ރޮއިޓާސްއިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، އެމެޒޯން، ޓެމޫ އަދި ޓިކްޓޮކް ޝޮޕް ފަދަ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި، މަނާކޮށްފައިވާ މާކަރީ އެކުލެވޭ 20އަށް ވުރެ ގިނަ ހަންގަނޑު އަލިކުރާ ކްރީމް ވިއްކަމުން އެބަދެއެވެ.
ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެފައިވާ 2013 ވަނަ އަހަރުގެ މިނަމާޓާ މުއާހަދާގެ ދަށުން، މާކަރީ އެކުލެވޭ އުފެއްދުންތައް އުފެއްދުމާއި އެތެރެކުރުން އަދި ވިއްކުން ވަނީ މަނާކޮށްފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި، މާކަރީގެ ސަބަބުން ކިޑްނީއަށާއި ސިކުނޑީގެ އިތުރުން ނާރުތަކުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އެހެންނަމަވެސް، މި އުފެއްދުންތައް ވިއްކާ ފަރާތްތަކުން ދަނީ އުފެއްދުމުގެ އަސްލާއި އޭގައި ހިމެނޭ މާއްދާތައް ސިއްރުކުރުމަށް އެކި އުކުޅުތައް ބޭނުންކުރަމުންނެވެ.
ރޮއިޓާސްއިން ބެލި ބެލުމުން އެނގުނު ގޮތުގައި، ވެބްސައިޓުތަކުން ނަގާފައިވާ ބައެއް އުފެއްދުންތައް، އޮޅޭ ފަދަ ނަންނަމުގައި ނުވަތަ އެހެން ވިއްކުންތެރިން މެދުވެރިކޮށް އަލުން ދަނީ ލިސްޓުކުރަމުންނެވެ. މިގޮތުން، އެމެރިކާގެ އެމެޒޯން، ޓެމޫ އަދި ޓިކްޓޮކްގެ އިތުރުން، ފަރަންސޭސިވިލާތް، އިންޑިއާ، ޔޫއޭއީ އަދި ބެލްޖިއަމްގެ އެމެޒޯން މާކެޓްޕްލޭސްތަކުގައި ވެސް މިފަދަ އުފެއްދުންތައް ވިއްކަން ހުއްޓެވެ. މީގެ ތެރެއިން އެއްވެސް އުފެއްދުމެއްގެ ބޭރުގައި، އޭގައި މާކަރީ އެކުލެވޭކަން ލިޔެފައެއް ނުވެއެވެ.
އީ ކޮމާސް ވެބްސައިޓްތަކުގައި ވިއްކަން ބަހައްޓާފައި ހުރި މަނާކޮށްފައިވާ ބްރޭންޑެއްގެ ކްރީމް-- ފޮޓޯ: ރޮއިޓާސްޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ޕްރޮފެސަރެއް ކަމަށްވާ ވިންސްޓަން މޯގަން ވިދާޅުވި ގޮތުގައި، ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ މާއްދާތަކަށް ވުރެ އަވަހަށް މާކަރީން ހަންގަނޑު އަލިކޮށްދެއެވެ. އަދި މިއީ އަގުހެޔޮ މާއްދާއެކެވެ. ދެހާސް އެކާވީސް ވަނަ އަހަރު ބޮސްޓަން ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ހުއްދަކޮށްފައިވާ މާއްދާތައް ހިމެނޭ ކްރީމް އައުންސެއް އެވްރެޖްކޮށް 24.89 ޑޮލަރަށް ވިއްކާއިރު، މާކަރީ ހިމެނޭ ކްރީމް އައުންސެއް ލިބެން ހުރީ ގާތްގަނޑަކަށް 6.50 ޑޮލަރަށެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ކޮސްމެޓިކްސްގައި މާކަރީ ހިމެނޭ މިންވަރު 1 ޕީޕީއެމް އަށް ލިމިޓުކޮށްފައިވީ ނަމަވެސް، ގަވާއިދާ ޚިލާފަށް ވިއްކާ ގިނަ އުފެއްދުންތަކުގައި 10 އާއި 100،،000 މިލިގްރާމާ ދެމެދުގެ މިންވަރަކަށް މާކަރީ ހުރެއެވެ.
މި މައްސަލައާ ގުޅިގެން އެމެޒޯން، ޓެމޫ އަދި ޓިކްޓޮކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި، އެ ޕްލެޓްފޯމްތަކުގައި މިފަދަ އުފެއްދުންތައް ވިއްކުމަކީ މަނާކަމެކެވެ. އަދި އެ ތަކެތި ވެބްސައިޓުން ނެގުމަށާއި ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިތަކުން ބުންޏެވެ.
ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޮގަސްޓު މަހުގެ ފަހުކޮޅު ޕާލޭ ގޯލްޑީ ނަމަކަށް ކިޔާ ކްރީމެއް ބާޒާރުން ނެގުމަށް އަންގައިފައެވެ. ނަމަވެސް އޭގެ ފަހުން ވެސް ބެލްޖިއަމްގެ އެމެޒޯން ވެބްސައިޓުގައި އެ ކްރީމް ވިއްކަން ހުރިކަން ރޮއިޓާސްއިން ވަނީ ފާހަގަކޮށްފައެވެ. އެމެރިކާގެ އެފްޑީއޭ އިން ބުނި ގޮތުގައި، މިފަދަ އުފެއްދުންތައް ބާޒާރުން ނެގުމަކީ އެ އިދާރާގެ އެންމެ އިސް އެއް އަމާޒެވެ. އަދި ގަވާއިދާ ޚިލާފަށް މި ތަކެތި ވިއްކުން ހުއްޓުވުމަށް އުފައްދާ ފަރާތްތަކަށާއި ޑިސްޓްރިބިއުޓަރުންނަށް އިންޒާރުގެ ސިޓީ ފޮނުވާފައިވާ ކަމަށް ވެސް އެފްޑީއޭ އިން ވަނީ ބުނެފައެވެ.