އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ތައްޔާރުވެއްޖެއެވެ.
ވޮޝިންޓަން ޕޯސްޓާއި އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ 907 ކިލޯ (2،000 ޕައުންޑް) ގެ ބޮން ފަހުގެ އަހަރުތަކުގައި އެއްފަހަރާ ވިއްކާ އެންމެ ބޮޑު މުއާމަލާތެވެ.
މި ޕެކޭޖަށް ފައިސާ ހަމަޖައްސާފައިވަނީ އެމެރިކާއިން ފައިސާ ދިނުމުން އެ ފައިސާއިން އެމެރިކާގެ ހަތިޔާރު ގަތުމަށް މަގުފަހިކޮށްދޭ "ފޮރިން މިލިޓަރީ ފައިނޭންސިން" ނިޒާމުގެ ދަށުންނެވެ. މި ޕެކޭޖުގައި ޖުމްލަ 40،000 ބޮން ހިމެނެއެވެ. އޭގެ ތެރޭގައި އާންމު ބޭނުންތަކަށް ހާއްސަ 20،000 "އެމްކޭ-84" ބޮމާއި، ކަނޑުމަތީގައި ރައްކާތެރިކަމާއެކު ގުދަންކުރުމަށް ފަރުމާކޮށްފައިވާ 20،000 "ބީއެލްޔޫ-117" ބޮން ހިމެނެއެވެ. މީގެ އިތުރުން، ބިމުއަޑީގައި ހަދާފައިވާ ވަރުގަދަ އިމާރާތްތަކަށް ހަމަލާދިނުމަށް ބޭނުންކުރާ "އައި-2000 ޕެނެޓްރޭޓާ" ވޯހެޑް ވެސް މި ޕެކޭޖުގައި ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުރަތަމަ ގަލްފް ހަނގުރާމައިގައި އެމެރިކާގެ ޕައިލެޓުން "މަރުތޭލަ" ގެ ނަމުން ނަންދީފައިވާ އެމްކޭ-84 ބޮމަކީ ހުޅަނގުގެ ގައުމުތަކުގައި ހުރި އެންމެ ނުރައްކާތެރި އެއް ހަތިޔާރެވެ. މި ބޮން ގޮވުމުން އެތައް ސަތޭކަ މީޓަރަކަށް ދަގަނޑު އެތިކޮޅުތައް ބުރައިގެންދާއިރު، މިއީ ބޯ ކޮންކްރީޓް ފޫއަޅުވާލުމުގެ ގާބިލުކަން ލިބިފައިވާ ބޮމެކެވެ.
ޣައްޒާގެ ރަފަހަށް ދިން ހަމަލާއެއްގައި ސުންނާފަތި ކޮށްފައިވާ ގެޔެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް މަޑުކޮށްގެން -- ފޮޓޯ/ އޭއެފްޕީ ކޮންޒަވޭޓިވް ކޮމެންޓޭޓަރު ޓަކާ ކާލްސަން އެކްސްގައި ލިޔުނު ގޮތުގައި، އެމެރިކާގައި އުފައްދާފައިވާ މި ބޮމުގެ ސަބަބުން ބައި މޭލުގެ ސަރަހައްދެއް އެއްކޮށް ހަލާކުކޮށްލައެވެ. އަދި އިމާރާތްތައް ބިމާ ހަމަކޮށްލައި، 35 ފޫޓު ފުންމިނުގެ ވަޅުގަނޑުތައް ހަދާލާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި މުއާމަލާތާ ގުޅޭ މައުލޫމާތު އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީތަކަށް ނުރަސްމީކޮށް މިހާރު ވަނީ އަންގާފައެވެ. ނަމަވެސް، ރަސްމީކޮށް ކޮންގްރެސްއަށް އެންގުމުގެ ކުރިން މިފަދަ މުއާމަލާތްތަކާ ގުޅޭގޮތުން އެއްޗެއް ބުނަން ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދެކޮޅުހަދާފައެވެ. އިސްރާއީލުން ވަނީ ގާޒާއާއި ލުބުނާނުގައި މި ބާވަތުގެ ބޮން އެތައް ސަތޭކަ ފަހަރަކު ބޭނުންކޮށްފައެވެ. މީގެ ތެރޭގައި އާންމުންނަށް ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ސަރަހައްދަތައް ވެސް ހިމެނޭތީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އާންމުންނަށް ލިބޭ ގެއްލުންތަކާ ގުޅިގެން 2024 ވަނަ އަހަރު ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މި ބާވަތުގެ ބޮން ފޮނުވުން މަޑުޖައްސާލިއެވެ. ނަމަވެސް، ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ މަސްދުވަހުގެ ތެރޭގައި ވަނީ އެ ނިންމުން ބަދަލުކުރައްވާފައެވެ.
މި މުއާމަލާތާ ގުޅިގެން އެމެރިކާގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމެރިކާގެ ސެނެޓަރު ކްރިސް ވެން ހޮލެން ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ގަނެފައިވާ ބޮންތައް ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ހޯދަމުންދާ މީހަކު އިސްކޮށް ހުރި ސަރުކާރަކަށް ފޮނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މި މުއާމަލާތް ހުއްޓުވުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ކޮންގްރެސް މެންބަރު މާޖަރީ ޓޭލާ ގްރީން ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއާއި ހަތިޔާރު ބޭނުންކޮށްގެން އެތައް ހާސް ކުށެއް ނެތް ބަޔަކު މެރުމަށް އެމެރިކާއިން ތާއީދެއް ނުކުރެއެވެ.
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުގެ އެމެރިކާ ޕްރޮގްރާމްގެ ސީނިއާ އެޑްވައިޒަރު ބްރަޔަން ފިނުކޭން ވިދާޅުވިގޮތުގައި، މި މުއާމަލާތުގެ ސަބަބުން އިސްރާއީލަށް އިތުރު އިތުބާރެއް ލިބިގެންދާނެއެވެ. މިއީ ސަރަހައްދުގެ މަސްރަހު ފިނިކުރަން އެމެރިކާގެ ސަރުކާރުން ބޭނުންވާ ކަމަށް ބުނާ ދަނޑިވަޅެއްގައި ހިނގަމުންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލުން މި ވަގުތު މިފަދަ ބޮޑު މުއާމަލާތެއް ކުރިއަށްގެންދަން މަސައްކަތްކުރަނީ، ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ސަރުކާރަކުން މިފަދަ ޝަރުތެއް ނެތް އެހީތެރިކަމެއް ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.