މިއަދު ސޯޝަލް މީޑިއާގައި އެންމެ ބޮޑު ސަމާލުކަމެއް ހޯދަމުން އަންނަނީ ދުޅަހެޔޮކަމާ ގުޅޭ އައު ކަސްރަތު ޓްރެންޑެކެވެ. މިއީ ބަނޑު ފުފުމާއި، ހަށިގަނޑުގައި ފެން ހަރުލައި ދުޅަވުން ކުޑަކޮށްދީ، ވިހަ މާއްދާތައް ބޭރުކުރުމަށް އެންމެ ފަސޭހައިން ކުރެވިދާނެ ކަސްރަތުގެ ގޮތުގައި ފެތުރެމުންދާ ވާހަކައެކެވެ. ނަމަވެސް، މި ވާހަކަތަކުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟
ދުވަހުން ދުވަހަށް އާލާވަމުން އަންނަ ޓްރެންޑުތަކުގެ ތެރެއިން މި ކަމަކީ މާ ބުރަ، ނުވަތަ ހެނދުނު ހޭލައިގެން މާ ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެއް ނޫނެވެ. އަދި ބާރަށް ފުންމައިގެން ކުރާ ކަސްރަތުތަކާއި ހައި-އިންޓެންސިޓީ އިންޓަވަލް ޓްރެއިނިން (އެޗްއައިއައިޓީ) ފަދަ އުނދަގޫ ތަމްރީނުތަކާ ނުލައި ކުރެވޭ ފަސޭހަ ކަމެކެވެ.
ގަބޫލުކުރަން ދަތި މިންވަރަށް ފަސޭހަ މި ކަސްރަތަށް ކިޔަނީ "ލިމްފެޓިކް ވޯކިން" ނުވަތަ ހަށިގަނޑުގެ ލިމްފެޓިކް ނިޒާމަށް އަމާޒުކޮށްގެން ހިނގުމެވެ. މީގެ މައިގަނޑު އަސާސަކީ ސީދާ ގޮތުގައި ހަށިގަނޑު ބަހައްޓައިގެން، ބާރުމިނެއްގައި ހިނގުމާއި، އަތް ހޫރުވުން ފަދަ ގުދުރަތީ ހަރަކާތްތަކާއެކު ފުންކޮށް ނޭވާލަމުން ހަށިގަނޑުގެ ހަރަކާތްތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމެވެ.
އިންޓަނެޓުގައި ދައުރުވާ މައުލޫމާތުތަކަށް ބަލާއިރު، މިގޮތަށް ގަވާއިދުން ހިނގުމަކީ ބަނޑު ފުފުން ކުޑަކޮށްދީ، ހަށިގަނޑުގެ ހަކަތަ އިތުރުކޮށް، ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް، މައުލޫމާތު އޮޅުންބޮޅުންވެފައިވާ މި ޒަމާނުގައި ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ ކަމަކީ ސައްހަ އެއްޗަކަށް ނުވާތީ، މާހިރުންގެ ލަފަޔާއެކު މިކަމުގެ ހަގީގަތް ދެނެގަތުން މުހިންމެވެ.
މަޝްހޫރު ފަންނާނުންގެ މެދުގައި ވެސް ލިމްފެޓިކް ނިޒާމުގެ ވާހަކައަކީ މިހާރު އާންމު ވާހަކައެކެވެ. ބައެއް ފަހަރު މޫނު މަސާޖުކުރުމުގެ ގޮތުގައި، އަދި އަނެއްބައި ފަހަރު ޚާއްސަ ގޮތަކަށް ހިނގުމުގެ ސިފައިގައެވެ.
ލިމްފެޓިކް ވޯކިންގް އަކީ އާދައިގެ ހިނގުމަށްވުރެ ބޮޑަށް ހަށިގަނޑުގެ މަސްތަކާއި ނޭވާލުމަށް ސަމާލުކަންދީގެން ކުރިއަށްގެންދާ ހިނގުމެއް -- ފޮޓޯ/ އިންޑިޕެންޑެންޓްހަށިގަނޑުގެ ލިމްފެޓިކް ނިޒާމަކީ ދިފާއީ ނިޒާމުގެ މުހިންމު ބައެއްގެ އިތުރުން، ހަށިގަނޑުގައި ހުންނަ އިތުރު ފެނާއި ކުނިބުނި ބޭރުކޮށްދޭ މައިގަނޑު ނިޒާމެވެ. ހިތާ ޚިލާފަށް، ލޭ ދައުރުކުރުވާ ފަދަ ވަކި ޕަމްޕެއް މި ނިޒާމަކު ނުހުރެއެވެ. އޭގެ ބަދަލުގައި މި ނިޒާމު މަސައްކަތް ކުރަނީ ހަށިގަނޑުގެ މަސްތަކުގެ ހަރަކާތްތަކާއި، ނޭވާލުމުގެ ސަބަބުން އުފެދޭ ޕްރެޝަރަށް ބިނާވެގެންނެވެ.
ލިމްފެޓިކް ވޯކިންގް އަކީ އާދައިގެ ހިނގުމަށްވުރެ ބޮޑަށް ހަށިގަނޑުގެ މަސްތަކާއި ނޭވާލުމަށް ސަމާލުކަންދީގެން ކުރިއަށްގެންދާ ހިނގުމެކެވެ.
