ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް މީހުން ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، އެ މަގާމުގެ ވަޒީފާ ހަމަޖެހޭ މީހުންނަށް 17،175 ރުފިޔާގެ މަހު މުސާރައެއް ލިބޭނެއެވެ.
އެ މަގާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭނެ ޝަރުތުތައް ވެސް ފުލުހުން ވަނީ ކިޔައިދީފައެވެ. މިގޮތުން، ގްރޭޑް ދިހައެއް ނިންމާފައިވުމާއި 18 އަހަރާއި 35 ދެމެދުގެ މީހެއް ކަމުގައިވުމާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ ސިއްހަތާއި އަޚުލާގާއި ގާބިލުކަން ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ.
ފުލުހުންތަކެއް --- ސަން ފޮޓޯ/ އަހުމަދު އިޔާދުމީގެއިތުރުން، ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ނުވަތަ ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ އެ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައަޅާފައިވާ އަދަބު މައާފުކުރިތާ ތިން އަހަރުވެފައިވާ މީހެއް ކަމުގައިވާން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.
އިތުރު ޝަރުތުތައް:
- ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުއީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރަކު ނެރެފައިވާ މީހެއް ކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައިނުވުމާއި ގާނޫނުއަސާސީއާއި ގާނޫނެއްގައި ބަޔާންކޮށްފައިވާ އިންތިޚާބީ މަގާމެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން
- މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހެއް ކަމުގައި ނުވުން
- ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީނު ފުރިހަމަ ކުރެވޭ ފަދަ ސިއްހަތެއްގައިވާ މީހެއް ކަމުގައިވުން
- ފިރިހެނެއް ނަމަ އިސްކޮޅު ފަސް ފޫޓާއި ތިން އިންޗި ހަމަވުން، އަންހެނަކު ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަމަވުން
މި މަގާމަށް ހޮވޭ ފުލުހުން އާންމުކޮށް މަސައްކަތް ކުރަން ޖެހޭނީ މާލެ ސަރަހައްދުގައެވެ.
އިއުލާނުގައި ބުނިގޮތުގައި، ވަޒީފާއަށް ކުރިމަތިލާ މީހުން ހަދާ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓާއި
މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ މީހުން ވަޒީފާއަށް ހޮވުމުގައި އިސްކަންދޭނެއެވެ. އަދި، އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ މީހުންނަށް ވެސް އިސްކަންދޭނެއެވެ.
އެ މަގާމަށް 29 މީހަކު ހޯދާއިރު، އެ ވަޒީފާ ބޭނުންވާ މީހުން މި މަހުގެ 30 ވަނަ ދުވަހުގެ 16:00ގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.