ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ: ބަގޭސް ކަންމަތި، ބަގޭސް ސްޕޯޓްސް ކުލަބް، ބަރާބަރު އަދި ޑީސީއެސްސީ ސެމީއަށް

ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026 ގެ މެޗެއްގެ ތެރެއިން- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ބ. ހިތާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާގެ ސެމީފައިނަލްގެ ފުރަތަމަ ދެ ޖާގަ ބަގޭސް ކަންމަތި، ބަގޭސް ސްޕޯޓްސް ކުލަބް، ބަރާބަރު އެސްސީ އަދި ޑީސީއެސްސީ ހޯދައިފިއެވެ.

ބ. ހިތާދޫ ފުޓްސަލް ގްރައުންޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ޖާގަ ބަގޭސް ކަންމަތިން ހޯދާފައިވަނީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި 2-3 ގެ ނަތީޖާއިން ވަރިހަމަ ޕްލަސް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަގޭސްއިން ތިން ލަނޑުގެ ލީޑެއް ނެގުމަށްފަހު ދެވަނަ ހާފް ފަސޭހަކޮށްލުމުގެ ފައިދާ ނަގައިގެން ވަރިހަމަ ޕްލަސްއިން ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. މެޗުގައި ބަގޭސް ޕްލަސްގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަޙްމަދު އައިޙަމް މުޙައްމަދު ޝިޔާމް، އަލްސަން އާމިރެވެ. އަލްސަން ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ.

ވަރިހަމަ ޕްލަސްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޓީމުގެ ކީޕަރު، ލޫތުއެވެ. މި މެޗުގައި ވަރިހަމަ ޕްލަސްގެ ބާއިސް އަދި މައްޗެ އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުމުން އައި އުނިކަން ޓީމުން ވަރަށް ބޮޑަށް ފެނުނެވެ.

ކެޕްޝަން.. ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026 ގައި ބަގޭސް ކަންމަތި އާއި ވަރިހަމަ ޕްލަސް ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ކުއާޓަރގެ ދެވަނަ މެޗުގައި ބަގޭސް އެސްސީ އާއި ވަރިހަމަ އެފްސީ ބައްދަކުރި މެޗު، 1-5 އިން ކާމިޔާބުކޮށްފައިވަނީ ބަގޭސް ސްޕޯޓްސް ކުލަބެވެ. ވާދަވެރި ވާނެކަމަށް ބެލެވުނު މި މެޗުގައި ފެނިގެންދިޔައީ ފެށުނީންސުރެ ބަގޭސްއިން ޑޮމިނޭޓުކުރި މަންޒަރެވެ. މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް އެޓީމުން ހަތަރު ލަނޑު ޖަހާފައި ވެއެވެ.

ކުއާޓަރ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ބަރާބަރު އެފްސީ އަދި ޓީމް ވެލައެވެ. ބަރާބަރު އެފްސީން މި މެޗު ކާމިޔާބުކޮށްފައިވަނީ 0-5 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗަށް ނުކުތްއިރު ވެލާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ މަލީހުއަށް ކާޑު ހަމަވުމުގެ ސަބަބުން ކުޅެވިފައެއް ނުވެއެވެ.

ކެޕްޝަން.. ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026 ގައި ޓީމް ވެލާ އާއި ބަރާބަރު ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މެޗުގެ ފުރަތަމަ ހާފުގައި ބަރާބަރުގެ އިސްމާޢީލް މުނީޒް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފުގައި ހެޓް-ޓްރިކެއް ހަދަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފު 0-2 އިން ނިމުނުއިރު ބަރާބަރުން ވަނީ ދެވަނަ ހާފުގައި އިތުރު ތިން ލަނޑު ޖަހާފައެވެ.

ކުއާޓާގެ ފަހު މެޗުގައި ޑީސީއެސްސީން ބަގޭސް ލެޖެންޑްސްގެ މައްޗަށް ކުރިހޯދާފައިވަނީ 1-3 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޑީސީއެސްސީން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފައެވެ. ދެވަނަ ހާފުގައި ބަގޭސް ލެޖެންޑްސުން އެއްވަރުކުރި ނަމަވެސް މެޗު ނިމެން ދަނިކޮށް ޑީސީއެސްސީން ވަނީ އިތުރު ދެ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މިރެއެވެ. ސެމީގެ ފުރަތަމަ މެޗުގައި ބަގޭސް ސްޕޯޓްސް ކުލަބް އަދި ބަގޭސް ކަންމަތި ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ބަރާބަރު އަދި ޑީސީއެސްސީ އެވެ.

މި މުބާރާތުގެ މެޗުތައް ސަން ޕްލޭ އެޕް އަދި ސަން ޕްލޭގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ.

comment ކޮމެންޓް