މުޅި ރާއްޖެއަށް ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމުގެ ސާވޭތައް ކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނި ގޮތުގައި މުޅި ރާއްޖެއަށް ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް ރައީސް ނިންމެވުމާ ގުޅިގެން، އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމުގެ ސާވޭތައް މިހާރު ދަނީ ކުރެވެމުން ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ޓީމުތަކުން މިހާރު ދަނީ އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތަކުގެ ސާވޭގެ މަސައްކަތްތައް ފުރިހަމަކުރަމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
https://x.com/STELCOMALDIVES/status/2100456755428041151
މި މަހުގެ ހަތްވަނަ ދުވަހު ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ގިނަ މަޝްވަރާތަކަކަށް ފަހު ސަރުކާރުން މިހާރު ނިންމަވާފައި ވަނީ ފެނަކަ އުވާލުމަށް ފަހު، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށް ކަމަށެވެ.
"މުޅި ރާއްޖޭގައި ޚިދުމަތްދޭނީ ސްޓެލްކޯއިން މި މަސައްކަތް ނިމުނީމައި. އެހެންކަމުން ފެނަކައިން ކުރަމުންދާ ހުރިހާ މަސައްކަތެއް ސްޓެލްކޯއަށް ބަދަލު ކުރެވި ފެނަކަ އެއްކޮށް އުވާލެވިގެން ދާނެ،" ރައީސް އޭރު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ފެށުނީންސުރެ އެ ކުންފުންޏަކީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވި ކުންފުންޏެވެ.
ޚާއްސަކޮށް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އެ ކުންފުންޏަށް ވަނީ އެތައް ހާސް މުވައްޒަފުންނެއް އިތުރަށް ވައްދައިފައެވެ. އަދި އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އެމްޑީޕީގެ އެ ސަރުކާރުގައި ފެނަކަ ތެރެއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވެއެވެ. އެކަންކަން ކުރުމުގައި އެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އޭރު އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންގެ ކުންފުނިތައް ބޭނުން ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
އިންތިހާއަށް ހަރަދު ބޮޑުވުމާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ފެނަކަ އޮތީ ބަންގުރޫޓްވާ ހާލަތުގައެވެ.
އަދި މި ފަހުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު އެންގުމާ ގުޅިގެން ފެނަކައިން ޕެކޭޖް ދީފައި މިހާތަނަށް 107 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.