ކުރީގެ ލަވަތައް ހަލާކުކުރާތީ 'ދުރަންދަރު'ގެ އުފެއްދުންތެރިންނަށް ސަމީރު އަންޖާން ފާޑުކިޔައިފި

ޅެންވެރިޔާ ސަމީރު އަންޖާން އަދި ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/އިންޑިއާޓުޑޭ

ކުރީގެ ރީތި ލަވަތަކުގެ އަސްލު މާނަ ގެއްލޭގޮތަށް، އިންޑިއާގެ ފިލްމުތަކުގެ އަނިޔާވެރި މާރާމާރީގެ މަންޒަރުތަކުގައި މަޝްހޫރު ލަވަތައް ބޭނުންކުރާތީ ޅެންވެރިޔާ ސަމީރު އަންޖާން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނިގޮތުގައި މިފަދަ ކަންކަމުގެ ސަބަބުން މިއުޒިކުގެ އަސްލު މަގްސަދު އޮޅި، ޅެންވެރިންގެ ދައުރު ކުޑަވެގެންދެއެވެ.

ކޯމަލް ނަހަޓާގެ ޔޫޓިއުބް ޕޮޑްކާސްޓް "ގޭމް ޗޭންޖާސް"ގައި ވާހަކަދައްކަމުން ސަމީރު ވަނީ ބޮލީވުޑްގެ މިއުޒިކަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކާފައެވެ. ވަކިން ހާއްސަކޮށް ބޮޑު ކާމިޔާބީއެއް ލިބުނު ޑައިރެކްޓަރު އަދިތިޔަ ދަރުގެ "ދުރަންދަރު" ފިލްމުގެ އެކްޝަން މަންޒަރުތަކުގައި ކުރީގެ ލަވަތައް ބޭނުންކޮށްފައިވާ ގޮތަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނިގޮތުގައި އެކްޝަން މަންޒަރުތަކުގެ ބެކްގްރައުންޑް މިއުޒިކުގެ ގޮތުގައި އެ ލަވަތައް ބޭނުންކުރުމުން، ލަވައިގެ އަސްލު މާނަ މުޅިން އޮޅިގެންދެއެވެ.

" 'ދުރަންދަރު' ފަދަ ފިލްމުތަކުގެ ސަބަބުން ހާލަތު މިވަނީ އިތުރަށް ގޯސްވެފައި. އެމީހުން ލަވަތައް ނަގައިގެން ބެކްގްރައުންޑަށް މިލަނީ. 'ޗޯހާން'ގެ ޓްރެއިލާގައިވެސް އެކްޝަން މަންޒަރެއްގެ ތެރޭގައި އެ ޖަހަނީ 'ޖުމްމާ ޗުމްމާ'. ބަޑިޖަހާ މަންޒަރުތަކުގެ ތެރޭގައި އަހަރެންގެ ލަވަ އެވަނީ ރީމޭކްކޮށްފައި. އެތަނުގައި ލަވައިގެ ބޭނުމަކީ ކޮބާ؟" އޭނާ ސުވާލު އުފެއްދިއެވެ.

ޅެންވެރިޔާ ސަމީރު އަންޖާން--ފޮޓޯ/އިންޑިއާޓުޑޭ

މީގެއިތުރުން، ޅެންވެރިން އުފައްދާ މަސައްކަތްތައް ފަހުން ބޭނުންކުރާ ގޮތުގެ މައްޗަށް އެމީހުންގެ އެއްވެސް ބާރެއް ނެތުމުން ސަމީރު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބޮލީވުޑްގެ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުން، ހާއްސަކޮށް މީގެ ކުރިން ރީތި މިއުޒިކަށް އިސްކަންދިން އަދިތްޔާ ޗޯޕްޅާ އަދި ކަރަން ޖޯހަރް ފަދަ ފަރާތްތަކުން މިހާރު މިއުޒިކަށް ސަމާލުކަން ނުދޭތީ އެކަމާ ސަމީރު މާޔޫސްކަން ފާޅުކުރިއެވެ.
ކުރީގެ ލަވަތައް އާކޮށްގެން (ރީމޭކް) ނެރުމުގެ އާދައާ ބެހޭގޮތުން ވާހަކަދައްކަމުން ސަމީރު ބުނީ، މީގެ ސަބަބުން އާ ޖީލުތަކަށް ކުރީގެ ލަވަތައް އެނގިގެންދިޔަ ނަމަވެސް، ފިލްމު އުފައްދާ ފަރާތްތަކުން މިކަމުގައި ވަކި އިންތަކެއް ހިފަހައްޓަންޖެހޭނެ ކަމަށެވެ.

އޭނާ އިތުރަށް ބުނިގޮތުގައި ގާއިމުވެފައިވާ މަޝްހޫރު ލަވަތަކަށް އިހުތިރާމް ކުރަންޖެހޭނެއެވެ. އަދި އުމުރުން ދުވަސްވުމަކީ ތަޖުރިބާކާރު ޅެންވެރިން އެއްފަރާތް ކުރަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް އޭނާ ވަކާލާތު ކުރިއެވެ.
މީގެއިތުރުން، މިހާރުގެ ފިލްމު އުފައްދާ ފަރާތްތަކުން ލަވަތަކަށްވުރެ ބޮޑަށް ޖިންސީ ކަންކަމަށާއި އަނިޔާވެރިކަމަށް އިސްކަންދޭތީވެސް ސަމީރު ވަނީ ފާޑުކިޔާފައެވެ.

ސަމީރަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމުތައް ކަމަށްވާ "ކުޗް ކުޗް ހޯތާ ހޭ" އަދި "ދަޅްކަން"ގެ ބައެއް ލަވަތައް ލިޔެފައިވާ ތަޖުރިބާކާރު ޅެންވެރިއެކެވެ.

comment ކޮމެންޓް