މިހާރު ތަމްރީނު ހަދަމުންދާ ގިނަ އޮފިސަރުންނަކީ ގައިދީން ތަންތަނަށް ގެންދިޔުމުގައި ނުވަތަ އެކްސްކޯޓުކުރުމުގައި ހަރަކާތްތެރިވާން ބައެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ގައިދީން ފަރުވާއަށް ގެންދިޔުމަށް ލަސްވާ މައިގަނޑު އެއް ސަބަބަކީ، އެ މީހުން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާނެ ޖަލު އޮފިސަރުން ނެތުމެވެ. މި ދިޔަ ޖުލައި މަހުގެ ނިޔަލަށް އެޗްއާރުސީއެމަަށް ހުށަހަޅާފައިވާ މައްސަލަތަކުގެ 63.2 އިންސައްތައަކީ އެ ބާވަތުގެ މައްސަލަތަކެވެ.
މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ކަރެކްޝަންސްއިން ވެސް ވަނީ، ޖަލުގައި ބަލަހައްޓާ ގައިދީންނާ އެއްވަރަށް އޮފިސަރުން ނެތް ކަމަށް އެއްބަސްވެފައެވެ.
މިގޮތުން، އެތައް އަހަރެއް ވަންދެން ޖަލުގެ އާބާދީ، 1،100އާއި 1،200އާ ދެމެދުގައި ހުރުމަށް ފަހު، ކްރިމިނަލް ކޯޓުގެ ޕެންޑިން މައްސަލަތައް ކުރިއަށްދާން ފެށުމުން ޖަލުގައި ގައިދީން އިތުރުވެފައިވާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

އޮފިސަރުންތަކެއް ގައިދީންތަކެއް ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލަކަށް އަރުވަނީ --- ފޮޓޯ/ ކަރެކްޝަންސް
މިހާރު ޖަލުގެ އާބާދީ 1،750އަށް އަރާފައިވާއިރު، ޖާގައިގެ ދަތިތައް ދިމާވެ، ގައިދީންނާ އެކަށީގެންވާ މިންވަރަށް އޮފިސަރުން ނެތް ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.
އެ މުއައްސަސާއިން މައުލޫމާތުދިން ގޮތުގައި، ކަރެކްޝަންސްގެ އޮފިސަރުންނަކީ ޚާއްސަ ތަމްރީނަކާއި ޙުވައެއްކޮށްގެން ޤައުމީ ޒިންމާ އަދާކުރާ އޮފިސަރުންނެވެ.
އެހެންވެ، އޮފިސަރުން ތަމްރީނުކޮށް ވަޒީފާއަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިރޭ ވެސް އަލަށް 10 އޮފިސަރުން ދަސްވެނިވެގެން ވަޒީފާއާ ގުޅޭނެ ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މާފުށީ ޖަލުގައިވެސް ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީނު ހަދަމުންދާއިރު، ކައިރި މުސްތަގްބަލުގައި ދަސްވެނިވެ، ވަޒީފާއާ ގުޅޭނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އޭގެ ތެރެއިން، ގިނަ އޮފިސަރުންނަކީ ގައިދީން އެސްކޯޓްކުރުމަށް ހަރަކާތްތެރިވާނެ އޮފިސަރުން ކަމަށް ކަރެކްޝަންސްއިން ފާހަގަކުރިއެވެ.
އެ މުއައްސަސާއިން ބުނީ، ޖަލުތަކުގައި ޖުމްލަކޮށް ދުވަހަކު ގާތްގަނޑަކަށް 200 އެއްހާ ގައިދީންނާއި ބަންދު މީހުން އާންމު ބަލިތަކަށް ޖަލުތަކުގައި ތިބި ޑޮކްޓަރުންނަށް ދައްކާ ކަމަށެވެ. އަދި، ޚާއްސަ ބަލިތަކަށް ސްޕެޝަލިސްޓުންނަށް ރިފާކޮށްފައިވާ ގައިދީންނާއި ބަންދު މީހުން ދެއްކުމަށް އެޕޮއިންޓްމަންޓް ލިބުމުގައި ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ޖަލުތަކުގައި ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުލިބޭ ކަމުގެ ތުހުމަތުތައް ދޭތެރެއަކުން ފެންމަތިވެއެވެ.