ފޯޓިސް މުލުންޑްގެ ކޮންސަލްޓަންޓް އިންޓާނަލް މެޑިސިން ޑރ. ޝޯބާ މަނިޝް އިޓޯލިކަރް ފާހަގަކުރައްވާ ގޮތުގައި، ހިނގާއިރު ފައިގެ މަސްތަކުން ލޭ ހިތާ ދިމާއަށް ފޮނުވުމަށް އެހީތެރިވެދެއެވެ. ލިމްފެޓިކް ނިޒާމުގައި ވަކި ޕަމްޕެއް ނެތުމުން، މަސްތަކުގެ ހަރަކާތްތައް އިތުރުވުމަކީ އެ ނިޒާމުގެ މަސައްކަތް ހަލުވިވެ، ފުރިހަމަވެގެންދާނެ ކަމެކެވެ.
ލިމްފެޓިކް ވޯކިންގްގައި ސަމާލުކަން ދިނުން މުހިއްމު ކަންކަމުގެ ތެރޭގައި، ފުންކޮށް ނޭވާލުމާއި، ހަށިގަނޑު ސީދާކޮށް ބަހައްޓައިގެން ބާރަށް ހިނގުމުގެ އިތުރުން، ގުދުރަތީ ގޮތުން އަތް ހޫރުވުން ހިމެނޭއިރު މިކަންކަމަކީ ހަށިގަނޑުގެ ގުނަވަންތައް ހަރަކާތްތެރި ކުރުވާ ކަންކަން ކަމަށް ޑރ. ޝޯބާ މަނިޝް ފާހަގަކުރައްވައެވެ.
ފިޒިއޮތެރަޕިސްޓް ޑރ. ސޯރަވް ކުމާރު މޮންޑަލް ވިދާޅުވާ ގޮތުގައި، މަސްތައް ކޮންޓްރެކްޓްވެ ދޫވުމުގެ ތެރޭގައި އުފެދޭ ޕްރެޝަރަކީ ގުދުރަތީ ޕަމްޕެއް ފަދައިން މަސައްކަތްކުރާ ކަމެކެވެ. އަދި ފުންކޮށް ނޭވާލުމުން އުފެދޭ ޕްރެޝަރުގެ ސަބަބުން ލިމްފެޓިކް ދިޔާތަކެތި ދައުރުވުމަށް ބާރުއަޅައެވެ. މީގެ މާނައަކީ އާދަޔާ ޚިލާފު ގޮތަކަށް ހިނގުމެއް ނޫނެވެ. މައިގަނޑު ބޭނުމަކީ ގުދުވެ، ފޯނަށް ބަލަމުން ހިނގުމުގެ ބަދަލުގައި ހަށިގަނޑު ސީދާކޮށް، ފުރިހަމަ ހަރަކާތްތަކާއެކު ހިނގުމެވެ.
ޑރ. ޝޯބާ މަނިޝް ވިދާޅުވާ ގޮތުގައި މިގޮތަށް ގަވާއިދުން ހިނގުމަކީ ހަށިގަނޑުގައި ފެން ހަރުލުން ކުޑަކޮށްދީ، ހުޅުތަކުގެ ހަރަކާތްތައް ލުއިކޮށްދީ، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޚާއްސަކޮށް ގިނަ ވަގުތު އިށީނދެގެން ތިބޭ މީހުންނަށާއި، ދަތުރުފަތުރު ގިނަ މީހުންގެ އިތުރުން ބުރަ ކަސްރަތު ނުކުރެވޭ މީހުންނަށް މީގެ ފައިދާ ބޮޑެވެ.
ނަމަވެސް ޑރ. މޮންޑަލް ފާހަގަކުރައްވާ ގޮތުގައި، އާންމު ސިއްހަތު ރަނގަޅު މީހުން މި ނިޒާމު ހިންގުމަށް ޚާއްސަ އުކުޅުތަކެއް ބޭނުންކުރާކަށް ނުޖެހެއެވެ. އަދި މިއީ ބަރުދަން ލުއިކުރުމަށް އޮތް ހަމައެކަނި ޖާދުވީ ހައްލެއް ވެސް ނޫންކަން އޭނާ ފާހަގަކުރައްވައެވެ. ލިމްފެޓިކް ނިޒާމަށް ޚާއްސަ ފަރުވާއެއްގެ ގޮތުގައި ސަމާލުކަން ދޭންޖެހެނީ 'ލިމްފެޑީމާ' ފަދަ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށެވެ.
އެންމެ މުހިންމު ކަމަކީ އެއްތަނެއްގައި މާ ގިނައިރު އިށީނދެގެން ނުއިނދެ، ކޮންމެވެސް ވަރަކަށް ހިނގާބިނގާވެ އުޅުމެވެ. އެއްފަހަރާ މާ ބުރަކޮށް ކުރަން އުޅުމަކީ ވަރުބަލިކަމާއި، މަސްތަކުގައި ރިއްސުން ނުވަތަ ބޯއެނބުރުން ފަދަ އުނދަގޫތައް މެދުވެރިވެދާނެ ކަމެކެވެ.
ހަގީގަތުގައި "ލިމްފެޓިކް ވޯކިންގް"ގެ އެންމެ މުހިންމު ބަޔަކީ އޭގެ ނަމަށްވުރެ ބޮޑަށް، ހަށިގަނޑުގެ ހަރަކާތްތަކަށް ހޭލުންތެރިވެ ހުރެ، ރަނގަޅު ގޮތުގައި ގަވާއިދުން ހިނގުމެވެ. މިއީ ސިއްހީ ހުރިހާ މައްސަލަތަކަކަށް އޮތް ހަމައެކަނި ފަރުވާއެއް ނޫން ނަމަވެސް، ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭނެ ވަރަށް ރަނގަޅު ފިޔަވަޅެކެވެ.