުވި ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހެއެވެ.

އަދި ޔުނިޓުތައް ހުސްކޮށް ހަވާލުކުރުމުން، 2022 އޮކްޓޫބަރު 15 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެއްބަސްވުމުގެ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި މެއިންޓަނަންސް ފީގެ ތެރެއިން އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާނަމަ، އެ ފައިސާގެ ތަފްސީލާއި ފައިސާ ދައްކާނެ ގޮތުގެ ތާވަލު ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދަކީ ގިނަ އަދަދެއްގެ ކެފޭ، ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އެއްފުރާޅެއްގެ ދަށުން ލިބޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ދިވެހި އަދި ބޭރުގެ ތަފާތު ކާނާތަކުގެ އިތުރުން ފާސްޓްފޫޑާއި އެކި ބާވަތުގެ ބުއިންތައް ލިބެން ހުރެއެވެ.

ހައުސިން މިނިސްޓްރީގެ މާސްޓަ ޕްލޭނުގެ ދަށުން މި ފުޑްކޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު އެސްޓީއޯ އާ ހަވާލުކުރެވުނުއިރު، މުޅި މަޝްރޫއަށް 32 މިލިއަން ރުފިޔާ ހޭދަވިއެވެ. މި ތަނުގައި ޚިދުމަތް ދޭން ފަށާފައިވަނީ މޭ 2018 ގައެވެ. އަދި ރަސްމީކޮށް މި ސަރަހައްދު އިފްތިތާހުކުރީ 23 ޖުލައި 2018 ގައެވެ.

މި ތަން ވަކިވަކި ބްލޮކްތަކަކަށް ބަހާލައިގެން ތަރައްގީކޮށްފައިވާއިރު، އާންމުންނަށް ބޭނުންވާ ފާޚާނާއާއި އަތްދޮންނަ އިސްކުރުބަރި ފަދަ ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ. އަދި ހާމަފެންޑާއާއި އެއާކޮންޑިޝަން ކޮށްފައިވާ ބައިތަކުގެ އިތުރުން، ކާބޯތަކެތީގެ އިތުރުން ކުދި ވިޔަފާރިތަކަށް ޚާއްސަ ޔުނިޓުތައްވެސް ހިމެނެއެވެ.

comment ކޮމެންޓް