ޗައިނާ އީރާނަށް އެހީވާއިރު ވެސް ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާ ޖެހިލުންވެފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ---

ވޮޝިންޓަން (14 ސެޕްޓެމްބަރު 2026): މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދޭ ރައްދު ހަމަލާތަކަށް ޗައިނާއިން އެހީތެރިވާކަމަށް ބުނާ އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކަށް ރައްދު ދެއްވަން ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފިއެވެ.

"ވޯލްސްޓްރީޓް ޖާނަލް" ބުނާގޮތުން މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތަކާއި އަސްކަރީ މަރުކަޒުތަކަށް އެހާ އެކިއުރޭޓްކޮށް އީރާނުން ހަމަލާދެނީ ޗައިނާގެ ޖާސޫސީ ސެޓަލައިޓްތަކުން އެތަންތަނުގެ މައުލޫމާތު އީރާނަށް ދޭތީއެވެ. މިކަމުގައި ޗައިނާގެ 30 އަށް ވުރެ ގިނަ ސެޓައިލްގެ ބޭނުން އީރާން ހިފާކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ "ވޯލްސްޓްރީޓް ޖާނަލް" ބުނެއެވެ.

ޗައިނާ އީރާނަށް ދޭ ޖާސޫސީ އެހީތެރިކަމާ ގުޅިގެން ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެތޯ މުރާސިލަކު ޓްރަމްޕް އާ ސުވާލުކުރެއްވުމުން ޓްރަމްޕް ވަނީ އެކަމަށް ސީދާ ޖަވާބެއް ދެއްވުމަށް ފަސްޖެހިވަޑައިގެންފައެވެ. މި ސުވާލުގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އެމެރިކާ ވެސް ޗައިނާއަށް ޖާސޫސުކުރާއިރު ޗައިނާއިން ވެސް އެމެރިކާއަށް ޖާސޫސުކުރާނެކަމަށް ބަލަންޖެހޭ ކަމަށެވެ.

ހުރުމުޒުގައި ދަތުރުކުރަމުން ދިޔަ އެމެރިކާގެ އަންމޭންޑް ސަބްމެރިންއެއް ދާދިފަހުން އީރާނުން އަތުލައިގަތީ ވެސް ޗައިނާގެ ޖާސޫސީ އެހީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މައްސަލާގައި ވެސް ވާހަކަ ދެއްކުމަށް އެމެރިކާގެ މަސްއޫލުވެރިން ވަނީ ފަސްޖެހިވަޑައިގެންފައެވެ. ނަމަވެސް އެމެރިކާ ވަނީ އީރާނުން މިސަބްމެރިން އަތުލައިގަތްކަމަށް އިއުތިރާފުވެފައެވެ.

އީރާން އިނދަޖައްސާލުމަށްޓަކައި އެ ގައުމާ ދެކޮޅަށް އެމެރިކާ އިއުލާންކޮށްފައިވާ އިގްތިސާދީ ހަނގުރާމައަށް ބޯނުލަނބާ ގައުމުތަކާ ދެކޮޅަށް ފިޔަވަޅުއަޅާނެކަމުގެ އިންޒާރު އެމެރިކާ ދީފައިވީ ނަމަވެސް މި ހަނގުރާމައަށް ބޯނުލަނބާ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެޓް ވަނީ ފަސްޖެހިވަޑައިގެންފައެވެ.

"ވޯލްސްޓްރީޓް ޖާނަލް" ބުނާ ގޮތުން ޗައިނާގެ ޖާސޫސީ މައުލޫމާތުގެ އެހީގައި އީރާންދިން ހަމަލާތަކުން އުރުދުންއާއި ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އުރުދުންގައިވާ ބޭސްތަކަށް އީރާން ދިން ހަމަލާތަކުގައި އެމެރިކާގެ ގިނަ އަދަދެއްގެ އަސްކަރީ ބޯޓުތަކާއި ޖެޓްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މީގެތެރޭގައި އެމެރިކާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓެއްގެ ފިޔަގަނޑު ބިންދައިގެން ދިޔުންވެސް ހިމެނޭކަމަށްވެއެވެ.

މީގެއިތުރުން އުރުދުންގެ މުވައްފިގުއްސަލްތީ ބޭސް އަށް އީރާން ދިން ޙަމަލާތަކުގައި އެމެރިކާގެ ހަތިޔާރުގެ ދެ ގުދަނެއް ހަލާވުމާއި ސިފައިންގެ 15 ވަރަކަށް މީހުން ޒަޚަމްވިކަންވެސްވަނީ ރިޕޯޓްތަކުން ކަށަވަރު ކޮށްދީފައެވެ. އަނެއްކޮޅުން އެމެރިކާގެ ކަނޑުގެ ސިފައިންނާބެހޭ ވެރިޔާ ވަނީ ބަހްރައިންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓުގެ މައިމަރުކަޒު އީރާނުގެ ހަމަލާތަކުގައި އެއްކޮށް ހަލާކުވެފައިވާކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު