ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާއްސަ ވިޔަފާރި އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފަށަން މަޝްވަރާކުރެވުނު: ރައީސް

15 ސެޕްޓެމްބަރު 2026: ރައީސް ޑރ. މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރުމުގެ ގޮތުން، ޚާއްސަ ވިޔަފާރި އެއްބަސްވުމެއް ނުވަތަ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް އެކުލަވާލުމަށް ޓަކައި މަޝްވަރާތައް ފެށުމަށް ދެ ގައުމުން އެއްބަސްވެއްޖެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، މީޑިއާއަށް ދެއްވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

ދެ ގައުމުގެ ވިޔަފާރީގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން، އިގްތިޞާދީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ޓަކައި ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

"އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ދެ ގައުމުގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ފަހިވެގެންދާނެ ފަދަ 'ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް' އެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް އަޅުގަނޑުމެން އެއްބަސްވިން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިޞާދީ މުހިންމު ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު މެލޭޝިއާގެ ސަރުކާރަށާއި ވިޔަފާރިވެރިންނަށް ހުޅުވިފައިވާ ކަމަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ޢިމާރާތްކުރުމުގެ ދާއިރާ އަދި އިސްލާމިކް ފައިނޭންސް ފަދަ ސްޓްރެޓީޖިކް ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް އެމަނިކުފާނު ވަނީ މެލޭޝިއާގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފައެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމެއް ނޫން ކަމަށާއި، މިއީ އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތްކުރާ އަޚުވަންތަ ދެ ގައުމުގެ ގުޅުން ކަމުގައި ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒު ވަނީ މެލޭޝިއާއިން ރާއްޖެއަށް ވެދެމުންދާ އެއްބާރުލުމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި މެލޭޝިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް