ރާއްޖެއާއި މެލޭޝިއާއާ ގުޅުން ބަދަހިކުރުމުގެ ދަތުރުފުޅަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ބޮޑުވަޒީރަށް މަރުހަބާ ދެންނެވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އަދި، ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެއާޕޯޓުގައި، ސަގާފީ ހެދުމުގައި ތިބި ސުކޫލު ކުދިންގެ ހުށަހެޅުމެއް ވަނީ ބާއްވައިފައެވެ.
ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅުގެ ތެރެއިން، މާދަމާ ރައީސް މުޢިއްޒާއެކު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދެ ގައުމުގެ ލީޑަރުން ޚިޔާލު ބަދަލުކުރައްވާނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސްމީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރައްވާނެ ކަމަށާއި އެ ރަސްމިއްޔާތުގައި ދެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެކަން ރައީސް އޮފީހުން ފާހަގަކުރިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވަން ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްޤީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ވަނީ ގާއިމުކުރެވިފައެވެ.