މި ޖީލުުގެ ތެރެއިން އުފެދޭ ޒުވާން އިމާމުންނަކީ، ކުރީގެ އިމާމުންނަށް ވުރެ އިލްމީ ގޮތުން މޮޅު ބަޔަކަށްވާނެ: ޝަހީމް

ޒުވާން ޚަތީބުންގެ މަހާސިންތާގައި މިނިސްޓަރު ޝަހީމް: ވިދާޅުވީ، --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި ޖީލުގެ ތެރެއިން އުފެދޭ ޒުވާން އިމާމުންނަކީ، ކުރީގެ އިމާމުންނަށް ވުރެ އިލްމީ ގޮތުން މޮޅު ބަޔަކަށް ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާގައި މިނިސްޓަރު ޝަހީމު ވިދާޅުވީ، އިމާމުކަމާއި ޖަމާއަތްތެރިކަން ފަދަ ކަންކަމަށް ތަމްރީނު ޕްރޮގްރާމުތަކެއް ހުންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ ކަންކަމަކީ މަތީ ފެންވަރުގެ ސެޓުފިކެޓެއް ބޭނުންވާކަމެއް ނޫން ކަމަށާއި ހުންނަން ޖެހެނީ އެ ކަމަށް އަހުލުވެރިކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ޒުވާން ޖީލުގެ ތެރެއިން އުފެދިގެންމިދާ އިމާމުންނަކީ، ވޭތުވެދިޔަ އިމާމުންގެ ޖީލަށްވުރެ، އިލްމީ ގޮތުން މާ މޮޅު ބަޔަކަށް ވާނެއިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ޒުވާން ޚަތީބުންގެ މަހާސިންތާގައި ޚަބީތުންތަކެއް ----- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ޖީލުގެ ތެރެއިން އުފެދޭ އިމާމުން އިލްމީ ގޮތުން މޮޅު ބަޔަކަށް ވަނީ ނިޒާމީ ތައުލީމުގެ ތެރެއިން މި ޒަމާނުގެ ތައުލީމާއި ތަރުބިއްޔަތާއި ގުރުއާނާއި ތަޖުވީދުގެ އިލްމާއި އިސްލާމީ ފިގުހު އޯލެވެލް ނުވަތަ އޭލެވެލް ފެންވަރަށް ކިޔާވަފައި އިމާމުންނަށް ވެވޭތީއެވެ.

އެ މަހާސިންތާގައި ތިބި ހުރިހާ ޒުވާނުންނަކީ، ތަފާތު މަދަރުސާތަކުން އައިސްފައިވާ ކުދިންކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، އަރަބިއްޔާ ސުކޫލު ނުވަތަ ދީނީ މަދަރުސާއަކުން ކިޔަވާ ކުދިންނަށް ނޫނީ އިމާމުންނަށް ނުވެވޭނެ ކަމަށް މީގެ ކުރިން މީހުން ގަބޫލުކުރި ކަމަށެވެ.

އެކަމަކު، މިއަދު އެކަން ބަދަލުވެ، އެކި ސުކޫލުތަކުން ކިޔަވާ ކުދިން ޒުވާން ޚަތީބުންގެ ތެރޭގައި އެބަތިބި ކަމަށާއި އެއީ މި ޖީލުގެ ތެރެއިން ފާހަގަކުރެވޭ އިލްމީ މޮޅު ކުދިން ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ މުސްލިމަކީ އިމާމުކަން ކުރުމަށް އަހުލުވެރިވެފައި ހުރި މީހަކަށް ވާން ޖެހޭކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ކޮންމެ ދާއިރާއަކުން ކިޔެވި މީހަކަށް ވެސް އިމާމަކަށް ވެވޭނެ ކަމަށެވެ.

ޚަތީބުންގެ މަހާސިންތާގައި ރައީސް މުއިއްޒާއި މިނިސްޓަރު ޝަހީމް --- ފޮޓޯ/ ރައީސް އޮފީސް

ޒުވާން ޚަތީބުންނާ މުޚާތަބުކުރައްވައި މިނިސްޓަރު ވަނީ، ހިތްވަރާއި އަޒުމާއެކީ ކުރިއަށް ގޮސް، ބޭނުން ދާއިރާކުން ކިޔެވުމަށް ހިތްވަރު ދެއްވާފައެވެ. އެކަމަކު، މުޅި ހަޔާތުގައި އިމާމުކަން ކުރުމަށް މިނިސްޓަރު ޚަތީބުންނަށް ގޮވާލެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޚަތީބުކަމުގައި ވަރަށް ގިނަ ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެ ކަންކަމާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންގެ ޝިކާރައަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ، އިސްލާމްދީނުގެ މެދުމިން އުސޫލުތަކުގައި ސާބިތުކަމާއެކު ކުރިއަށް ދިޔުމަށް މިނިސްޓަރު ޚަތީބުންނަށް އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް