ރ. މާކުރަތު ކައުންސިލުން އެ ރަށު ރައްޔިތުން ގޮވައިގެން ފަޅު ރަށަކަށް ފަން ހޮވަން ދާން އިއުލާނުކޮށްފިއެވެ.
މާކުރަތު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން ރ. އުނގުލަށް ފަން ހޮވަން ދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ދަތުރުގައި ފަންހޮވަން ދިއުމަށް ކޮންމެ ގެއަކުން ގިނަވެގެން ތިން މީހުންނަށް ފުރުސަތު ލިބޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެހެންކަމުން ފަން ހޮވަން ދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ 18:00 ގެ ކުރިން އެ ކައުންސިލްގައި ނަން ނޯޓު ކުރުމަށް ވަނީ އެދިފައެވެ.
މިކަމާ ގުޅޭ ގޮތުން މާކުރަތު ކައުންސިލްގެ ރައީސް އަބްދުﷲ މާހިރު 'ސަން' އަށް ވިދާޅުވީ މިއީ އިހުގެ އާދަކާދަތައް މާކުރަތު ރައްޔިތުންގެ މެދުގައި ދިރުވައި، އެކަމުން ރަށަށް އާމްދަނީ ވަންނަ ގޮތް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ.
އާބާދީގައި 1،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާކުރަތުގައި ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ފަންގި ވިޔެ، ދަނޑު ހެއްދުން ފަދަ މަސައްކަތް ކުރެއެވެ. އެ ރަށުގައި ގިނަ އަދަދެއްގެ އަންހެނުންނަކީ ކުރީއްސުރެ ފެށިގެން މިއަދާ ހަމައަށް ވެސް ފަންގިވިނުމުގެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ ބައެކެވެ. އެގޮތުން އެ މަސައްކަތުން އުފައްދާ ޕްރޮޑަކްޓްތައް ރަށާ ކައިރި ރިސޯޓުތަކަށް ފޮނުވައިގެން ވެސް ރަށުގެ ގިނަ ބަޔަކު އާމްދަނީ ހޯދައެވެ.
ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި އެ ރަށަށް ފަން ހޮވަން ދިޔުމަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދެނީ ވެސް ކައުންސިލުންނެވެ.
މާކުރަތުން ފަން ހޮވަން ދާ ފަޅު ރަށަކީ، އެ އަތޮޅު އުނގޫފާރުގެ އިހްތިސޯސްގައި އޮންނަ ރަށެކެވެ. މާހިރު ވިދާޅުވި ގޮތުގައި އެ ރަށު ކައުންސިލްގައި އެ ފުރުސަތު މާކުރަތުގެ ރައްޔިތުންނަށް ފަހިކޮށްދިނުމަށް އެދުމުން ވަރަށް އަވަހަށް އެކަން ކޮށްދިން ކަމަށް ވިދާޅުވިއެވެ.
"އެ ކައުންސިލްގައި އެކަމަށް އެދުމުން މީޓިންއެއް ބޭއްވުމަށް ފަހު ވަރަށް އަވަހަށް ހުއްދަ ދީފި. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން ކައުންސިލް ރައީސަށާއި އަދި ކައުންސިލްގެ އެހެން ބޭފުޅުންނަށް ވެސް،" އޭނާ ވިދާޅުވިއެވެ.