ކަޝްމީރުގެ ހަގީގީ ރީތިކަން ފިލްމުތަކުގައި ދައްކުވައިދޭން އޭއާރު ރަހުމާން އިލްތިމާސްކޮށްފި

އިންޑިއާގެ ކާމިޔާބު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާން -- ފޮޓޯ/ އިންޑިއާޓުޑޭ

އިޝްތިހާރެއްގެ މަސައްކަތަކަށް ޖައްމޫ އާއި ކަޝްމީރުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ، އިންޑިއާގެ މިއުޒިކް ކޮމްޕޯޒަރު އޭއާރު ރަހުމާން، ކަޝްމީރުގެ މާޒީގައި ހިނގާފައިވާ ހަމަނުޖެހުންތަކާއި އަނިޔާވެރިކަން ދެއްކުމުގެ ބަދަލުގައި، އެ ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި، އަމާންކަމާއި އަދި މުއްސަނދި ސަގާފަތް ފިލްމުތަކުން ދައްކުވައިދިނުމަށް ޕްރޮޑިއުސަރުންނަށް އިލްތިމާސްކޮށްފިއެވެ.

މި ދަތުރުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ރަހުމާން ބުނީ، ކަޝްމީރުގެ ވާދީއާ މެދު މީހުން ދެކޭގޮތް ހެޔޮ މިސްރާބަކަށް ބަދަލުކުރުމުގައި ފިލްމީ ސިނަމާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ވަސީލަތެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދުން ފެށިގެން މިސްރާބު ބަދަލުވާންޖެހޭ. މާޒީގެ ހިތާމަތަކާއި އަނިޔާވެރިކަމުގެ ވާހަކަތަކަށް ވުރެ ބޮޑަށް، މި ބިމުގެ ގުދުރަތީ ރީތިކަމާއި އަމާންކަން ފަދަ އުންމީދީ ކަންކަން ކުރިއަށް ނެރެންޖެހޭ. މާޒީއަކީ ހިނގައިގޮސްފައިވާ ކަމެއް، އަދި މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް،" ރަހްމާން ބުނެފައިވެއެވެ.

ރަހުމާން އިތުރަށް ފާހަގަކުރި ގޮތުގައި ޖައްމޫ އާއި ކަޝްމީރަކީ އުފެއްދުންތެރި ފަންނުވެރިންނަށް ހިތްހަމަޖެހުމާއި ތަސައްލީ ގެނެސްދޭ ޚާއްސަ މާހައުލެކެވެ. އެގޮތުން، ފަންނުވެރިން އަބަދުވެސް ހޯދަމުންދާ އާ ޚިޔާލުތަކާއި އުފެއްދުންތެރި ވިސްނުންތަކަށް މި ރީތި މާހައުލުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭއާރް ރަހްމާން ކަޝްމީރުގައި މީޑިއާ ރިޕޯޓަރުންނާ ވާހަކަދައްކަނީ -- ފޮޓޯ/ އިންޑިއާޓުޑޭ

މީގެ އިތުރުން، ބޮލީވުޑް ސިނަމާއާއި ކަޝްމީރުގެ ސަގާފީ 'ފޯކް' މިއުޒިކް ކުޅޭ ފަންނުވެރިން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް ރަހުމާން އަލިއަޅުވާފައިވެއެވެ.

"އަޅުގަނޑު މީގެ ކުރިން މިތަނަށް އައީ 'ރޮކްސްޓާ' ފިލްމުގެ މަސައްކަތަށް. އެ ފަހަރު މި ސަރަހައްދުގެ އަންހެން ބޭފުޅުން ކިޔާފައިވާ ފޯކް ލަވަތައް ރެކޯޑްކޮށް، އެ ފިލްމުގައި ބޭނުންކުރިން. އަދި ކުރިމަގުގައި ވެސް މި ފަސްގަނޑުގައި މިފަދަ އިތުރު މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،" ރަހުމާން ބުނެފައިވެއެވެ.

އޭއާރު ރަހުމާނަކީ އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރެކެވެ. އޭނާއަށް ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި މިއުޒިކީ އަދި ފިލްމީ އެވޯޑުތައް ކަމަށްވާ އޮސްކާގެ ދެ އެވޯޑު، ގްރޭމީ ދެ އެވޯޑު، ބަފްޓާ އެވޯޑު އަދި ގޯލްޑަން ގްލޯބް އެވޯޑު ލިބިފައެވެ.

ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ރިލީޒްކުރި މަގުބޫލު ތަމަޅަ ފިލްމު "ރޯޖާ"އިން މިއުޒިކީ ދާއިރާއަށް ތައާރަފުވި ރަހުމާނަކީ، އިންޑިއާގެ ތަފާތު ސަގާފީ މިއުޒިކާއި ހުޅަނގުގެ މިއުޒިކް އެއްކޮށްލައިގެން އާންމުންގެ ހިތްތަކާ ކުޅެލާފަދަ ހިތްގައިމު ރާގުތަކެއް އުފެއްދުމުގައި ނަމޫނާ ޝަޚުޞިއްޔަތެކެވެ. މީގެ އިތުރުން ރަހުމާނަކީ ފިލްމު ޕްރޮޑިއުސްކުރުމާއި ޑައިރެކްޓްކުރުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވަމުން އަންނަ ފަންނާނެކެވެ.

comment ކޮމެންޓް